ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ދީފި

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާތީ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެވޯޑު ދެނީ --- ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެވޯޑެއް ދީފިއެވެ.

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ރާއްޖެއަށް އެ އެވޯޑު ދިނީ އޭޝިއާ ސަރަހައްދުގައި އާއްމު ސިއްހަތު ރައްކާތެރިކުރުމަށް މެންބަރު ގައުމުތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް ދެކުނު އިރުމަތީ އޭޝިއާގެ 70 ވަނަ ސަރައްހައްދީ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ގަމުތަކުގެ ތެރޭގައި ހިރާއްޖޭގެ އިތުރުން ބޫޓާންވެސް ހިމެނެއެވެ. އަދި ރާއްޖެ އާއި ނޭޕާލަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަހައްދުގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްގެ ކުރިން މިކަން ހާސިލް ކޮށްފައިވާ ފުރަތަމަ ދެގައުމު ކަމުގައި ފަޚުރުވެރިކަމާ އެކު އެކަމަނާ ވަނީ ފާހަގަކޮށްފައެވެ.

ގައިންގައިން އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައިވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން ޢުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގިއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

ދެހާސް ވިހި ވަނަ އަހަރު އައުމުގެ ކުރިން މި ސަރަހައްދުން ހިމަބިހި ނައްތާލާ އަދި ރުބެއްލާ ޖެހުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ޓާރގެޓްގެ ދަށުން ބަލިއުޅޭކަން ދެނެގަތުމަށް "ޑިޒީސް ސަރވެއިލަންސް" ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗު މަހުގެ ތެރޭގައި އެމްއާރު (މީސްލްސްރުބެއްލާ) ވެކްސިން ދިނުމުގެ ޚާއްސަ ގައުމީ ކެމްޕެއިންއެއް ވަނީ ހިންގާފައެވެ. މި ގައުމީ ކެމްޕެއިން އިފްތިތާޙް ކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަދި މި ކެމްޕެއިންގެ ނަތީޖާއާއި ކަމާބެހޭ މަޢުލޫމާތުތައް މިދިޔަ އޭޕްރީލްގައި ރީޖަނަލް ވެރިފިކޭޝަން ކޮމިޝަންއިން ބައްލަވާ ކަށަވަރުކޮށްފައެވެ.

ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަމުގައި ދެމެހެއްޓުމަށްޓަކައި މިހާރުވެސް ކުރިއަށް ގެންދާ ގައުމީ ތާވަލާއި އެއްގޮތަށް ވެކްސިނޭޝަން މެދުނުކެޑި ކުރިއަށް ގެންދިއުމާއެކު ބަލި އުޅޭ ނޫޅޭގޮތް ހަރުދަނާ ކަމާއިއެކު ބަލަހައްޓަމުން ގެންދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ރާއްޖެއިން ހިމަބިހި ނައްތާލުމަށް ކުރި މަސައްކަތުގައި ދިވެހި ރައްޔިތުންދިން އެއްބާރުލެއްވުމާއި ސިއްހީ ޚިދުމަތްތެރިންނާއި އެހެނިހެން ފަރާތްތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮށްދިން އަގުހުރި މަސައްކަތް ފާހަގަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް