މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

"ތިޔަބައިމީހުނާ ދެކޮޅަށް އެއްވެފައިވާ މީހުންދެކެ ބިރުވެތިވާށޭ ވެސް ބުންޏެވެ. ނަމަވެސް އެޚަބަރުންވެސް މުސްލިމުންގެ އީމާންކަންވީ އިތުރުވެ. ހިތްވަރު ވަކީންވީގަދައެވެ. މުސްލިމުންގެ ޖަވާބަކަށްވީ " ތިމަންމެންނަށް ﷲ ފުދެއެވެ. އަދި،ވަކީލުކުރެވޭ ފަރާތުގެ މޮޅޮކަމާއެވެ." (އާލުޢިމްރާން : 173) މިޖަވާބެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމްރާއުލް އަސަދުގައި ތިންދުވަހު (ޝައްވާލު ނުވައެއް، ދިހައެއް، އެގާރަ – ހޯމަ، އަންގާރާ، ބުދަ ) ހުންނެވިއެވެ. އިސްލާމީ ލަޝްކަރުން ކޮންމެ ރެޔަކުވެސް އެތައްސަތޭކަ ގަނޑު އަލިފާން އަންދައި މުޅިތަން ހުޅުދާންކުރިއެވެ. އެހެންކަމުން އިސްލާމީ ލަޝްކަރުގެ ޚަބަރު ފަރާތްފަރާތަށް ފެތުރި ދެކޮޅުވެރިންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. ޙަމްރާއުލްއަސަދު ހަނގުރާމައަކީ ވަކި ހަނގުރާމައެއްގެ ގޮތުގައި ބައެއް މުއައްރިޚުން ލިޔުއްވިކަމުގައިވިޔަސް ޙަޤީޤަތުގައި ޙަމްރާއުލްއަސަދު ހަނގުރާމައަކީ އުޙުދު ހަނގުރާމައިގެ ފަހު ސަފްޙާއެވެ. އުޙުދު ހަނގުރާމަ ނިމެނީ ޙަމްރާއުލްއަސަދު ހަނގުރާމަ ނިމުންނެވެ.

މުސްލިމުން ޙަމްރާއުލްއަސަދުގައި ތިބިތިބުމުގައި ލަޝްކަރުގެ ފާރަވެރީންގެ ގޮތުން އެހިސާބުގަނޑުގައި ބުރުޖެއްސެވި އަސްވާރުންގެ ޖަމާޢަތަކާ އަބޫޢިއްޒަތުލް ޖުމަހީއާ ދިމާވިއެވެ. އެބޭކަލުން އޭނާ ހައްޔަރުކުރައްވައިގެން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންނެވިއެވެ. އޭނާއަކީ ބަދުރުހަނގުރާމައިގައި ހައްޔަރުވި މީހެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީލަތިފުޅުކަމުން އޭނާ ދޫކޮށްލެއްވީއެވެ. ފިދުޔަ އަތުލެއްވުމަކާވެސް ނުލައެވެ. އޭނާގެ ވާހަކަ މިމައުޟޫގައިވެސްވަނީ ބަޔާންކުރެވިފައެވެ. އޭނާ ވަޢުދާ ޚިލާފުވެ އުޙުދު ހަނގުރާމަޔަށް މީހުން އެއްކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާގެ ޅެންތަކުގެ ބާރުގައެވެ. އޭނާ އުޙުދު ހަނގުރާމައިގައި ޢަމަލީގޮތުންވެސް ބައިވެރިވިއެވެ.

އޭނާ ކައުސާހިބާގެ އަރިހަށް ގެނެވުމުން ދެންނެވިއެވެ. " އޭ މުޙައްމަދުގެފާނެވެ. އަޅުގަނޑަށް ކުށެއްކުރެވުނީއެވެ. އަޅުގަނޑާމެދު އިޙްސާންތެރިވެ ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ އެތިބަ އަންހެންކުދީން ކޮޅަށްޓަކައި އަޅުގަނޑު ދޫކޮށްލައްވާށެވެ. ދެން އެހެން ފަހަރަކުން މިކަހަލަ ކަމެއް ނުކުރާނަމެވެ."

އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. " ނޫނެކެވެ. ކަލޭގެ މައްކާޔަށް ގޮސް މިއައީ މުޙައްމަދުގެފާނަށް ބަހަކުން ސިޙުރެއް ހަދައިފައޭ ބުނެ ދެކަންކަށިމަތީ ފިރުމާކަށެއް މިފަހަރު ދުލެއްނުކުރައްވާނަމެވެ. މުއުމިނެއްގެ ގަޔަކު އެއްހަރަކުން ދެފަރަކު ކައްޓެއް ނުޖެހޭނެއެވެ." މިހެން ޙަދީޘުކުރެއްވުމަށްފަހު އައްޒުބައިރު ބުނުލް ޢައްވާމު ނުވަތަ ޢާޞިމު ބިން ސާބިތު (ރަޟިޔަﷲ ޢަންހުމް ) އަށް އަމުރުކުރައްވައިގެން އޭނާ ޤަތުލުކުރައްވައިފިއެވެ.

ހަމައެފަދައިން މައްކާގެ ޖާސޫސަކުވެސް މުސްލިމުންގެ އަތްދަށުވެ ޤަތުލުވިއެވެ. އޭނާއަކީ މުއާވިޔާ ބިން މުޣީރާ ބިން އަބިލްޢާސެވެ. އޭނާއަކީ ޚަލީފާ ޢަބަދުލްމަލިކު ބިން މަރުވާނުގެ މާފައެވެ. އޭނާއަކީވެސް އުޙުދު ހަނގުރާމައިގައި ބައިވެރިވި މީހެކެވެ. ހަނގުރާމަ ނިމިގެން މުޝްރިކުން ފުރައިގެން ދިޔުމުން އޭނާ މަދީނާއަށް ދިޔައީ އޭނާގެ ދެބޭންގެ ދެދަރި އަޚެއްކަމުގައިވާ ޢުޘްމާން ޛުއްނޫރައިނި ރަޟިޔަﷲ ޢަންހުއާ ބައްދަލުކުރުމުގެ ނަމުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޘްމާނުގެފާނަށްޓަކައި އެކަލޭގެއަށް އަމާންކަންދެއްވައި ތިންދުވަސްވަންދެން މަދީނާގައި ހުރުމުގެ ހުއްދަދެއްވިއެވެ. ތިންދުވަސް ފަހުން މަދީނާގައި ހުރެއްޖެނަމަ ޤަތުލުކުރައްވާނެކަން އެންގެވުމާއެކުގައެވެ.

ނަމަވެސް މުސްލިމުން ޙަމްރާއުލްއަސަދަށް ފުރައިގެންގޮސް މަދީނާއިން ސިފައިން ހުސްވުމުން އޭނާ މައްކާގެ މީހުނަށް ޖާސޫސުކުރަން ފެށިއެވެ. އިސްލާމީ ލަޝްކަރު ޙަމްރާއުލްއަސަދުން އެނބުރި އައުމުން ފިލައިގެންދާން މަސައްކަތްކުރިއެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒައިދުބިން ޙާރިޘަތު އާއި ޢައްމާރު ބިން ޔާސިރު އާ ދެބޭކަލުން (ރަޟިޔަﷲ ޢަންހުމް) ފޮނުއްވައިގެން އޭނާ ޤަތުލުކޮށްލެއްވިއެވެ.

އުޙުދު ހަނގުރާމައިގެ ޢަސްކަރީ ވަޒަންކުރުމެއް

މަތީގައި އެވަނީ އުޙުދު ހަނގުރާމަ ހިނގައިދިޔަގޮތުގެ ބަޔާނެކެވެ. ހާމަކުރެވުނު ޙަޤީޤަތްތަކުގެ އަލީގައި އެހަނގުރާމައިގެ ނަތީޖާއާމެދު އަމިއްލަފުޅު ރައުޔެއް ބިނާކުރެއްވުމަކީ މަޒްމޫނު ވިދާޅުވި ބޭފުޅުންނަށް ދަތިފުޅުކަމަކަށް ނުވާނެކަމުގައި ދެކެމެވެ. އެހެންކަމާއެކުވެސް މިޒަމާނުގެ ޢަސްކަރީ މުހައްލިލުންނާއި، ސީރަތުގެ މުޙައްޤިޤުން އުޙުދުހަނގުރާމަޔާ މެދު ކަނޑައަޅުއްފައިވާ ނިޔާވެސް މިތާނގައި ބަޔާންކޮށްލުން ބޭނުންކަމުގައި ދެކެމެވެ. މިމައިގަނޑު ނަމުގައި އަޅުގަނޑު އެއްޗެއް ލިޔުމުގެ ޙަޤީޤީ މަޤުޞަދަކީވެސް އެވާހަކަ ގެނައުންކަމުގައިވާތީއެވެ.

އުޙުދު ހަނގުރާމައިގައި މުސްލިމުން ބަލިވިތޯ ނުވަތަ ނޫންތޯ ވަނީ ވަރަށް ދިގު ބަޙުޘުތަކެއްކުރެވިފައެވެ. އަސްކަރީ ތަޖުރިބާކާރުންނާއި، ސީރަތުގެ އެދުރުން މިހާރު ވަނީ މައްސަލައިގައި ފަހުބަސް ވިދާޅުވެފައެވެ.

ޝައްކެއްނެތެވެ. އުޙުދު ހަނގުރާމައިގެ އެންމެ ފުރަތަމަ މަރްޙަލާގައި މުސްލިމުންނަށް ރަންކާމިޔާބީތަކެއް ލިބުނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ ލަޝްކަރަށް ދެއްވަމުން ގެންދެވި އަސްކަރީ ތަރްބިޔަތުގެ މޮޅުކަމުންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރު އަތުރައިލެއްވިލެއް ފުރިހަމަކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުސްލިމުންވަނީ މުޝްރިކުންގެ ލަޝްކަރު ފަހަތަށް ޖައްސައިލައި އެއްބަޔަކަށް ފިލައިގެންދާން މަޖްބޫރުވެސް ކުރުވައިފައެވެ. ނަމަވެސް މުސްލިމުން، މުޝްރިކުންގެ ތެރެއިން ފިލައިގެންދާ މީހުންގެ ފަހަތަކުން ނުދިޔައެވެ. ޣަނީމާގެ ދަހިވެތިކަމުގައެވެ. މުސްލިމުންވަނީ ޤުރައިޝުން ފައްސައި ދުރަށްލައި އެބައިމީހުންގެ އަސްކަރީބާރު ކަފާސްކޮށްލަން ލިބުނު ރަނުގެ ފުރުސަތު ނަގައިލައިފައެވެ. އަސްކަރީ ނަޒަރުން ބަލާއިރު މިއީ މުސްލިމުންނަށް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. މުސްލިމުން އެކަމަށް ވަރަށް ބޮޑު އަގެއް ދައްކާންޖެހުނެވެ. މިކަންތައް ހިނގައިގެން ދިޔައީ ހަނގުރާމައިގެ ވަރަށް ކުރީ މަރްޙަލާއެއްގައެވެ. އޭރު މުޝްރިކުން މުޅީން ބަލިކޮށެއްވެސް ނުލެވެއެވެ. އެބައިމީހުންގެ ޙަމަލަދިނުމުގެ ބާރު ކަނޑުވައެއްވެސް ނުލެވެއެވެ. މުސްލިމުންނަށް ހެދުނު ގޯހަކީ މުސްލިމުންގެ ޤާއިދު ނުހަނު މޮޅަށް ހައްދަވައިފައި ހުރި ސަފުތައް ރޫޅައިލެވުނުކަމެވެ. މުޝްރިކުން އެބައިމީހުންގެ ބާރާއެކު މައިދާނުގައި ތިއްބައި ޣަނީމާއެއްކުރުމުގައި މަޝްޣޫލުވެގަނެވުނުކަމެވެ. މުސްލިމުން ހެދި ގޯހުގެ ސަބަބުން މުސްލިމުންނާ އެބައިމީހުންގެ ކޮމާންޑަރ އިން ޗީފާ ގުޅުންކެނޑުނެވެ. މުސްލިމުންގެ ތެރެޔަކު އެވަގުތު އިންތިޒާމެއްވެސް ރޭވުންތެރިކަމެއްވެސް ނެތެވެ. ލަޝްކަރެއްގައި އަސްކަރިއްޔަތެއް އުފެދެނީ ރޭވުންތެރިކަމެއް އޮވެގެންނެވެ. އިންތިޒާމު ހިފެހެއްޓިގެންނެވެ. މުސްލިމުން ތިބީ ރޫޅި ވަކިވަކިވެފައެވެ. އެތަން ފެނުމުން ޤުރައިޝުންނަށް ޖަވާބީ ޙަމަލައެއް ދޭނެ ފުރުސަތު ލިބުނެވެ. ޖަބަލުއްރުމާތުގައި ބައިތިއްބެވި ތީރުވެރިން އެފަރުބަދަ ދޫކޮށް ފޭބުމަކީ މުސްލިމުންނަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. އެއީ ފަހަތުން އައިސް އަރައިގަތުމަށް ދުޝްމިނުންނަށް ދަޢުވަތު ދެވުމެވެ. މުޝްރިކުންވަނީ އެފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިފައެވެ. މުސްލިމުން ވަށައިލައި އެތައްބަޔަކު ޝަހީދުކޮށްލައިފައެވެ. ނަމަވެސް މުސްލިމުންގެ ކޮމާންޑަރ އިން ޗީފުގެ ހިތްވަރުފުޅު ގަދަކަމާއި، ސާބިތުކަމުން ޤުރައިޝުންނަށް އެމީހުން ބޭނުންވި ނަތީޖާ ނެރެވުނަކަ ނުދެއްވިއެވެ.

މުސްލިމުންގެ ސީރަތު ލިޔުންތެރިން ކުރެ ބައެއް ބޭކަލުން އަވަސްކޮށްލައްވައި ކުރު ކޮށްލައްވައިފައި އުޙުދު ހަނގުރާމައިގައި މުސްލިމުން ބަލިވީކަމުގައި ލިޔުއްވަނީ އިސްވެދެންނެވުނު ސަބަބާ ހުރެ މުސްލިމުންނަށް މުޝްރިކުންނަށްވުރެ ބޮޑެތި ޖާނީގެއްލުންތަކެއް ލިބުމުންނެވެ. މުސްލިމުން ބައިބައިވެ މަދުބަޔަކު ނަމަވެސް މައިދާނުން ފުރަގަސްދީ ފިލައިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް އަސްކަރީ މުބައްޞިރުން ދެކެވަޑައިގަންނަވާ ގޮތުގައި އުޙުދު ހަނގުރާމާއިގައި މުސްލިމުން ބަލިވިކަމުގައި ބުނެވޭކަށެއް ނެތެވެ. އަސްކަރީ މުޙައްލިލުން އެބޭކަލުންގެ ދައުވާ ސާބިތުކުރައްވަން ވަރަށް ގިނަ ހެކިތައް ދައްކަވައެވެ. އޭގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ޤުރައިޝުންގެ ޖާވާބީ ޙަމަލަ މަތަނުކުރެވި މުސްލިމުންގެ ލަޝްކަރު ރޫޅިމަދުބަޔަކު ފިލައިގެންދިޔަ ކަމުގައިވިޔަސް މުސްލިމުންގެ ލަޝްކަރުގެ ބޮޑުބައި މައިދާނުގައި ސާބިތުވެއޮތެވެ. އެންމެ ފަހުން އެލަޝްކަރުވަނީ ޤުރައިޝުން ގަތައިފައިހުރި ކޮށި ފޫވައްޓައިލައިބޭރަށް ނިކުމެފައެވެ. ލަޝްކަރުގެ ކޮމާންޑަރ އިން ޗީފުގެ ދިދައިގެ ދަށަށް ޖަމާވެފައެވެ. ޤުރައިޝުން އުޙުދުގެ މައިދާން ދޫކޮށްލައިފައި ދިޔައިރުވެސް އިސްލާމީ ލަޝްކަރު މައިދާނުގައި ފުރިހަމަ އާރާއިބާރާއެކު ސާބިތުވެއޮތެވެ. ޤުރައިޝުންނަށް މުސްލިމުންގެ އެންމެ ސިފައިންގެ މީހަކުވެސް ހައްޔަރެއްނުކުރެވުނެވެ. އެންމެ ކުޑަމިނުން ޖަމަލުބަންނަ ވާފަށެއްވެސް ޣަނީމާއެއް ނުކުރެވުނެވެ. ޝަހީދުންގެ ހަށިކޮޅުތަކުން ފޭރުނު އެއްޗެއް ފިޔަވައެވެ.
  2. މުސްލިމުން ވަނީ އެބައިމީހުންގެ ވެރިރަށަށް ދުޝްމިނުން ދީފާނެކަމަށް ބެލެވުނު ޙަމަލައިން ރަށް ދިފާޢުކުރުމަށްޓަކައި ކުރިއަރައިގެން ގޮސް ޙަމްރާއުލްއަސަދުގައި ހަނގުރާމައިގެ އިސްސަފު ރުކުރުވައިލައިފައެވެ.
  3. ޤުރައިޝުންނަށްވަނީ އިސްލާމީ ލަޝްކަރު ފުނޑުފުނޑުކޮށްލައި މުސްލިމުންގެ އާރާއި ބާރު ފައިދަށުލައި ޗިސްކޮށްލަން ޚުދު މުސްލިމުން ފަހިކޮށްދިން ފުރުސަތުގެ ބޭނުންނުކުރެވި ގެއްލިފައެވެ.
  4. ޤުރައިޝުންގެ އެންމެ ބޮޑު އަމާޒަކީ އިސްލާމީ ތަޙްރީކުގެ ބާނީ އަދި މުސްލިމުންގެ ކޮމާންޑަރ އިން ޗީފް (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޝަހީދުކޮށްލުން ނުވަތަ ހައްޔަރުކުރުމެވެ. ޤުރައިޝުންނަކަށް އެކަން ކާމިޔާބެއްނުވިއެވެ.
  5. ޤުރައިޝުންގެ ދެވަނަޔަށް އެންމެ ބޮޑު މަޤްޞަދަކީ އިސްލާމީ ދައުލަތުގެ ވެރިރަށް ފަތަޙަކޮށް އެރަށް ސުންނާފަތިކޮށްލުމެވެ. އެރަށް އޮތީ "އަތްފޯރާފަށު" ގައެވެ. އެއްވެސް ކަހަލަ ދިފާޢީބާރެއް ނެތިއެވެ. ނަމަވެސް މުޝްރިކުންގެ އެމަޤްޞަދުވެސް ވަނީ އަބަދަށްޓަކައި ނާކާމިޔާބުވެފައެވެ. ޤުރައިޝުންނަކަށް އެރަށަކަށް ވައިވެސް ނޭޅެވުނެވެ.
  6. ޤުރައިޝުން މިހަނގުރާމައިން ހާޞިލުކުރަން ބޭނުންވި އިޤްތިޞާދީ ލަނޑުދަނޑިއަކީ އެއުރެންގެ ވިޔަފާރި ދަތުރުތަކަށް ހުރަސްއެޅުމުގެ އެކަށޭނަކަން މުސްލިމުންގެ އަސްކަރިއްޔާގައި ނުހުންނާނެވަރުގެ "ބޮނޑިޔެއް އަޅައިލުމެވެ." މުސްލިމުންގެ އެބަލިކަށިކަން މުސްލިމުންގެ ޙަލީފުންނަށް ދައްކައި މުސްލިމުންނާ ޖަހަތުންކަނޑައިލާނެ ގޮތް ހެދުމެވެ. ނަމަވެސް ޤުރައިޝުންގެ އެހުވަފެންވެސް ވީ ބިލާހަކަށެވެ.
  7. ޤުރައިޝުން ނުހަނު ބޮޑު ޚަރަދުކޮށްގެން ކުރި މިހަނގުރާމައިން އެބައިމީހުންނަށް އެއްވެސް މިންވަރެއްގެ އިޤްތިޞާދީ ފައިދާއެއްވެސް ސިޔާސީ މަންފާއެއްވެސް ނުހޯދުނެވެ.
  8. ޤުރައިޝުން މިހަނގުރާމައަށް ކުރި ބޮޑު ހޭދަ އެއްވެސް ނަތީޖާއެއް ނުފެނި ބޭކާރުވުމުން އެއުރެންގެ އިޤްތިޞާދު އިނދަޖެހުނެވެ. ކުރިމަގުގައި މުސްލިމުންނާ ކުރިމަތިލުމަށްޓަކައި އެބައިމީހުންގެ އަސްކަރީ ބާރުތައް ތަރައްޤީކުރެވޭނެ ގޮތެއްނުވިއެވެ.
  9. އެޒަމާނުގެ ހަނގުރާމަތަކުގައި ފާތިޙުންގެ އާދަޔަކީ ހަނގުރާމަ ނިންމައިލުމަށްފަހު ދެތިން ދުވަހު މައިދާނުގައި މަޑުކުރުމެވެ. އެތިބޭތިބުމުގައި ރޭގަނޑު އަލިފާންރޯކޮށް މުޅިމައިދާން ހުޅުދާންކުރުމެވެ. އެއީ ފަތަޙަ އިޢުލާންކުރުމާއި، ދުރުތިބީންނަށް އެކަން އަންގައި ތިމާމެންގެ ބާރުހުރިކަން ދައްކައިލުމުގެ މަޤްސަދުގައިކުރާކަމެކެވެ. ޤުރައިޝުންނަކަށް ހަނގުރާމަ ހިނގި ދުވަހު އިރުއޮއްސޭންދެންވެސް އުޙުދުގެ މައިދާނުގައި މަޑުކުރާކަށެއް ނުކެރުނެވެ. ޤުރައިޝުން އަވަސް އަވަހަށް މައިދާން ދޫކޮށްލައިފައި ދިޔައީ ހަނގުރާމައިގެ ތިންވަނަ ބުރެއް ފެށިއްޖެނަމަ އެމީހުން ބަލިވާނެކަން ކަށަވަރުވާތީއެވެ.
  10. މިހަނގުރާމައިގައި ޤުރައިޝުންގެ ކޮމާންޑަރ އިން ޗީފުގެ އަނބިކަނބަލުން އަދި އެމީހުންގެ އަންހެންކޮނޑީގެ ޒައީމާ އެނބުރި ވަޑައިގެންނެވި މަގުމަތީގައި އެކަމަނާގެ އިޙްސާސްތައް ތަރުޖަމާ ކުރައްވައި ހެއްދެވި ޅެމެއްގައި ވިދާޅުވެފައިވަނީ މިދަންނަވާގޮތަށެވެ.

" އަހަރެންގެ ބައެއް މަޤްސަދުތައް ހާޞިލުވިކަމުގައިވިޔަސް އެނބުރި އަންނާން މިޖެހުނީ ، އަހަރެންގެ ހިތުގައި ވަރަށް ގިނަ ހިތާމަތަކެއްފިލުވައިނުލެވި ބާކީ ހުއްޓައެވެ. އަހަރެންގެ ބައެއް މަޤްޞަދުތައް ޙާޞިލުނުކުރެވި ފާއިތުވެހިނގައްޖެއެވެ. ބަދުރު ހަނގުރާމައިގެ ބައިވެރީން ކަމުގައިވާ ޤުރައިޝުން (މުސްލިމުން) ނާއި، އެނޫން މީހުންނާއި ޔަޘްރިބުގެ އަހްލުވެރިންނާއި، ހާޝިމު ވަންހައިގެ މީހުނާ ބެހޭގޮތުން އަހަރެން ޙާޞިލުކުރަން ބޭނުންވި މަޤްޞަދުތަކެވެ. މިދަތުރާއި، ބާދިޔާގައި އަތްފުނާއެޅުމާއި، ހަނގުރާމަކުރުމުން ޙާޞިލުކުރަން އަހަރެން އުންމީދުކުރި ހުރިހާ މަޤްސަދުތަކެއް ޙާޞިލެއްނުވިއެވެ." (ސީރަތު އިބްނު ކަޘީރު – އުރުދޫ އެޑިޝަން)

  1. އެންމެ ފަހު ބަހެއްގެ ގޮތުން ކޮލުދަތުން ބާރަށް ހިފެހެއްޓުން ޙައްޤުކަން ބޮޑީ އަރަހުށި މާތްﷲ ގެ ބަސްފުޅެވެ. ކީރިތި ޤުރުއާނުގެ މިދަންނަވާ އާޔަތުންވެސް އިޝާރާތްލިބެނީ އިސްވެދެންނެވި ވާހަކަތަކަށެވެ. އެއާޔަތުގައިވަނީ ގެއްލުންދިނުމާއި ގެއްލުންލިބުމުގައި އެއްލަޝްކަރާއި އަނެއް ލަޝްކަރު ދާދި ހަމަހަމަކަމށް އިޝާރާތްކުރައްވައިފައެވެ.

"ތިޔަބައިމީހުން ދުޝްމިނުން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތިވެނުގަންނަހުށިކަމެވެ! ތިޔަބައިމީހުންނަށް (ލިބިފައިވާ ހާނިއްކައިގެ ސަބަބުން) ވޭންލިބުނުކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ވޭންލިބޭފަދައިން، ހަމަކަށަވަރުން، އުރެންނަށްވެސް ވޭންލިބޭނެތެވެ." (ސޫރަތުއްނިސާއު : 104)

މިހުރިހާ ސަބަބުތަކާހުރެ މިހަނގުރާމަޔަކީ މިވެނިބަޔަކު ގަދަވެ އެވެނި ބަޔަކު ބަލިވި ހަނގުރާމައެކޭ ވިދާޅުވުމުގެ ބަދަލުގައި މިޒަމާނުގެ އަސްކަރީ މުބައްޞިރުންނާއި ، ސީރަތުގެ މުޙައްޤިޤުން ވިދާޅުވަނީ މިހަގުރާމައަކީ ވަކިގޮތަކަށް ނިޔާކަނޑަނޭޅޭ ހަނގުރާމައެއްކަމުގައެވެ. މުބައްޞިރުންނާއި މުޙައްޤިޤުން ވިދާޅުވާގޮތުގައި ދެބައިމީހުންކުރެ ކޮންމެ ބަޔަކުވެސްވަނީ ކާމިޔާބީއާއި ނާކާމިޔާބީގެ ތެރެއިން ބައެއް ޙިއްޞާކޮށްފައެވެ. އެއްބަޔަކު އަނެއްބައެއްގެ އަސްކަރުގާހު ފަތަޙަނުކޮށް ހަނގުރާމަ ހުއްޓައިލައިފައެވެ.

އުޙުދު ހަނގުރާމައިން މުސްލިމުން ދެފިލާވަޅެއް ލިބިގަންނާން ޖެހެއެވެ. އެއްފިލާވަޅަކީ އަސްކަރީމައިދާނުގައި ވެރިޔާގެ ނުވަތަ އަމީރުގެ ބަސްކައްޗާކޮށް އޭނާގެ އަމުރު ބޮލާލައިޖަހައި، ރޭވުންތެރިކަމާއި، އަސްކަރީ އަޚްލާޤިއްޔާތު ނައްތައިލުމަކީ ފަތަޙައިގެ ފުރުސަތު ނަގައިލުންކަމެވެ. ނާކާމިޔާބީއާއި، ބަލިވުމަށް ދަޢުވަތު ދިނުންކަމުގައެވެ. ދެވަނަ ފިލާވަޅަކީ ހަރުދަނާ، ޤާބިލް ލީޑަރޝިޕެއް އޮވެއްޖެނަމަ ބަލިވާނެކަން ކަށަވަރުވެފައިވާ ލަޝްކަރެއްވެސް ސަލާމަތް ކުރެވިދާނެކަމެވެ. ހަޤީޤަތަށްދަންނަވާނަމަ މިހަގުރާމައިގައި މުސްލިމުން ހަލާކުވެ ބަރުބާދުވެދިޔުމުން ސަލާމަތްވީ ދެވަނަ މިސާލެއްނެތް ފަދަ ޤާބިލް އިންސާނެއްގެ ވަރުގަދަ ޤިޔާދަތުގެ ސަބަބުންނެވެ. އާދެ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާދަޔާޚިލާފު މޮޅު ޤިޔާދަތުގެ ސަބަބުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ ޤިޔާދަތުގައި ހިމެނޭ ބައެއް އަސާސީސިފަފުޅުތަކާ މެދުވެސް މިތާނގައި ކޮންމެވެސް މިންވަރެއްގެ ވާހަކަކޮޅެއް ގެނެސްދިނުމަކީ މުނާސަބުކަމެއްކަމުގައި ދެކެމެވެ.

ހ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގައި އެކަލޭގެފާނުގެ ޤިޔާދަތާމެދު ފުރިހަމަ ޔަޤީންކަން އޮވެއެވެ. ހަމައެފަދައިން މުސްލިމުންގެ ހިތްތަކުގައިވެސް އެކަލޭގެފާނުގެ ޤިޔާދަތާމެދު ފުރިހަމަ ޔަޤީންކަން އޮވެއެވެ. މުސްލިމުން އެކަލޭގެފާނުގެ ޤިޔާދަތަށް ފުރިހަމައަށް އިތުބާރުކުރެއެވެ.

ށ. ކިތަންމެ ވަރުގަދަބާރަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަމުގައިވިޔަސް، ކިތަންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅުނުކަމުގައިވިޔަސް ، ކިތަންމެ އުންމީދުގެއްލޭފަދަ ޙާލަތެއްކުރިމަތިވި ކަމުގައި ވިޔަސްވެސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުޑަކޮށްވެސް ޖެހިލުންވެވަޑައިއެއް ނުގަންނަވައެވެ. ބިރުފުޅު ގެންވަޑައެއްނުގަނެއެވެ.

ނ. އިތުރުސާހިބާގެ ކެތްތެރިވެވަޑައިގަތުމާއި، ބަރުދާސްކުރެއްވުމާއި، ހިތްވަރުފުޅުގަދަކަމާއި، ސާބިތުކަމަކީ އެފަދަ ދެވަނަ މިސާލެއްނެތްފަދަ ކަންކަމެވެ.

(ނުނިމޭ)

comment ކޮމެންޓް