ރާއްޖޭގައި 80 ޕަސެންޓް މީހުން މަރުވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުގައި

ޑަބްލިއެޗްއޯ ސީރޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ފެށުމުގެ ހަވާސާގެ ބޭރުން ބޭއްވި ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަފްރާހް

ރާއްޖޭގައި މަރުވާ މީހުންގެ 80 ޕަސަންޓަކީ ދިރިއުޅުމާ ގުޅުންހުރި ބަލިތަކުގައި މަރުވާ މީހުން ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕެރަޑައިސް ރިސޯޓްގައި މިއަދު ފެއްޓި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯ ސައުތު އޭޝިއާ ސަރަހައްދުގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމުގައި ރާއްޖޭން ކުރިއެރުންތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ވިހެއުމާއި ޅަފަތުގައި ކުދިން މަރުވާ މިންވަރު މަދު ކުރެވި، ތަރައްގީ ވެފައިވާ ގައުމުތަކާ އެއް މިންވަރަށް އެވްރެޖްކޮށް މީހުން މަރުވާ އުމުރު މަތި ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކާމިޔާބީތައް ފާހަގަކުރަމުންދާއިރު އަދިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ހަލުވިކަމާއެކު ފެތުރި، ކެންސަރާއި ހަކުރު ބަލި ހުންނަ މީހުންގެ އަދަދު މަތިވެފައިވާ އިރު، ޑިޕްރެޝަންއަކީ ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

"ރާއްޖޭގައި މަރުވާ މީހުންގެ 80 ޕަސެންޓަކީ ދިރިއުޅުމާ ގުޅުންހުރި ބަލިތަކުގައި މަރުވާ މީހުން. ފަރުވާ ހޯދުމަށް ބަހައްޓާ މުހިއްމުކަމާ އެއްވަރަށް ބަލިން ރައްކާތެރި ނުވެވިއްޖެ ނަމަ ސިއްހީ ދާއިރާގައި އެންމެ ފުރިހަމަ ކާމިޔާބީއެއް ނުހޯދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ސިއްހީ ދާއިރާގައި އެންމެ ފުރިހަމަ ކާމިޔާބީ ހޯދުމަށް ދައުލަތުގެ މިނިސްޓްރީތަކާއި އޭޖެންސީތަކުން އެކުގައި މަސައްކަތްކުރުމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ގޮވާލެއްވި އެވެ.

comment ކޮމެންޓް