އާ އެއްބަސްވުމުގައި މެސީގެ ''ރިލީޒް ކްލޯސް'' 300 މިލިއަން ޔޫރޯއަށް!

މެސީއަށް ބާސާއިން ހުށަހަޅާ އާ ކޮންޓްރެކްޓްގައި ރިލީޒް ކްލޯސް ވަނީ 300 ޔޫރޯއަށް ބޮޑުކޮށްފައި -- ފޮޓޯ: ގެޓީ

ބާސެލޯނާއިން އެ ޓީމުގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއަށް ހުށަހަޅާފައިވާ އާ އެއްބަސްވުމުގައި އޭނާގެ ''ރިލީޒް ކްލޯސް''ގެ ގޮތުގައި 300 މިލިއަން ޔޫރޯއަށް ބޮޑުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ބާސާއިން މެސީގެ އަގު ބޮޑުކޮށް، 2021 ވަނަ އަހަރާ ހަމައަށް އޭނާ އެ ކްލަބުގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން ދާއިރު، ނިމިދިޔަ ޓްރާންސްފަރގައި ބާސާއިން ކަންތައްކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން، އާ އެއްބަސްވުމުގައި ސޮއިކުރުމާ މެދު މެސީ ދަނީ އަދިވެސް ވިސްނަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ޕްރެޒިޑެންޓް ޖޯސެޕް މަރިއާ ބާޓޮމެއޫ ވިދާޅުވީ، އާ އެއްބަސްވުމުގައި ރިލީޒް ކްލޯސް ކޮންމެ ގޮތަކަށް ހިމަނާފައިވީ ނަމަވެސް، ކުޅުންތެރިއަކު ކްލަބުގައި މަޑުކުރާން ނޭދޭނަމަ، ބާސާއިން އެ ކުޅުންތެރިއަކު ނުހިފަހައްޓާނޭ ކަމަށެވެ.

"ކުޅުންތެރިއަކު ދާން ބޭނުންކަމަށް ބުނެފި ނަމަ ބާސާއިން އެ ކުޅުންތެރިއަކު ނުހިފަހައްޓާނެ،" ބާސާގެ ޕްރެޒިޑެންޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވިލާތުގެ އެހެން ކްލަބުތަކާ ޚިލާފަށް، ބާސާގައި ކުޅުންތެރީން ތިބެނީ ވަރަށް އުފަލާއެކު، ޓީމަށް ކުޅޭހިތުން، އަދި ހިތްހަމަޖެހިގެން ކަމަށެވެ.

"ކުޅުންތެރިޔާ ދޫކޮށްލުމަށް ހިމަނާ އަގަކީ 500، 600، 1000 ނުވަތަ 1500 އެއީ މައްސަލައެއް ނޫން. ސަބަބަކީ ކުޅުންތެރިއަކު ދާން ބޭނުންކަމަށް ބުނެފި ނަމަ އަހަރެމެން އެ ކުޅުންތެރިއަކާ މަޝްވަރާކޮށްގެން ގޮތެއް ނިންމާނީ،"

"އަހަރެމެންނަށް ނޭމާއާއެކު ނުކުރެވުނު ކަމަކީ އެއީ. ނޭމާވެސް އެގޮތަށް އަހަރެމެންނާ ވާހަކަ ދައްކައިގެން ރަނގަޅަށް ކަންތައް ކުރާން އުޅުނު ނަމަ އެންމެނަަށް ވެސް އޭގެ ފައިދާކުރީސް."

ރިޕޯޓުތައް ބުނާގޮތުން، ބާސާއިން ޕީއެސްޖީއަށް ނޭމާ ވިއްކާލުމަށް ފަހު އޭނާގެ ބަދަލުގައި ލިވަޕޫލްގެ ބްރެޒިލް ތަރި ފިލިޕޭ ކޫޓީނިއޯ ބާސާއަށް ގެނައުމުގައި އެ ކްލަބު ނުކުޅެދުމަކީ މެސީގެ މާޔޫސްކަން އިންތިހާއަށް ދިޔަ ކަމެކެވެ.

comment ކޮމެންޓް