ރަހުމަތްތެރިޔާއަށް 'ބިޓެއް' ލިބުމުން ތިބާ ދުރުކޮށްލާތަ؟

އެގޮތަށް ކަންތައްވުމުން މީހާގެ މޫނުމަތިން މާޔޫސްކަން ފެންނާނެ

ތިމާ އާ އެންމެ ގާތުގައިވާ ރަހުމަތްތެރިޔާ "ބިޓެއް" ނެގުމަކީ ދެ މީހުންގެ ރަހްމަތްތެރިކަމަށް އެޅޭ ހުރަހަކަށް ވޭހެއްޔެވެ؟ ދެމީހުންގެ ގުޅުމަށް ދުރުކަން އާދޭހެއްޔެވެ؟ މިއީ ވާހަކަދައްކާލަން ރަނގަޅު މައުލޫއެކެވެ.

ވާން އުޅޭ 'ބިޓާ' އެކީ ނޫނީ ރައްޓެހިވެގެން އުޅޭ ކުއްޖާއާ އެކީ އުޅޭނަމަ ދެން އެއޮތީ ދެ ރަހުމަތްތެރީންގެ ދެމެދުގައި މައްސަލަ ޖެހެން ފަށާހިސާބަށް ކަންތައް ގޮސްފައެވެ. ރަހުމަތްތެރިޔާގެ ޝަކުވާއަކަށް ވާނީ އޭނާއަށް ވަގުތު ނުދިނުމެވެ. އަބަދުވެސް އެއްކަލަ މަންޖެ ނޫނީ ސޮރެއް ގޮވައިގެން އުޅޭ ވާހަކަ ދައްކާނެއެވެ.

މިހެން ކަންތައްތައް ވުމީ މިއަދު އާންމުކަމަކަށް ވާއިރު މިހެން ވާނަމަ ބައެއް ފަހަރު އެ ރަހުމަތްތެރިޔާ އޭނާއަށް މުޅި އުމުރަށް ގެއްލޭ ފަހަރުވެސް އާދެއެވެ. ރަހުމަތްތެރިޔާ އާ ދިމާވާން ދާއިރުވެސް އޭނާގެ ބިޓު ގޮވައިގެން ދާނަމަ އަނެކާއަށް އެހާ 'ކޮމްފޯޓަބަލް'ކަން އިހުސާސެއް ނުވާނެއެވެ.

ތެދެކެވެ. ބައެއް މީހުން ހިތަށް އަރާނެއެވެ. " އެއީ މަގޭ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. އޭނާ އަކަށް މައްސަލައަކަށް ނުވާނެއެވެ. އޭނާ އޯކޭ ވާނެއެވެ." ނަމަވެސް "އޯކޭ" ގިނަ ފަހަރަށް ނުވާނީ ތިމާ އާއި އެކީ އުޅޭ އެންމެ ގާތް ރަހުމަތްތެރިންނަށެވެ.

މިގޮތަށް ކަންތައް ދިމާވުމުން އަނެކާއަށް ތިބާ މާބޮޑަށް ދުރުކޮށްލައިފިކަން އިހުސާސް ވެގެން ދާނެއެވެ. މިހެންވުމުން އޭނާ އަމިއްލައަށް ތިމާއާ ދުރުވާނެއެވެ. އެހާ ގާތްވުމަކަށް ވެސް ނޭދޭނެއެވެ. ކޮންމެ ދުވަހަކުހެން ވާހަކަ ދައްކައި ފެނި އުޅޭ ރަހުމަތްތެރިޔާއާ ގުޅުން މަޑުމަޑުން ކެނޑިގެންދާނެއެވެ. 'ބިޓެއްގެ' މައްސަލައިގައި އެ ގެއްލެނީ ހީވެސް ނުކުރާހާ އަގުބޮޑު ރަހުމަތްތެރިއެވެ.

މިއީ މިއަދު ހުރިހާ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވަގުތުދޭ ފަދައިން ހުރިހާ ރަހްމަތްތެރީންނަށްވެސް ވަގުތުދޭން ޖެހޭނެއެވެ. އެކަކުވެސް ތިމާގެ ހަޔާތުން ބޭކާރު ކޮށްލައިގެން ނުވާނެއެވެ. ވިސްނޭއިރު ހުންނާނީ މާލަސްވެފައެވެ. ވަގުތު ފާއިތުވެފައެވެ.

comment ކޮމެންޓް