ޒަހަމްވި މުވައްޒަފު ހުރީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން: އެމްޕީއެލް

އެމްޕީއެލްގެ ކޮންޓެއިނާ ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ކޮންޓެއިނަރެއް ވެއްޓިގެން ޒަހަމްވި އެމްޕީއެލް މުވައްޒަފު ހުރީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅައިގެން ކަމަށާއި އޭނާގެ ބޭސް ފަރުވާގެ ކަންކަން އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރޭ ހިނގި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯގޯ ބަރުކުރުމާއި ބޭލުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ރޭ ހާދިސާ ހިނގި އިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ ހުރިހަކަން ފާހަގަވެފައި ނެތް ކަމަށެވެ.

އަދި ބުނެފައި ވަނީ އަބަދުވެސް ވިޔަފާރި ބަނދަރު ބޭނުންކުރާ މީހުންނާއި އެތަނުގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދނުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެމްޕީއެލްގެ މީޑީއާ އޮފިޝަލް ޝިފާން ރައޫފް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ހިނގި އެކްސްިޑެންޓްގައި ޒަހަމްވި މުވައްޒަފުގެ ފައިގެ އޮޕަރޭޝަނެއް ރޭ ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު އިތުރަށް ބުނަން އެނގޭނީ އޮބްޒަވޭޝަނަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުގެ ބޭސް ފަރުވާގެ ހުރިހާ ކަމެއް އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

އެމްޕީއެލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ބަނދަރުން ބޯޓަކަށް ކޮންޓޭނާތަކެއް ބަރުކުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ފަލްކާ ތެރެއަށް ތިރިކުރި ކޮންޓޭނަރެއްގެ ދަށުވެ މުއައްޒަފެއްގެ ފައި ފިތިގެން އަނިޔާވި ކަމަށެވެ. އެ ހާދިސާ ހިނގުމާއެކު ވަގުތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް