"މި އޮތީ ރަސީދު"ގެ ނަމުގައި މީރާ އިން ހާއްސަ ކެމްޕޭނެއް ފަށައިފި

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މި އޮތީ ރަސީދު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މީރާ އިން ފަށާފައިވާ މި ކެމްޕޭނަކީ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ރަސީދު ހޯދުމުގެ އާދަ އާންމުންގެ ކިބައިގައި އަށަގެންނެވުމާއި ވިޔަފާރިވެރިން ރަސީދު ދޫކުރުމަށް ބާރުއެޅުވުމުގެ ބޭނުމުގައި ފަށާފައިވާ ކެމްޕޭނެކެވެ.

މީރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު ފެށި މި ކެމްޕޭން ކުރި އަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

"މިއޮތީ ރަސީދު" ކެމްޕޭނުގައި ބައިވެރިވުމަށް ވިޔަފާރިކޮށްގެން ލިބޭ ރަސީދުކޮޅުގައި ބައިވެރިވާ ފަރާތުގެ ނަންބަރު ޖެހުމަށް ފަހު ފޮޓޯއެއް ނަގައި އެ ފޮޓޯ މީރާގެ ވައިބާ ނަންބަރު 9551415 އަށް ފޮނުވުމުން ބައިވެރި ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކެމްޕޭނުގެ ބައިވެރިންގެ މެދުގައި ކޮންމެ މަހަކު ދެ ނަސީބުވެރިއެއް ހޮވައި އެ ދެ ފަރާތަކަށް 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުންޏެވެ. ކޮންމެ މަހަކު ހޮވާ ދެނަސީބުވެރިންނަކީ:

  • އެންމެ ގިނަ ތަންތަނުން (މަދުވެގެން 10 ތަނަކުން) ރަސީދު ހޯދައިފަވާ ފަރާތް،
  • ސައްހަ ނޫން ރަސީދު (ރަސީދުގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަ ނުވާ ރަސީދު) އެންމެ ގިނައިން ފޮނުވާފައިވާ ފަރާތް ހިމެނެ އެވެ.

އަދި އެ ކެމްޕޭނުގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ތަންތަނުގެ (މަދުވެގެން 50 ތަނުގެ) ރަސީދުގެ ފޮޓޯ ފޮނުވާ ފަރާތަށް 32000 ރުފިޔާގެ ފައިސާގެ އިނާމެއް ކެމްޕޭނު ނިމުމުން ދޭނެ ކަމަށް މީރާ އިން ބުންޏެވެ.

ޖުމްލަ 50000 ރުފިޔާގެ އިނާމާ އެކު ކުރިޔަށްގެންދާ މި ކެންޕޭނަކީ 2015 ވަނަ އަހަރުގައި ބޭއްވި "ކޮބާ ރަސީދު؟"ގެ ދެވަނަ ކެންޕޭނުކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް