ޔުނައިޓެޑުން ހޯދި އެންމެ ރަނގަޅު ކުޅުންތެރިޔާގެ ޓެގު އަހަރެންނަށް ދިނުން އަދި މާ އަވަސް: މަޓިޗް

މެންޗެސްޓާ ޔުނައިޓެޑްގެ ސާބިއާ މިޑްފީލްޑަރު ނަމެންޔާ މަޓިޗް: ކުރިއަށްއޮތް އަހަރަކީ ހާއްސަ އަހަރަކަށް ވެގެންދާނެ ކަމަށް އޭނާ އުންމީދުކުރޭ ---

ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުން ހޯދި އެންމެ ރަނގަޅު ކުޅުންތެރިޔާގެ ޓެގު، 40 މިލިއަން ޕައުންޑަށް ޗެލްސީން ޔުނައިޓެޑާ ގުޅުނު މަޓިޗްއަށް ދިނުން އަދި މާ އަވަސް ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާ ޔުނައިޓެޑަށް ގެނައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ކުރިން ވެސް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެފައިވާ މަޓިޗްއެވެ.

ޔުނައިޓެޑަށް މަޓިޗް ގެނައުމާއެކު އެ ކްލަބުގައި ވެސް އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން 29 އަހަރުގެ މަޓިޗް ވިއްކާލުމަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނިންމި ގޯސް ނިންމުމެއްގެ ގޮތުގައި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރަން ފެށިއެވެ.

"އަހަރެންނަކީ ޔުނައިޓެޑުން ހޯދި އެންމެ ރަނގަޅު ކުޅުންތެރިޔާއޭ ބުނުން އަދި މާ އަވަސް. އެއީ އަހަރެމެން އަދި މި ކުޅުނީ އެންމެ ތިން މެޗު. އަހަރެމެންގެ ފެށުން ރަނގަޅޭ ބުނެވިދާނެ. ބައިކޮޅަށް ލަނޑެއް ނުވަދެ ނުވަ ޕޮއިންޓް ހޯދިފައިވުމުން އުފާކުރަން. ސީޒަންގައި ގިނަ މެޗުތަކެއް ކުޅެންޖެހޭނެ. އަހަރެމެން އޮންނާނެ މަގާމެއް އެނގޭނީ ސީޒަން ނިމުމުން،" މަޓިޗް ބުންޏެވެ.

މަޓިޗް ބުނީ، މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގެ ކުޅުންތެރިޔަކަށް ވުމުން ވަރަށް އުފާކުރާ ކަމަށާއި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަޔަލެންޑާ ދެކޮޅަށް ނުކުމެ ގައުމު ތަމްސީލް ކުރުމަށް ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރަކީ ކްލަބު އަދި ގައުމީ ޓީމާއެކު ވެސް ހާއްސަ އަހަރަކަށް ވެގެންދާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.

comment ކޮމެންޓް