މަޓަރާޒީއަށް ހަމަލާދިން ހާދިސާއާ ގުޅޭގޮތުން ޒިދާން އެންމެފަހުން ވާހަކަ ދައްކައިފި!

2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާން، އިޓަލީގެ ޑިފެންޑަރު މާކޯ މަޓަރާޒީގެ މެއަށް ބޮލުން ހަމަލާ ދިނުމުން މަޓަރާޒީ ވެއްޓެނީ -- ފޮޓޯ: ޑެއިލީޕޯސްޓް

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް، އަދި ރެއާލް މެޑްރިޑްގެ މިހާރުގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާނަކީ (ޒިޒޫ)އަކީ ގިނަބައެއްގެ ލޯބި ހޯދާފައިވާ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ނަމަވެސް، ތިން ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒިޒޫ ކުޅުން ހުއްޓާލަން މެދުވެރިވި ހާދިސާއަކީ މިހާރުވެސް ގިނަ ބަޔަކު ޝައުގުވެރި ކުރުވާ ވާހަކައެކެވެ.

އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗެވެ. މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް، އެ މެޗުގެ ރެފްރީ އާޖެންޓީނާގެ ހޮރާޝިއޯ އެލިޒަންޑޯ ވަނީ ޒިދާނަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެއީ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު އިޓަލީ ޓީމުގެ ޑިފެންޑަރު މާކޯ މަޓަރާޒީގެ މެއަށް ޒިދާންގެ ބޮލުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެންނެވެ. މެޗުގެ އިތުރު ވަގުތުގައި ހިނގި އެ ހާދިސާގައި ފްރާންސްގެ ކެޕްޓަން ދަނޑު ދޫކޮށް ދާންޖެހުނު އިރު، އިޓަލީން އެފަހަރުގެ ތަށި ގެންދިޔައީ ޕެނަލްޓީ ޖަހައިގެން ފްރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޒިޒޫގެ މަޝްހޫރު "ހެޑްބަޓް" ހާދިސާއަށް މިވަނީ 11 ވަރަކަށް އަހަރު ވެފައެވެ. މި ހާދިސާއާ ގުޅޭގޮތުން ޒިދާން މީގެ ކުރީން މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އޭނާ ކުރިން ބުނެފައި ވަނީ، އެގޮތަށް އަމަލުކުރާން މަޖުބޫރުވީ މަޓަރާޒީ އޭނާއަށް ދިމާއަށް ވަރަށް ހުތުރު ބަހެއް ބުނުމުން ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޮންޓްރެކްޓް އެ ކްލަބުން ވަނީ އާކޮށްފައި -- ފޮޓޯ: ގެޓީ

ސްޕެއިންގެ ފުޓްބޯޅައިގެ ބާރު، ރެއާލް މެޑްރިޑާއެކު ކޯޗެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންދާ ޒިޒޫ، ޓެލެފުޓަށް ދިން އިންޓަވިއުއެއްގައި ބުނީ، މަޓަރާޒީއަށް ހަމަލާދިން ހާދިސާއަކީ އޭނާ އެއްވެސް ގޮތަކަށް ފަޚުރުވެރިވާ ހާދިސާއެއް ނޫން ކަމަށެވެ.

ޒިދާން ބުނީ، ފުޓްބޯޅައިގައި ހަރަކާތްތެރިވާ އެންމެންނަކީ ވެސް، މި ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށް މަސައްކަތްކުރާ ބައެއް ކަމަށާއި އަދި އޭނާވެސް މިއަދު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށެވެ. ނަމަވެސް އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނު ހާދިސާއަކީ އެއްގޮތަކަށް ވެސް ރަނގަޅަށް ހިނގި ކަމެއް ނޫންކަމަށް ޒިދާން ބުންޏެވެ.

"އެއީ އަހަރެންގެ ކެރިއަރާ ގުޅިފައިވާ ހާދިސާއެއް. އެހެންނަމަވެސް އަހަރެންގެ ހަޔާތުގައި ހިނގި އުފާވެރި ނޫން ކަންތައްތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެއް. އަހަރެމެން އެކަން ގަބޫލުކުރަން ޖެހޭ، އަދި ހަޖަމުކުރަން ޖެހޭ،" ހެޑްބަޓް ހާދިސާއާ ގުޅޭގޮތުން ޒިދާން ބުންޏެވެ.

ދުނިޔޭގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އޭރު ބުނެފައިވާގޮތުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގައި ޒިދާނާ ދިމާއަށް މަޓަރާޒީ ވަނީ ޒިދާންގެ މަންމައާއި އަންހެން ކޮއްކޮއަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދައްކައިފައެވެ. އަދި ޒިދާނަކީ ޓެރަރިސްޓެއް ކަމަށް ބުނެފައެވެ. މެޗުގެ ތެރޭގައި ޒިދާން ރުޅިއަރުވަން ތަފާތު މަސައްކަތް ކުރިކަމަށް މަޓަރާޒީ އެއްބަސްވެއެވެ. އެހެންނަމަވެސް ޒިދާނާ ދިމާއަށް އެފަދަ ހުތުރު ބަހެއް ނުބުނާކަމަށް މަޓަރާޒީ ބުނެއެވެ.

އޭރު ފްރާންސްގެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ހުރި ޒިދާނާ ދިމާއަށް މަޓަރާޒީ ހުތުރު ބަހެއް ބުނުމުން ޒިދާންކުރި ނުރައްކާތެރި ފައުލާ ގުޅިގެން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުން ވެގެން ދިޔައީ ޒިޒޫ ފުޓްބޯޅަ ކުޅުން ހުއްޓާލަން މެދުވެރިވި ހާދިސާއަށެވެ. ފައިނަލް މެޗުގައި ރަތްކާޑު ދެއްކި ނަމަވެސް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ ޒިދާނަށެވެ. ވޯލްޑް ކަޕް ނިމުނުތާ މާކަ ގިނަ ދުވަހެއް ނުވެ ޒިދާން ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފައެވެ.

comment ކޮމެންޓް