Sun Online
1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކޮލަމް

ޞަޙާބީންގެ މަތިވެރިކަން -11

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

.

ރަސޫލާގެ ޞަޙާބީން

ޚާލިދުބުނުލް ވަލީދު ރަޟިޔަﷲ ޢަންހު އާއި ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހު އާ ދެބޭކަލުންގެ މެދުގައި މައްސަލައެއްގައި ޚިޔާލުފުޅު ތަފާތުވުމެއް އުފެދުނެވެ. އެކަމުގެ ތެރޭގައި ޢަބްދުއްރަޙްމާނާ ދިމާޔަށް ހިސާބެއްގެ ހަރުކަށި ބަސްފުޅެއް ޚާލިދަށް ވިދާޅުވެވުނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެކަން އެނގިވަޑައިގަތުމުން ޚާލިދުގެފާނާ ދިމާޔަށް ޙަދީޘުކުރެއްވިއެވެ.

އަހުރެން ޞަޙާބީންނަށް އެއްޗެހި ނުކިޔާށެވެ. އަހުރެންގެ ޞަޙާބީންނަށް އެއްޗެހި ނުކިޔާށެވެ. އަހުރެންގެ ފުރާނަ އެ މަތިވެރި ޒާތުފުޅެއްގެ ބާރުފުޅުގެ ދަށުގައިވާ ޒާތުފުޅު ގަންދީ ބުނަމެވެ. ތިޔައިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަންގަނޑަކުން ޞަދަޤާތް ކުރިކަމުގައިވިޔަސް އެއިން ބޭކަލެއްގެ މުއްދަކާ ނުވަތަ އޭގެ ދެބައިކުޅަ އެއްބަޔާވެސް ހަމައަކަށް ނުދެވޭނެއެވެ.

މާތް ޞަޙާބީންނަށް މިފަދަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގަތީ ކޮންކަމެއްގެ މައްޗަށް ބިނާވެގެންތޯއެވެ. ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުން އެނގޭގޮތުގައި އޭގެ ސަބަބަކީ ދަތިކަމުގެ ވަގުތުކަމުގައި ނަބިއްޔާއާ ތަބާވެ ވަޑައިގަތުމާއި (އައްތައުބާ : 117) މައްކާ ފަތަޙަވުމުގެ ކުރީން މާތްﷲގެ މަގުގައި ހޭދަކުރައްވައި ޖިހާދުކުރައްވައި އުޅުއްވިއެވެ. (އަލްޙަދީދު : 10)

އިސްލާމްދީނުގެ ނަބިއްޔާގެ ރިސާލަތު މިއަދުވަނީ ސާބިތުވެފައިވާ ރިސާލަތަކަށްވެފައެވެ. އެކަލޭފާނުގެ ނަންފުޅު މިއަދުވަނި މަތިވެރިކަމުގެ އެންމެ މަތީދަރަޖައިގެ ނިޝާންކަމުގައިވެފައެވެ. މިއަދު އެކަލޭގެފާނުގެ ނަންފުޅުގައި ތެދުވާ މީހުންނަށް ހުރިހާ ވައްތަރެއްގެ މާއްދީ ފައިދާތަކަކާއި ހުރިހާ ބާވަތެއްގެ ޢިއްޒަތެއް ލިބެއެވެ. އެފަދަ މީހުން ޤައުމުގެ ލީޑަރުންކަމުގައި ހޮވެއެވެ. ނަމަވެސް މާތްވެގެންވާ ޞަޙާބީން ކައުސާހިބާއާ ބައިވެރިވެ ވަޑައިގެންނެވި އިރު އިސްވެ ދެންނެވި ހުރިހާ އެކަށޭނަކަމެއް އޮތީ ކުރިމަގުގެ ފަރުދާގައި ފޮރުވިފައެވެ. އެކަންކަން ޙަޤީޤަތަކަށް ވެގެން މީހުންގެ ކުރިމައްޗަކަށެއް ނާދެއެވެ.

މާތް ޞަޙާބީންގެ މަތިވެރިކަމުގެ ސިއްރަކީ އެބޭކަލުން ވަގުތުގެ ނަބިއްޔާ މުސްތަޤްބަލުގެ މަތިވެރި މަޤާމާއެކު ދެކެވަޑައިގެންނެވިކަމެވެ. ޢާންމު އިންސާނަކު ނަބަވީ ޖައުހަރާއަކު ފާހަގަކުރެއްވިކަމެކެވެ. އެބޭކަލުން ނަބިއްޔާއާ ބައިވެރިވެވަޑައިގަތީ އެނަބިއްޔާއާ ބައިވެރިވެ ވަޑައިގަތުމަކީ މުޅި ޤައުމުގައި ބަދުނާމުވެ އަގުވެއްޓުން ކަމުގައި ހިމެނިފައި އޮތްއިރުއެވެ. އެނަބިއްޔާއަށް ޙިމާޔަތްދެއްވުމުގެ ނަތީޖާއަކީ ތިމާގެ ޤައުމާއި ތިމާގެ ޢާއިލާގެ ޙިމާޔަތުން ތިމާ މަޙްރޫމްވުންކަމުގައި ވެފައި އޮތްއިރުއެވެ.

މާތް ޞަޙާބީންގެ އީމާނަކީ އެބޭކަލުން ހޯއްދެވި ޙަޤީޤަތެވެ. މިއަދުގެ މުސްލިމުންގެ އީމާނަކީ ޤައުމީ ތަޤްލީދެކެވެ. މިދެކަމުގައި އުޑާއި ބިމާ ދެމެދުގައި ހުރި ފަރަޤު އެބަހުއްޓެވެ.

ލަބީދުބިން ރަބީޢަތު ރަޟިޔަﷲ ޢަންހު (އަވަހާރަވީ 41 ހ . ގައި) އަކީ ޢަރަބީންގެ އެންމެ އަރައި ތިއްބެވި ޝާޢިރުންކުރެ އެއްބޭކަލެކެވެ. އެކަލޭގެފާނަކީ މުޢައްލަޤާތުގެ އަހުލުވެރީންކުރެ ބޭކަލެކެވެ. ޢަރަބި ޅެންވެރީންގެ މުޢައްލަޤާތަކީ އެ ޅެންތަކެއްގެ މޮޅުކަން ފާހަގަކުރުމުގެ ގޮތުން ރަން އަކުރުން ލިޔެ ކަޢުބަތުﷲ ގެފުޅުގައި އެލުވި ޅެންތަކެއް ކަމުގައި ބުނެވެއެވެ.

ލަބީދުގެފާނު، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ބައްދަލުކުރެއްވިއެވެ. އިތުރުސާހިބާގެ އަތްޕުޅުމައްޗަށް އިސްލާމްވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުމަށްފަހު ޅެން ހެއްދެވުން ހުއްޓައިލެއްވިއެވެ. މީހަކު އެކަލޭގެފާނާ ސުވާލުކުރިއެވެ. "ކަލޭގެފާނު ޅެންވެރިކަން ދޫކޮށްލެއްވީ ކީއްވެގެންތޯއެވެ؟' އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "ޤުރުއާނަށް ފަހުވެސް ޅެން ހަދަންވީ ހެއްޔެވެ؟"

ލަބީދުބިން ރަބީޢަތު ރަޟިޔަﷲ ޢަންހު ގެ މިބަސްފުޅު މިއަދަކު އާދަޔާޚިލާފު ބަސްފުޅެއް ކަމުގައެއް ނުފެނެއެވެ. އެހެނީ މިއަދު ޤުރުއާނުގެ މަތިވެރިކަން މީސްތަކުންގެ ހިތްތަކުގައި ވަނީ ނުހަނު ބޮޑަށް ބިންވަޅު ނެގިފައެވެ. ކީރިތި ޤުރުއާނުގެ އަދަބީ ފެންވަރު މަތިކަމުގެ ސަބަބުން އަސަރުކޮށްގެން މީހަކު ޅެންވެރިކަން ދޫކޮށްލުމަކީ މިއަދު ޠަބީޢީކަމެއްކަމުގައި ބަލަންޖެހޭ ކަމެކެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ ދީނަށް ގޮވައިލައްވާން ފެއްޓެވި ދުވަސްވަރު ، އާދެ، ލަބީދުބިން ރަބީޢަތު ރަޟިޔަﷲ ޢަންހު ކީރިތި ޤުރުއާނުގެ އަސަރުގައި ޅެންވެރިކަން ދޫކޮށްލެއްވި ދުވަސްވަރު އެއީ ނުހަނު އާދަޔާ ޚިލާފުކަމެކެވެ.

ކީރިތި ޤުރުއާން ބާވައިލައްވާން ފެއްޓެވި ދުވަސްވަރު ކީރިތި ޤުރުއާނުގެ ޙައިޘިއްޔަތަކީ ޢާންމު ފޮތެއްގެ ޙައިޘިއްޔަތެވެ. އެދުވަސްވަރު މީސްތަކުންގެ މެދުގައި އެފޮތް ހިމެނިފައި އޮތީ ދެކޮޅުވެރިވެވޭ ފޮތެއްކަމުގައެވެ. އޭރަކު ކީރިތި ޤުރުއާނުގެ ފަހަތުގައި މިހާރު އެފޮތުގެ ފަހަތުގައި މިވާފަދަ ޙަޤީޤީ ޙާދިޘާތަކުގެ މަތިވެރިކަމާއި ތާރީޚު އެފޮތް ތެދުކޮށްދޭ ތެދުކޮށްދިނުންތަކެއް ޖަމާވެފައެއް ނެތެވެ.

މާތް ޞަޙާބީންނަކީ، ކީރިތި ޤުރުއާނުގެ މަތިވެރިކަން ސާބިތުވުމުގެ ދައުރު އައުމުގެ ކުރިން ކީރިތި ޤުރުއާނުގެ މަޤާމު ފާހަގަކުރެއްވި ބޭކަލުންނެވެ. އެބޭކަލުންގެ އަމިއްލަފުޅު ނަފުސު އިސްލާމްދީނަށްޓަކައި ވަޤުފުކުރެއްވީ އެއްވެސް ކަހަލަ މާއްދީ ފައިދާއެއް އިސްލާމްދީނާ ގުޅިފައިނެތީހެވެ. އެބޭކަލުން އިސްލާމްދީނުގެ އެކުވެރީން ކަމުގައި ވެވަޑައިގަތީ ނަބިއްޔާގެ ނަންފުޅުގައި ތެދުވެވަޑައިގަތުމުން އެއްވެސް ކަހަލަ ލީޑަރޝިޕެއް ލިބެން ނެތީހެވެ. އެބޭކަލުން މާތްﷲގެ ދީން ޤަބޫލުކުރެއްވީ އެކަމުގެ އަގަކީ މަޙްރޫމްވެ ވަޑައިގަތުމުން ކަމުގައި ޤަބޫލުކުރައްވައިގެންނެވެ. އެބޭކަލުން އެދީނަށް ފުރިހަމައަށް ޤަދަރުކުރެއްވީ ޚުދު އެބޭކަލުންގެ އަގު ވައްޓައިލައްވައިގެންނެވެ. އެބޭކަލުން އިސްލާމްދީނުގެ ތަސްވީރު ދެކެވަޑައިގަތީ އިސްލާމްދީނުގެ ވުޖޫދު ފުރިހަމަވުމުގެ ކުރީންނެވެ.

މާތް ރަސޫލާގެ ޞަޙާބީންނަށް އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގަތީ އެބޭކަލުންގެ އިމްތިޔާޒީ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެބޭކަލުންގެ އިމްތިޔާޒީ މަސައްކަތްޕުޅަކީ އެއް ޢިބާރާތަކުން ދަންނަވާނަމަ ބައިވެރިވެ ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަހަލަ ޙާލަތެއްގައި ބައިވެރިވެ ވަޑައިގަތުމެވެ.

ރަސޫލާގެ ޞަޙާބީން، އިޢުތިރާފްވެ ވަޑައިނުގަންނަވަންޖެހޭ ކަހަލަ ޙާލަތެއްގައި އިޢުތިރާފްވެ ވަޑައިގެންނެވިއެވެ. ޤަދަރުކުރައްވަން ޖެހިވަޑައިނުގަންނަވާފަދަ ޙަލަތެއްގައި ޤަދަރުކުރެއްވިއެވެ. އެބޭކަލުން ޝައްކުގެ ފަރުދާ ފަޅުއްވައިލައްވައި ޙަޤީޤަތް ދަސްފުޅުކުރެއްވިއެވެ. އެބޭކަލުން ކަމޭހިތެވުމެއްނެތް އެއްޗެއް ޢިއްޒަތްތެރި އެއްޗެއްގެ ގޮތުގައި ދެކެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ލޯފުޅުގެ ފާންކަން ސާބިތުކޮށްދެއްވީ އެހެންމީހުން ލޯފަން ބަޔަކަށް ހެދިގެން ތިއްބައެވެ. އެބޭކަލުން ޙައްޤުގެ އަޑަށް އިޖާބަދެއްވީ އެހެންމީހުން ބީރު ކަންފަތްތަކެއް ދީގެން ތިއްބައެވެ.

×
DB released.