މާމެންދޫގައި ބާއްވާ ޕްރޯ އީދު ކަޕް ފުޓްސަލް މުބާރާތް މިއަދު ފަށަނީ

"ޕްރޯ ސަޕްލަޔާސް"ގެ ފަރާތުން ގއ. މާމެންދޫ ޒުވާނުންނަށް އަޟްހާ އީދުގެ މުނާސަބަތުގައި ބާއްވާ ޕްރޯ އީދު ކަޕް ފުޓްސަލް މުބާރާތް މިއަދު ފެށިގެންދާނެއެވެ.

މުބާރާތް ކުރިއަށް ގެންދާ ޖަމިއްޔާ، ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް)އިން މައުލޫމާތު ދޭ ގޮތުގައި އެ މުބާރާތުގެ މަގްސަދަކީ މާމެންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި އީދުގެ ފޯރި އިތުރުކޮށް ފުޓްސަލްގައި މޮޅެތި ކުޅުންތެރިން ތަކެއް އުފެއްދުމެވެ.

އެ މުބާރާތުގައި ހަތް ޓީމެއް ބައިވެރިވެފައިވާއިރު މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ގއ. މާމެންދޫ ގައެވެ. އެ މުބާރާތުގެ ގުރުއަތު ނެގުން ކުރިއަށްދިޔައީ ހޮނިހިރު ދުވަހުގެ ރޭ އެވެ.

އެ މުބާރާތުގައި ވާދަކުރާ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕް އޭގައި ހިމެނެނީ އެފްސީ ސްޕާޓަންސްއާއި ޕްރޮގްރެސިވް ސްޕޯޓްސް ކްލަބު އަދި ޕީކޭއެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ކަދެމޭލްއާއި އިރުމަތީ ސްޕޯޓްސް ކްލަބާއި ޔަންގް ސްޓަރ އަދި ބްލެކް ޓައުންއެވެ. މިއަދު 15:45ގައި ކުޅޭ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ސްޕާޓަންސްއާއި ޕްރޮގްރެސިވް ސްޕޯޓްސް ކްލަބެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ފިތުރު އީދުގައި ވެސް އުރީދޫ މާމެންދޫ ވަންޑޭ ކަޕްގެ ނަމުގައި އެސްއެމްއެސް ޖަމިއްޔާއިން ވަނީ ކާމިޔާބު ފުޓްސަލް މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުގެ ފައިނަލް މެޗުގައި ޕްރޮގްރެސިވް ސްޕޯޓްސް ކަލަބު އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ އިރުމަތީ ސްޕޯޓްސް ކްލަބުންނެވެ.

comment ކޮމެންޓް