ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން ޒުވާނުންގެ ކުރު ފިލްމް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ

"ފިލްމް ފޯ ޗޭންޖް" ގެ ނަމުގައި ޒުވާނުންގެ ކުރު ފިލްމް އުފެއްދުމުގެ މަސައްކަތް ފަށައިފި-- ފޮޓޯ/ ދިރާގު

ތަރައްގީއަށް ބޭނުންވާ މައިގަނޑު ތިންކަމެއްގެ މައްޗަށް ބިނާކޮށް، ދިރާގާއި ޔޫއެންޑީޕީން އިސްނަގައިގެން "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުންގެ ކުރު ފިލްމް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ޒުވާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ކުރު ފިލްމް އުފެއްދުމުގެ މަޤްސަދަކީ މި ފިލްމް ތަކުގެ ސަބަބުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް ހޭލުންތެރިކުރުވުމެވެ.

ދިރާގު އަދި ޔޫއެންޑީޕީ ގުޅިގެން ފިލްމް އުފައްދަން، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ ނަމުގައި ތިން ދާއިރާއެއް ވަނީ ކަނޑައަޅާފައެވެ.

އޭގެތެރޭގައި:

  • އެސްޑީޖީ 5 ޖިންސީ ހަމަ ހަމަކަން (ޖެންޑާ އީކުއިލިޓީ)،
  • އެސްޑީޖީ 10 އަދުލު އިންސާފު ގާއިމްކުރުން (ރެޑިއުސް އިނެކުއިޓީ) އަދި
  • އެސްޑީޖީ 12 ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުން (ރެސްޕޮންސިބަލް ކޮންސަޕްޝަން އެންޑް ޕްރޮޑަކްޝަން) ހިމެނެއެވެ.

ޒުވާނުން ތިން ބަޔަކަށް ބަހާލައިގެން އުފާއްދާ ފިލްމުތަކުގައި އަލިއަޅުވާލައިފާއިވާނީ މި ތިން ދާއިރާއަށްކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އޮގަސްޓް މަހުގެ 16 އިން 23 ވަނަ ދުވަހާ ހަމައަށް، ފިލްމް އުފެއްދުމުގައި ބައިވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި ވާނެކަމަށެވެ. އެ ތަމްރީން ޕްރޮގްރާމުގައި ވާހަކަލިޔުމާއި، ޑައިރެކްޓް ކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިން ތަމްރީން ކޮށްފައިވާނެކަމަށް ދިރާގުން ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ތަމްރީން ކޮށްފައިވަނީ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން ފިލްމް އުފެއްދުމުގައި ބައިވެރީންނަަށް ހިޔާލުދީ ހެދުމުގައި ބައިވެރިވާނެކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން އިޓާނަލް ޕިކްޗާސް، މަދޮށި އަދި ސްޓްރީކް އަކީ، ކުރު ފިލްމް އުފެއްދުމުގެ ޕްރޮގްރާމްގެ މެންޓާސްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަށް ކަމަށް ދިރާގުން ބުންޏެވެ.

ކުރު ފިލްމް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މޯބައިލް ފޯން އަދި ޓެބްލެޓް ބޭނުންކޮށްގެން ކަމަށް ދިރާގުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ދިރާގުގެ އެއް އަމާޒުކަމުގައިވާ، ޒުވާނުން ބާރުވެރިކޮށް މުޖުތަމައުގެ ތަރަށްގީއަށް ޑިޖިޓަލް ވަސީލަތްތަށް ބޭނުންކުރުމުގެ އަމާޒް ހާސިލްވެގެންދާނެކަމަށް ދިރާގުން ބުންޏެވެ.

ޒުވާނުން އުފައްދާ ފިލްމްތަށް ފަހުގެ ތާރީހެއްގައި ސޯޝަލް މީޑިއާ ބޭނުންކޮށް އާންމުންނާ ހަމައަށް ގެނެސްދޭންކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް