ޔޫރަޕުން ވޯލްޑް ކަޕް 2018އަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ބެލްޖިއަމް

ގްރީސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާ ފާޅު ކުރަނީ---

މެޗުގެ 74 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދިން ލަނޑާއެކު ރަޝިއާގައި އަންނަ އަހަރު ބާއްވާ އޮންނަ ވޯލްޑްކަޕް ކޮލިފައި ވި ފުރަތަމަ ޔޫރަޕުގެ ގައުމަކަށް ބެލްޖިއަމް ވެއްޖެއެވެ.

ބެލްޖިއަމް ވޯލްޑްކަޕުން ޖާގަ ހޯދީ ގްރޫޕް އެޗްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން 22 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތީ 14 ޕޮއިންޓާއެކު ބޮސްނިއާއެވެ. ގްރޫޕުގައި ދެން ބާކީ ދެ މެޗު އޮތް އިރު ބޮސްނިއާއަށް ބެލްޖިއަމަށް ވުރެ ޕޮއިންޓުގެ ގޮތުން ދެން ކުރިއެއް ނޭރޭނެއެވެ.

ގްރީސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުފައި ދެ ޓީމުގެ ފަރާތުން ވެސް މާ ބަލާހިތްވާ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ޖޭން ވާޓޮންގެން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މާގިނަ އިރުތަކެއް ނުވެ ގްރީސްގެ ޒެކާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ މިނިޓެއް ފަހުން ބެލްޖިއަމްގެ ފޯވާޑް ވަނީ ތޯމަސް މުނިއާ ހުރަސް ކުރި ބޯޅަ ބޮލުން ގޯލަށް ވައްދާލައި ބެލްޖިއަމް މޮޅު ކޮށްދީފައެވެ.

ގްރޫޕުގެ ''އެޗް''ގައި ބެލްޖިއަމް ކޮލިފައިވެފައިވާއިރު، ދެވަނައިގައި އޮތް ބޮސްނިއާ، ތިން ވަނައިގައި އޮތް ގްރީސް، އަދި ހަތަރު ވަނައިގަ އޮތް ސައިޕްރަސް އަށް ވެސް ޕްލޭ އޮފް ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ގްރީސްއަށް 13 ޕޮއިންޓު ލިބިފައިވާއިރު، ސައިޕްރަސް އަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.

ކޮންމެ ގްރޫޕަކުން ވެސް އެއް ވަނައަށް ދާ ޓީމަށް ވޯލްޑްކަޕްގެ ގްރޫޕު ސްޓޭޖުން ސީދާ ޖާގައެއް ލިބޭއިރު، ދެވަނައަށް ދާ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

comment ކޮމެންޓް