ރޮހިންޔާ ދަރިކޮޅުގެ އިންސާނީ ހައްގުތައް ސޫޗީ ހިމާޔަތްކޮށްދޭން ޖެހޭ: ނަޝީދު

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ކުޑަކުދިންނާއި އަންހެނުންތަކެއް ހާލުގައި ޖެހިފައި ---

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ އިންސާނީ ހައްގުތައް އެ ގައުމުގެ ލީޑަރު އަން ސަން ސޫޗީ ހިމާޔަތްކޮށްދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތޭރަ އަހަރުގެ ޖަލް ހުކުމެއް އިއްވާފައި ވަނިކޮށް ބޭސްފަރަވާއަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވަނީ ސުލްހައިގެ ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ ސޫޗީއަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.

ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ރޮހިންޔާ ދަރިކޮޅުގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ސޫޗީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ހުރިހާ ކަމަކީ ސިޔާސީ މަންފާ ހޯއްދެވުމަށް ކުރަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ.

ގިނަ އަދަދެއްގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާ ރާހިން ސްޓޭޓުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު، އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުން ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ރަހީން ސްޓޭޓުގައި މިޔަންމާ އަސްކަރިއްޔާއިން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މުސްލިމުންގެ ގަޔަށް ބަޑި ޖަހާ މަރައި، އެމީހުންގެ ގެތަކުގައި ރޯކޮށްފައެވެ.

ސާދަ އަހަރަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރެއްވި ސޫޗީ ވަނީ 2010 ވަނަ އަހަރު މިނިވަންވެ ވަޑައިގެން 2015 ވަނަ އަހަރު އެ ގައުމުގައި ބޭއްވި އާއްމު އިންތިޚާބުގައި ޕާލަމެންޓްގެ އަޣުލަބިއްޔަތު އޭނާގެ ޕާޓީން ހޯދައި ވެރިކަމަށް އަރާވަޑައިގެންފައެވެ.

comment ކޮމެންޓް