ނަރުދަމާ ނިޒާމަކީ ހައުސިން މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން: ޑރ. މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު ޝަހީމް

މާލޭގެ ނަރުދަމާ ނިޒާމުގެ ކަންކަން ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ދެކޭ ގޮތުގައި މާލޭގެ ނަރުދަމާ ނިޒާމު ހަރުދަނާ ކުރުމުގެ ޒިންމާ އަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އެކަމަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މުއިއްޒު އެގޮތަށް ޓުވީޓް ކުރައްވާފައި މިވަނީ މާލޭގެ މަގެއްގެ ޖަންކްޝަނުން ނަޖިސް ނުކުންނަމުން ދިއުމުން، އެކަމަކީ ހައުސިން މިނިސްޓްރީން އިހުމާލުވާން ޖެހޭ ކަމެއް ކަމަށް ބުނަމުން ދަނިކޮށެވެ.

ރާއްޖޭގެ ވުޒާރާތައް ބެހިފައިވާގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް އެ ޚިދުމަތް ދިނުމަކީ އެންވާރަމެންޓް މިނިސްޓްރީގެ މަސައްކަތެކެވެ.

ކުރިއަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތަކީ 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީގެ ފަރާތުން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް ފެށި މަސައްކަތެކެވެ.

އެ މަސައްކަތުގެ ތެރޭގައި މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ނަޖިސް ޖަންކްޝަންތައް ފުރިގެން، މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. ރަނގަޅަށް ނަޖިސް ފްލޯ ނުވުމުގެ ސަބަބުން މަގުތަކަށް ނަޖިސް ލީކުވާ ނަމަވެސް، އެމްޑަބްލިއުއެސްސީން އޭރު ނިންމީ އެއް ޖަންކްޝަން އަނެއް ޖަންކްޝަނާ ގުޅުވުމަށް މިހާރު އަޅާފައި ހުރި ހޮޅިތަކަށް ވުރެ ތަންކޮޅެއް މަތިން އިތުރު ހޮޅި ލައިނެއް އެޅުމަށެވެ.

މީގެ ކުރިން މާލޭގައި އަޅާފައި އޮތް ނަރުދަމާ ނިޒާމަކީ 70،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް މީގެ 30 އަހަރު ކުރިން އަޅާފައި އޮތް ނަރުދަމާއެކެވެ.

comment ކޮމެންޓް