މޮޓޮރޮލާގެ ''މޮޓޯ އެކްސްފޯ'': ތަފާތު ފީޗާސްތަކެއް ހިމެނޭ އަގުހެޔޮ ފޯނެއް!

މޮޓޮރޮލާގެ ''މޮޓޯ އެކްސްފޯ'' ---

ފޯނެއް އިހްތިޔާރު ކުރުމަކީ ބައެއް މީހުންނަށް އުދަނގޫ ކަމެކެވެ. އެމީހަކު ބޭނުންވާ ފީޗާތަކެއް ފޯނެއްގައި ހުންނަން ބޭނުންވާއިރު އަގު ވެސް ހެޔޮ ވާންޖެހެއެވެ. ނޫނީ ފޯނުން ނެގޭ ފޮޓޯ ރީތި ވާންޖެހޭއިރު ފޯނު ތުނިވެފައި ކުޑަ ވާންވެސް ޖެހެއެވެ.

ފޯން އުފައްދާ މޮޓޮރޮލާ ކުންފުނިން އުފެއްދި އާ ފޯން، "މޮޓޯ އެކްސްފޯ" އަކީ ތި ހޯދަން ބޭނުންވާ ޝަރުތުތަކެއް ހިމެނޭ ފޯނަކަށް ވެދާނެއެވެ. ފާހަގަކޮށްލެވޭ ގިނަ ފީޗާސްތަކެއް ހިމެނޭ އެ ފޯނަކީ އަގުހެޔޮ ފޯނެކެވެ.

ފަހަކަށް އައިސް ނެރެފައިވާ ފޯނުތަކާ އަޅާބަލާއިރު އެކްސްފޯ އަކީ ކުޑަ ފޯނެކެވެ. އޭގައި އިންނަ ފުލް އެޗްޑީ ރިޒޮލޫޝަން 5.2 އިންޗި ސްކްރީނުން އެއް އަތުން ފަސޭހަ ކަމާއެކު ފޯނާ ކުޅެލެވޭއިރު ފިލްމުތައް ބަލާލަން ކަމުދާނެއެވެ.

ކަޅާއި ނޫ ކުލައިން އުފައްދާފައިވާ އެ ފޯނުގެ ބައްޓަން ވެސް އާދައިގެ ގޮތަކަށް ފެންނައިރު، ބަލާލަން ވެސް ރީއްޗެވެ.

ނަމަވެސް ފަހަތު ކެމެރާ އިންނަ ތަންކޮޅު އިންނަ ގޮތުން ކޮންމެވެސް ވަރެއްގެ މާޔޫސް ކަމެއް އައިސްދާނެއެވެ. ފޯނުގެ ފަހަތުގައި 12 މެގަޕިކްސަލްގެ ސެންސަރަކާއި އަށް މެގަޕިކްސަލްގެ ވައިޑް އޭންގަލް ސެންސަރެއް އިނދެއެވެ. އަދި ކުރިމަތީގައި އިންނަ 16 މެގަޕިކްސަލްގެ ސެލްފީ ކެމެރާތަކުން ފޮޓޯތައް ހަމަ ޗާލުވާނެއެވެ.

ހިރަފުހާއި ފެން ނުވަންނަ އެ ފޯނުގައި އެމަޒަންގެ މަޝްހޫރު ވޮއިސް އެސިސްޓަންޓް، އެލެކްސާ ހިމެނެއެވެ. އަދި ފޯނުގައި ހިމެނޭ 3000 މިލިއެމްއަވާރ ބެޓެރިއެއް ހިމެނޭއިރު މިނެޓުކޮޅެއްގެ ތެރޭގައި ފޯނު ޗާޖުކޮށްލެވޭ މޮޓޮރޮލާގެ ފީޗާރ، ޓާބޯޕަވާގެ ސަބަބުން ފޯން ޗާޖު ކޮށްލާކަށް މާ ގިނައިރެއް ނުނަގާނެއެވެ.

މޮޓޮރޮލާ އިން ބުނާ ގޮތުގައި، އެ ފީޗާގެ ސަބަބުން 15 މިނެޓް ޗާޖު ކޮށްލައިގެން ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ބެޓެރި ހިފަހައްޓާނެއެވެ.

އޭގެ އިތުރުން ފިންގާޕުރިންޓް ސެންސަރެއް ހިމެނޭ އެ ފޯނަށް މައިކްރޯއެސްޑީ ކާޑު ޖެހޭއިރު އިންޓާނަލް ސްޓޯރޭޖްގައި 32 ޖީބީ ނުވަތަ 64 ޖީބީ ހުރެއެވެ.

ދެން އޮތީ އަގެވެ. މިމަހުުގެ ތެރޭގައި ބާޒާރަށް ނެރެން ނިންމާފައިވާ އެ ފޯނު ވިއްކަން ހަމަޖެހިފައިވަނީ 473.20 ޑޮލަރު (7296 ދިވެހި ރުފިޔާ) އަށެވެ. މިއީ މިހާރު ނެރެމުން އަންނަ ވަރުގަދަ އަދި ބަލާލަން ރީތި ނަމަވެސް، ފީޗާސްގެ ގޮތުން އެއްގޮތްތަކެއް ހުރި ފޯނުތަކުގެ އަގާ އަޅާބަލާއިރު ދެގުނަ އަގުހެޔޮ ފޯނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު