ސެރީނަ ވިލިއަމްސް އަށް އަންހެން ކުއްޖަކު ލިބިއްޖެ

ސެރީނާ ވިލިއަމް-- ފޮޓޯ: ގެޓީ

ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ސެރީނާގެ ކޯޗު ޕެޓްރިކް މޮރާޓޮގްލޫ އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ސެރީނާ އަށް އަންހެން ކުއްޖަކު ލިބިއްޖެ ކަމަށް ބުނެ މަރުހަބާ ކިޔައިފަ އެވެ. މިއީ ސެރީނާ އަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

އުމުރުން 35 އަހަރުގެ ސެރީނާ އެންގޭޖް ވެގެން އުޅެނީ ރެޑިޓް ކުންފުނީގެ ކޯ ފައުންޑާ އަލެކްސިސް އޮހާނިއަން އާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމަށް ފަހު ސެރީނާ ވަނީ މުބާރާތްތަކުގައި ބައިވެރިވުން ހުއްޓާލައިފަ އެވެ. ނަމަވެސް އޭނާ ބަނޑު ބޮޑު ދުވަސްވަރު ވަނީ ޓެނިސް ކުޅޭ ވީޑިއޯ ޕޯސްޓްކޮށްފަ އެވެ.

"އަންހެން ދަރިޔަކު ލިބުމުން ސެރީނާ އަށް މަރުހަބާ ކިޔަން، އަހަރަން ވަރަށް އުފާވޭ ސެރީނާ އަށް ޓަކައި، އަދި އަވަސް ޝިފާ އަކަށް އެދެން، ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުރި،" ކޯޗު މޮރަޓޮގްލޫ ލިޔެފައިވެ އެވެ.

ސެރީނާ އެންމެ ފުރަތަމަ ބަލިވެ އިންކަން އާންމު ކުރީ ސްނެޕްޗެޓްގައި އާއްމުކުރި ފޮޓޯއަކުންނެވެ. މިދިޔަ އެޕްރީލް މަހު އާންމު ކުރި އެ ފޮޓޯގައި ވަނީ ބަނޑަށް 20 ހަފްތާވެފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް ސެރީނާ ވަނީ، އިރުކޮޅެއް ފަހުން އެ ފޮޓޯ ޑިލީޓްކޮށްލައިފަ އެވެ.

މިއަހަރު ހޯދި އޮސްޓްރޭލިއަން އޯޕަންއަކީ، ސެރީނާގެ ކެރިއަރުގައި ހޯދި 23 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާއިރު، ސެރީނާ މިހާރު ވެގެން ގޮސްފައި ވަނީ، އޯޕަން އިރާގައި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް