ބިހާރުގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް އާމިރުގެ ފަރާތުން 25 ލައްކަ!

އިންޑިއާގައި ބިހާރުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ބޮލީވުޑް އެކްޓަރު އާމިރު ޚާންގެ ފަރާތުން އެހީގެ ގޮތުގައި 25 ލައްކަ ރުޕީޒް ހަދިޔާކޮށްފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ބިހާރުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 415 މީހަކު ވަނީ މަރުވެފަ އެވެ. އެކާވީސް ޑިސްޓްރިކްޓަކަށް އަސަރުކޮށްފައިވާ އިރު، ދަރްބާންގާ ޑިސްޓްރިކްޓުން އެކަނި ވެސް 22 ކުރޯރު މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.

އޭގެ އިތުރުން ގިނަ ހިސާބުތަކުގައި ކަރަންޓުގެ ޚިދުމަތް ވެސް ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރު ވަނީ ރިލީފް ފަންޑެއް ހުޅުވައިފަ އެވެ. އާމިރު ވެސް ފައިސާ ހަދިޔާކޮށްފައި ވަނީ އެ ފަންޑު މެދުވެރިކޮށެވެ.

އާމިރުގެ ދީލަތި އެހީތެރިކަމަށް ޗީފް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އާމިރު ފައިސާ ހަދިޔާކޮށްފައި ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސް، އާމިރު ޚާން ޕްރޮޑަކްޝަންސްގެ ނަމުގަ އެވެ.

މިއީ ހާދިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އާމިރު އެހީވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހުގެ ކުރީކޮޅު ވެސް އާމިރު ވަނީ އައްސާމް އަދި ގުޖްރާތުގައި ފެން ބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް ވެސް އެހީގެ ގޮތުގައި 25 ލައްކަ ރުޕީޒް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް