ރަޝީދުގެ މަރު: އާއިލާއިން ތިބީ އިހުލާސްތެރިކަމާއެކު އިހުމާލުވި މީހާ އައިސްފިނަމަ މާފު ދޭގޮތަށް

އިބްރާހިމް ރަޝީދު އާދަމްގެ މަހާނަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތ. ތިމަރަފުށި އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމް ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދަށް ދިޔައީ އޭނާގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގަށް ހުންނަ ފިރިހެން ދަރިފުޅު ބަލަައެވެ. ފަހަރެއްގައިވެސް މިއީ އޭނާގެ ހަޔާތުގައި ދަރިއަކާ ބައްދަލުވާ ފަހު ފަހަރު ކަމަށް ހިތަށްއަރައިގެންނޫނެވެ.

ނަމަވެސް އެ ހިނދުކޮޅު ބަދަލުވެގެންދިޔައީ ރަޝީދުގެ ފަހު ވަގުތުކޮޅަށެވެ. ހުޅުމާލޭ ނިރޮޅުމަގުން ހަބީބް ބޭންކާ ދިމާލުން ޕާކިން ޒޯންގައި ރަޝީދުގެ ސައިކަލް ޕާކްކުރަން އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އޭނާ ބިންމައްޗަށް ވެއްޓި ޒަޚަމްވިއެވެ.

"ބައްޕަ ސައިކަލްގައި ޕާކިން ޒޯނާ ކައިރިވި ވަގުތު ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުން ބައްޕަގެ ސައިކަލްގައި ޖެހި ވާތް ފަރާތަށް ވެއްޓުނީ. އަދި އެގޮތަށް ވެއްޓުމުގެ ތެރޭގައި ބައްޕަގެ ބޮލުގެ ވައަތް ފަރާތް ތާރުއަޅާފައިވާ މަގުގައި ޖެހި ވަގުތުން ހޭނެތުނީ،" ރަޝީދުގެ ދަރިއަކު ކިޔައިދިނެވެ.

އިބްރާހިމް ރަޝީދު އާދަމް ދުއްވި ސައިކަލް --- ފޮޓޯ: އާއިލާ

ވެއްޓިފައި އޮއްވައި ރަޝީދު ނަގައިގަނެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އޭރު ތިބި ފުލުހަކާއި ސިފައިންގެ މީހެކެވެ. އާއިލާއިން ބުނިގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިއިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު މީހުންގެ ތެރޭގައި ރަޝީދުގެ ހަގު ފިރިހެން ދަރިފުޅު ހިމެނޭއިރު އޭނާ ހުރީ އެވާހަކަ ކިޔާދެވޭ ވަރުގެ ހާލަތެއްގައެއް ނޫނެވެ. އޭނާއަށް ވަނީ އެއަށް ވުރެ ބޮޑަށް އަސަރުކޮށްފައެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިބްރާހިމް ރަޝީދު އާދަމް އޭޑީކޭ ހޮސްޕިޓަލްގައި --- ފޮޓޯ: އާއިލާ

ރަޝީދު ނިޔާވެފައި ވަނީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ ޑޮކްޓަރުން އުންމީދު ކަނޑާލާފައި އޮނަނަތާ 24 ގަޑިއިރެއްހާ ފަހުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި ރަޝިދުގެ ބޮލުގެ އޮޕަރޭޝަނެއް ވަގުތުން ކޮށްފައިވެއެވެ. ނަމަވެސް ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވެފައިވުމުގެ ސަބަބުން އޮޕަރޭޝަންކޮށްގެން ވެސް ރަޝީދުގެ ފުރާނަ ސަލާމަތްކުރެވޭގޮތެއްނުވިއެވެ. ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ކަނާތު ފައިގެ ތަނބި ކައްޓަށްވެސް ބޮޑު އަނިޔާތަކެއް ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.

ރަޝީދުގެ ސައިކަލްގައި ޖެހުނު ސައިކަލު ދުއްވަން އިންމީހާ ވަނީ ފިލާފައި

ރަޝީދުގެ ސައިކަލްގައި ޖެހި އެކްސިޑެންޓް ހިނގުމާއެކު އަނެއް ސައިކަލް ދުއްވި މީހާ ވަނީ ސައިކަލް ދޫކޮށްލުމަށްފަހު ފިލާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާ އިން އަންނަނީ ކުރަމުންނެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ސައިކަލްގެ ވެރިފަރާތަކީ އަންހެނެއް ކަމަށް އާއިލާ އިން ބުންޏެވެ. ނަމަވެސް އެވަގުތު ސައިކަލް ދުއްވާފައި ވަނީ ފިރިހެނެކެވެ.

އިބްރާހިމް ރަޝީދު އާދަމްގެ ސައިކަލްގައި ޖެހުނު ސައިކަލް --- ފޮޓޯ: އާއިލާ

"މައުލޫމާތު ލިބިފައިވަނީ އެ ސައިކަލްގެ ވެރި މީހަކީ އަންހެނެއް ކަމަށް. ނަމަވެސް އޭނާއަށް ފުލުހުން ގުޅިމަ މިބުނަނީ އެ ސައިކަލްގެ ތަޅު ދަނޑި ގެއްލިގެނޭ މިއުޅެނީ. ފުލުހުންދަނީ އެމީހާ ހޯދަން ކުރަންޖެހޭ މަސައްކަތް ކުރަމުން،" އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިހްމާލުވި މީހާ އިޚްލާސަތެރިކަމާއެކު މާފަށް އެދެފި ނަމަ މާފުދޭނަން

ރަޝީދުގެ ސައިކަލްގައި ޖެހުނު މީހާ ފިލިނަމަވެސް އާއިލާ އިން ބުނަނީ އޭނާ ފިލަންޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ. އާއިލާ އިން ބުނީ އެފަދަ ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މައްސަލައަކީ އެކްސިޑެންޓު ހިނގުމާއެކު އަނެއް ސައިކަލްގައި އިން މީހާ ފިލައިގެން ދިޔުމެވެ. އާއިލާ އިން ބުނަނީ އެއީ އެމީހާ ގަސްތުގައި ކުރި ކަމެއް ކަމުގައި ނުވާނަމަ އޭނާ އަށް މައާފުދޭނެ ކަމަށެވެ.

އިބްރާހިމް ރަޝީދު އާދަމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެން ބުނެލަން ބޭނުންވަނީ އެ ކަމެއް ކުރެވުނު މީހަކު އަމިއްލައަށް އައިސް މާފަށް އެދެފިނަމަ ހެޔޮހިތަކުން މާފު ކުރަނެ ކަަމަށް. ނަމަވެސް ފުލުހުން އޭނާ ހޯދަން އިއުލާންކޮށް ބުރަ މަސައްކަތްކޮށްގެން އޭނާ ހުރި ތަނަކުން ނެރެގެން އަޅުގަނޑުމެންނާ ހަމައަށް ގެނެސްފިނަމަ މާފެއް ނުކުރެވޭނެ،" ރަޝީދުގެ ދަރިއަކު ކިޔައިދިނެވެ.

އާއިލާ އިން ބުނިގޮތުގައި ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ ރަޝީދަކީ ދިމާވާ ކަންކަމުގައި ރުޅި އިސްނުކުރާ، ވަރަށް ހިތްހެޔޮ މީހެކެވެ. އާއިލާ އިން ބުނިގޮތުގައި އެ ހާދިސާގައި ރަޝީދު މިދުނިޔެ ދޫކޮށް ނުދިޔަ ނަމަ އެ މީހާ އަށް މައާފް ކުރާނެއެވެ. ކުށަށް އިއުތިރާފުވެ އިޚްލާސްތެރިކަމާއެކު މައާފަށް އެދެފިނަމަ އޭނާ އަށް މައާފްކުރަން އާއިލާ އިން ނިންމީ އެ ސަބަބާހުރެއެވެ.

އިބްރާހިމް ރަޝީދު އާދަމްގެ ޖަނާޒާގައި އާއިލާގެ ބައެއް މެމްބަރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދީނުގައި އޮތް ގޮތަކީ ކޮބާ؟

ފިގުހު އެކަޑެމީގެ ކުރީގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވިގޮތުގައި އެއްވެސްގޮތަކަށް މީހަކަށް އަނިޔާއެއް ދެވިއްޖެނަމަ އެންމެ ރަނގަޅުގޮތަކީ އެކަމާ ދެރަވެ މައާފަށް އެދުމެވެ. ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގުމުން ފިލައިގެންދިޔުމަކީ ރަނގަޅުގޮތެއް ނޫން ކަމަށާއި އެފަދަ ހާލަތެއްގައި ކަންހިނގިގޮތް ރަނގަޅަށް ކިޔައިދިނުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް އިޔާޒު ވިދާޅުވިއެވެ.

"ތިމަންނަގެ ފަރާތުން އެކަހަލަ ކަމެއް ވީމަ އެގޮތަށް ފިލައިގެން ދިޔުމަކީ ޒިންމާދާރު ކަމެއް ނޫން. ތިމަންނާގެ ފަރާތުން މީހަކަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބުމުން އެންމެ ކުޑަ މިނުން އާއިލާގެ މީހުންނާ ބައްދަލުކޮށް ގަސްދުގައި ތިމަންނާއަށް ކުރެވިފައި ނުވާ ކަމެއް ކަމަށްވާނަމަ އެކަން އެމީހުންނަށް ބުނެދެން އެބަޖެހޭ. އެހެންނޫނީ އާއިލާގެ މީހުންނަށް ޝައްކު ކުރެވޭނީ އެއީ އޭނާ ގަސްދުގައި އެކަން ހިންގާފައި ފިލީ ކަމަށް،" ޑރ އިޔާޒް ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު އާދަމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެކްސިޑެންޓެއް ހިނގާފާނެ، ފިލުމަކީ ހައްލެއް ނޫން

މަގުމައްޗަކީ އެންމެން ބޭނުން ކުރާ ތަނަކަށް ވާއިރު މަގުމަތީގައި އެކްސިޑެންޓެއް ހިނގުމަކީ ވެދާނެ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ކަން ހިނގިގޮތް ފުލުހުންނަށް ކިޔައިދޭންޖެހެއެވެ. ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުން ވެސް އެއީ ލާޒިމްކޮށްފައިވާ ކަމެކެވެ. އެކްސިޑެންޓެއް ހިނގުމުން ފިލުމުން ތިމާ ސަލާމަތްވީ ކަމަށް ދެކުމަކީ ކުށްހީއެކެވެ. މިއަދު ފިލައިގެން އުޅުނަސް މާދަމާ ގާނޫނު އެމީހަކާ އަރާހަމަކުރާނެއެވެ.

comment ކޮމެންޓް