ހުޅުމާލޭ އެކްސިޑެންޓުގައި ޒަޚަމްވި ދުވަސްވީ މީހާ މަރުވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިބްރާހިމް ރަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި --- ފޮޓޯ: އާއިލާ

ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި އުމުރުން ދުވަސްވީ މީހާ އަށް އޭޑިކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ތ. ތިމަރަފުށި، އިރާމާގެ އުމުރުން 64 އަހަރުގެ އިބްރާހިމް ރަޝީދު އާދަމް މަރުވިކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެމީހާ މަރުވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ބުދަ ދުވަހުގެ ހަވީރު ހުޅުމާލެ ނިރޮޅުމަގުން ހަބީބް ބޭންކާ ދިމާލުން ދެ ސައިކަލް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި އަނެއް ސައިކަލްގައި އިންމީހާ އޭނާގެ ސައިކަލް ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިބްރާހީމް ރަޝީދުގެ އާއިލާގެ މެމްބަރަކު ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އިބްރާހިމް ރަޝީދު ދަރިއަކު ބަލާގޮސް ސައިކަލު ޕާކު ކުރަން އުޅެނިކޮށް އެ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ގޮސް އޭނާ ދުއްވަން އިން ސައިކަލްގައި ޖެހިގެން ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ ރަޝީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ކަކުލުގައި ރެނދެއް ލާފައިވާކަމަށެވެ.

comment ކޮމެންޓް