އަހަރެންގެ ހިތް އަނބުރާދީ - 46

މާއިޒް އޭނަގެ މަންމަ ފޮޓޯއެއް ބަލަން ކޮންމެހެންވެސް ބޭނުންވިއެވެ. ރޯޒްލީންގެ ހަނދާންތައް އެގެއިން ނައްތާލަން މަންމަމެން މަސައްކަތްކުރިއިރު އޭނަ ބައެއް ފޮޓޯތައް ފޮރުވިއެވެ. ކޮންމެވެސް ފޮތްތަކެއްގެ ތެރެއަށް ލެވުނެވެ. ހައިކަލް ފޮތްތައް ހޭވިއިރު މާއިޒްވެސް އެކަމުގައި ބައިވެރިވިއެވެ. މަންމަ ހުރި ސިފައެއް އެނގުމަށްފަހު މުޅި ދުނިޔޭގައި އަތްފުނާ އަޅައިގެންވެސް އޭނަ މަންމަ ހޯދަން ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. ދުނިޔޭގައި ނެތަސް މަންމައަށް ޒިޔާރަތްކުރުމަށްވުރެ އޭނަ އިސްކަންދޭ އެހެންކަމެއް ނެތެވެ. އެންމެފަހުން ހައިކަލް ގެންގުޅުނު މެޑިކަލް ފޮތެއްގެ ސަފުހާތަކެއް ހުޅުވާލުމާއިއެކު ހައިކަލް މާއިޒްއަށް ބަލައިލިއެވެ.

"މަންމަ ވައުދުކުރުވި މާޒްއަށް ދުވަހަކު އޭނަގެ މަންމައަކީ ކާކުކަން ނާންގަން. މާމަގެ މާފު ދުވަހަކު ނުލިބޭނެކަން އެނގޭތީ މަންމަ އާއިލާއާއި އަބަދަށް ވަކިވީ. މިހިރީ މަންމަގެ ފޮޓޯތައް.........." ހައިކަލް ދިއްކޮށްލި ފޮތުގައި ހިފިއިރު މާއިޒް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ތޭންކްސް ޑޭޑް..." މާއިޒްއަށް ބުނެވުނެވެ.

މާއިޒް ކުޑަކޮށް ދެލޯ މަރާލާފައި ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. މާއިޒްގެ މޫނަށް ވެރިވި ކުލަވަރު ދެކެން ހައިކަލް ހުރީ ދެރަވެފައެވެ. މާއިޒްއަށް މަންމައެއްގެ ލޯބި ހޯދާދެވުނުނަމައެވެ. ކުރިންވެސް ބުނެވުނުނަމައެވެ. މާއިޒްއަށް އޭނަގެ މަންމަ އެނގުމުގެ ހައްގު އޭނަވެސް ނިގުޅައިގަތުމަކީ އިންސާފެއްނޫނެވެ.

ހައިކަލް އަލަމާރީގައި ހުރި ފޮތްތައް ތަރުތީބުކުރަން ހުރެފައި މާއިޒްގެ ހަރަކާތްތަކަށް ބެލިއެވެ. ސޯފާގައި އިށީދެފައި އެފޮޓޯތައް ލަސްލަހުން ބަލަން އިނދެފައި މާއިޒް ކުއްލިއަކަށް އުޅަބޮށީގައި އަތްވިއްދައިލިގޮތަށް މޫނު ދެއަތުތެރޭގައި ފޮރުވިތަން ފެނިފާ ހައިކަލްގެ ހިތުގެ ހިގުންވެސް މަޑުޖެހިލިހެން ހީވިއެވެ. ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަލަމާރި ލައްޕާލިއެވެ. މާއިޒްގެ ހިމޭނުން އިނދެ ކަރުނައޮއްސަނީކަން އެނގުމުން ސުވާލުތަކުން ހިތް ފުރުނެވެ. މާއިޒްގެ ކައިރީގައި އިށީންގޮތަށް އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"މާޒް އާ ޔޫ އޯކޭ؟ ކިހިނެއްވީ؟ " ހައިކަލްގެ އެ ޖުމްލައާއިއެކު މާއިޒްއަށް ހައިކަލްގެ ކޮނޑުގައި ބޯ ޖައްސާލެވުނެވެ. މާއިޒް ދުވަހަކުވެސް މިގޮތަށް ރޮއިފައެއްނުވެއެވެ. އަބަދުވެސް ހިތްވަރުގަދަ ޒުވާނަކު ކުޑަކުއްޖެއްފަދައިން ކަރުނަ އޮއްސާނީ ވީކަމެއްގެ ބޮޑުކަމުން ނޫންހެއްޔެވެ؟ ޔަގީންވާ އެއްޗަކީ އެފޮޓޯތަކާއި ގުޅުމެއް ހުރިކަމެވެ.

ފަހަރެއްގައި މަންމަގެ ތަސްވީރުތަކުން އެކަނިވެސް މާއިޒްއަށް ފުން އަސަރުތަކެއްކުރީއެވެ. ނޫނީ މާއިޒް ދަންނަ މީހަކަށްވީހެއްޔެވެ؟ ދެކެ ފަރިތަމީހަކީކަމަށްވެސް ވެދާނެއެވެ.

މާއިޒް ވަރަށް ފަސޭހައިން އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާލާފައި ހަމަޖެހިލިއެވެ.

"އަޅުގަނޑަށް މަންމައާއި ބައްދަލުވެއްޖެ.. މަގުމަތީގައި ނިކަމެތި ހާލުގައި އުޅެނިކޮށް..........." މާއިޒްއަށް ވާހަކަ ދެއްކުމަށް ދަތިވެގެން ހުއްޓާލައިފިއެވެ. އެދެލޮލަށްވަނީ ކުޑަ ރަތްކަމެއް ވެރިވެފައެވެ.

"މަންމަ ވީ ކޮންތާކު؟" ހައިކަލް މާއިޒްގެ ކޮނޑުގައި އަތް ބާއްވާފައި ގަޔާއި ކައިރިކޮށްލަދިނެވެ.

"ލީނާގެ ނަމުގައި ހޮސްޕިޓަލުގައި އަޅުގަނޑުގެ ބެލުންދަށުގައި ވި މީހަކީ ދުރުހިލޭމީހެއްނޫން. ނޭގިނަމަވެސް އެމީހަކަށްޓަކާ ހިތުގައި ލޯބި އުފެދުނީ އަމިއްލަ މަންމަދެކެ. އަރީން އަންކަލްވެސް މައްސަލަ ޖެއްސިއެއްނު...." މާއިޒްގެ ޖުމްލައިން ހައިކަލްއަށްވެސް ޝޮކެއްލިބުނުހެން ހީވިއެވެ.

"ގޯޑް. މަގު މައްޗަށް އެއްލާލާފައި އޮތްވާ ގެނައި ލީނާއަކީ ރޯޒްތަ......" ހައިކަލް ނިތްކުރީގައި އިނގިލިތައް ޖެއްސިއެވެ.

"ލައްބަ ބައްޕާ. މިހާރު ކިތަންމެ ފަލަވެ ބުރަހެލިވިޔަސް މި ފޮޓޯތަކާއި މަންމަގެ މޫނު ތަފާތެއްނެތް......އިޓްސް ހާ. އެއްވެސް ޝައްކެއްނެތް...." މާއިޒްގެ ހިތް އެދުނީ މި ސިކުންތުގައިވެސް ގޮސް އޭނަގެ މަންމަގެ ކައިރިއަށް ދާށެވެ. މަންމަގެ ލޯތްބަށްޓަކާ އެހިތް ފެންބޮވައިގަތެވެ. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން ދެކެބަލާށެވެ. ނޭގިވެސް އޭނަ ޚަރަދުކޮށްގެން މަންމަކަމުގައި ދެކެގެން އުޅުނު އަންހެންމީހާ މިވީ އާޚިރުގައި އޭނަ ބަނޑުއަޅާ ވިހޭ މަންމަކަމުގައެވެ. ހައިކަލްވެސް ހުރީ އެހާވަރުވެފައެވެ. އެތައް ޒަމާނަކަށްފަހު ރޯޒްލީން ދުނިޔޭގައި ހުރިކަން އެނގުމުން ހިތަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. ހެއްދެވިފަރާތަށް ހަމްދުކުރެވުނެވެ.

"މަންމަވަނީ ސްކިޒޮފްރީނިއާގެ ޝިކާރައަކަށްވެފައި. މަންމަ އުޅުނީ ވަރަށް ހާލުގައި. ނިކަމެތިކޮށް. އެ ސިކުއިރިޓީ މީހާވެސް މަންމަ މަގުމަތިކޮށްލީ. ބަލާނެމީހެއް ނެތިގެން ގެންގޮސްފައި ވަނިކޮށް އަޅުގަނޑު ހަވާލުވެގެން މިހުރިހާ ދުވަހު ގެންގުޅުނީ. މިހާރު އެޕާޓްމެންޓެއް ހިފައިގެން މި ޝެއަރކުރަނީވެސް މަންމައާއިއެކު. އަދި އެންމެ ދެރަވަނީ މަންމަ ދެދުވަހަކުވެސް ބުނެފި ހައިކަލްއާއި ބައްދަލުކޮށްދޭށޭ......" މާއިޒް އެދުވަހު މަންމަ ދެއްކި ވާހަކަތައް ކިޔައިދީ ނިމުނުއިރު ހައިކަލްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ. ފެންކަޅިވާގޮތްވި ނަމަވެސް އޭނަ ކޮންޓްރޯލްކުރިއެވެ.

"ރޯޒްލީންގެ ނަން ލީނާއަށް ބަދަލުކޮށްގެން މަންމަ އެއުޅެނީ....."

"ސޮރީ ސަން. އައި ޓްރައިޑް އެލޮޓް ބަޓް ޝީ ހޭޑް މޭޑް އަޕް ހާ މައިންޑް އެހެންވެ އެހިސާބުން ރޯޒްއާއި މުޅިން ވަކިވާން މަޖުބޫރުވީ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދެން ރަގަޅުވާނެ. އެޓްލީސްޓް މާޒްއަށް މަންމައާއެކު އުޅެވިދާނެ..." ހައިކަލްގެ ޖުމްލައިން މާއިޒް ހިނިތުންވެލާފައި ބުނީ އޭނަގެ ހިތުގައި ހައިކަލްއާއިމެދު އެއްވެސް ބުރަކަމެއް ނެތްކަމަށާއި އޭނަގެ ފަޚުރަކީ ހައިކަލްކަމެވެ. ހައިކަލްގެ ފަރާތުން ލިބުނީ އެކަނި ބައްޕައެއްގެ ލޯތްބެއްނޫނެވެ. އެއަށްވުރެ އެ ލޯބި މާ މަތިވެރިއެވެ.

މި އަޖައިބެއްފަދަ އިއްތިފާގުން ހައިކަލްއާއި މާއިޒްއަށް ހައިރާންކަމެއް ލިބުނިއިރު މަސްހުނި އެހެން އިހުސާސްތަކެއްވެސް ކުރެވިއްޖެއެވެ. މާއިޒް ތެދުވެއްޖެއެވެ. އެ ފޮޓޯތައް ސިޓީއުރައަކަށް ލައިގެން ބޭރަށް ދާން އުޅުނެވެ.

"ކޮންތާކަށް ތިދަނީ؟ " ހައިކަލްއެހިއެވެ.

"މަންމަ ކައިރިއަށް......" މާއިޒް ކުޑަކޮށް ހިނިތުންވެލިއެވެ.

"ވަންތިން މޯ. މާމަމެންނަށް އެނގެން ޖެހޭނެ އަޅުގަނޑަށް މަންމަ ފެނިއްޖެކަމާއި އެއީ ކާކުކަން....." މާއިޒް އިތުރަށް ބުނެލިއެވެ.

"މާޒް. މާމަ ފަހަރެއްގައިވެސް އެކްސެޕްޓެއް ނުކުރާނެ.." ހައިކަލް އިންޒާރުދިނެވެ.

"މާމަގެ އިގޯ. މިހާރު މަންމަ އެއޮތް ހާލުގައި ގެއަށް ގެނެސް ބަލައިގަތުމަކުން މާމަމެންގެ އިއްޒަތްތެރިކަމަށް ކިލަބުކަމެއް ނާންނާނެކަން ނޭގޭ. ގަބޫލުނުކުރިޔަސް މާމައަށް މަންމަ އޮތް ހާލު އެނގެންޖެހޭނެ. މާމަ ދުވަހަކު މަންމަ ބަލައިނުގަތަސް އެންމެފަހަރަކުވެސް މާމަމެން މަރުވުމުގެ ކުރިން މަންމަ ފެނުމަށް ބޭނުންވޭ....މާމަގެ އަމިއްލަ ދަރިއަކު އެހާލުގައި އުޅުނުއިރު މާމަމެން އުފަލުގައި ގަނޑުވަރުފަދަ ތަނެއްގައި މުޅި ދިރިއުޅުން ހޭދަކުރަނީ. އެކަމުގެ ސަބަބުންކަން ނޭގޭ މަންމައަށް ނަފްސާނީ މައްސަލަޖެހި މޮޔައަކަށްވީ. އެޓްލީސްޓް މާމައަށް އެކަން ވިސްނާދޭން އަޅުގަނޑު ބޭނުން، ދިރިއުޅުމަކީ ކިހާ ކުރު އެއްޗެއްކަމާއި އެކަކު އަނެކަކަށް މާފުދިނުމުގެ ރީތި ސިފަ ދަސްކުރުމުގެ މުހިއްމުކަން. މަންމަ ކުށެއްކުރިކަމަކަށް އަޅުގަނޑު ނުދެކެން. ނަމަވެސް މާމަމެން ޝާހީކަމުން ނިކަމެތި މީހަކަށް ރުހުމުގެ ލޮލުން ބެލުމަކީވެސް ފާފައެއްހެން ހީވާކަހަލަ. މާމަގެ ބްލެސިން ނެތުމުން މަންމަގެ ދިރިއުޅުން ހަލާކުވެގެން އެދިޔައީ........" މާއިޒް އަސަރާއިއެކު ދެއްކިވާހަކަތަކަށް ހައިކަލް ތާއީދުކުރިއެވެ.

ހައިކަލްއަށްވެސް ދިމާވެފައިމިވަނީ އެފަދަ ހައްލުކުރަން ދަތި މައްސަލައެކެވެ. މަންމަ ސަލްވާ ބަލައިގަންނާނީ ކިހިނެއް ހަދައިގެންކަމެއް އޭނައަކަށްވެސް ނޭގެއެވެ. ސަލްވާގެ ކުށަކީވެސް އޭނަ ރާއްޖެތެރޭގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާކަމެވެ. މަންމަމެނަކީ ޝާހީ ޚާންދާނެވެ. ބޭފުޅުކަމުގެ ލަގަބު ލިބިފައިވާއިރު ދެފަރާތުންވެސް ރަސްކަލުންގެ ދަރިކޮޅާއި ގުޅިލާމެހިފައިވެއެވެ. މަންމަމެންނަށް ވާނެނަމަ ރާއްޖޭގައި އޮންނާނީ ލަންޑަންފަދައިން ވިރާސީ ވެރިކަމެކެވެ. ރާނީފަދައިން އެމަގާމުގައި އިންނާނީ ޒައިތޫނެވެ.

މަންމަމެންގެ ސިކުނޑިން ޝާހީ ބޮޑާކަން ފިލުވައިލަން އެބަޖެހެއެވެ. އިންސާނުން މަތިވެރިވަނީ ހަމައެކަނި ތަގުވާވެރިވީ ވަރަކުންނެވެ. ދުނިޔަވީ ނަޒަރަކުން ބަލައިލިޔަސް ޝާހީކަމަށްވުރެ ތައުލީމީ ރީތި ޒުވާނަކު އަންހެންކުދިންނަށް މާ "ޗާމިން" ވާނެކަން ގައިމެވެ. ޝާހީ ޚާންދާނުގެ ލަގަބަށްޓަކާ އެހެންމީހުންގެ އިއްޒަތް ކަތިލައިގެން އަބަދަށްޓަކާ އުޅޭކަށް މިއީ ދާއިމީ ގޮވެތްޗެއް ނޫނެވެ. ކިތަންމެ މޮޅުމީހަކުވެސް ނިކަމެތިވެ ސަލާމްޖަހާ މީހަކަށްވެސް ވެދާނެއެވެ. އެއީ އިލާހީ ގާނޫނެވެ. ތިމާމެންނަށް ލިބުނު މޮޅުކަމެއް ލިބުނީ ހަމަ އެންމެ ފަރާތަކުން ދެއްވުމުންކަމަށާއި އެކަމުގެ ސަބަބުން ނިކަމެތިންނަށް ހަމްދަރުދީވެ މަޑުމޮޅިވާން ޖެހޭނެއެވެ. މަޑުމަޑުންގޮސް އެހެން ޒުވާނުންވަނީ ސަލްވާފަދަ ބައިވެރިން ޚިޔާރުކުރަން ފަށާފައެވެ. ޒައިތޫންގެ ފިރިހެންކޮއްކޮގެ ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔަކަށް ރާއްޖެތެރޭގެ އަންހެންކުއްޖަކު ގެނައުންވެގެން ދިޔައީ އަދި އެންމެން ސިއްސުވައިލި ކަމަކަށެވެ. ސަބަބަކީ އޭނަ ރާއްޖޭގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުރިކަމަށްޓަކައެވެ. އެންމެންވެސް ފައި ވިއްދާފައި މިހާރުވަނީ އޭނަ ރައީސްކަމަށް އަރުވާށެވެ. އަދި މަޑުމަޑުންގޮސް ކުރީފަދައިން ޝާހީ ރަސްކަމަކަށް ބަދަލުކޮށްލުމަށެވެ.

ވައި ބާރުކަމުން ފަޒާގައި ޒޫމް އަޑު ހިފާލާފައި ހުއްޓެވެ. ގަސްތަކުގެ ގޮފިތައް ފުރާޅުގައި ތެޅޭ އަޑުވެސް ދޭތެރެއަކުން އިވިލައެވެ. ހަވީރު ރޯޒްލީންއާއި ބައްދަލުކުރަން އެގެއަށް ދާނެކަމަށް މާއިޒް ކައިރީ ވައުދުވެފައި ހައިކަލް ދިޔައީ ސްޓަޑީރޫމަށެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ހައިކަލްގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ޕޫލްކައިރީގައި ހުންނަ ބޮޑުގަސްކައިރީގައި ތިބީ ވިޝާމްއާއި ސަލްވާ ފިޔަވާ ދެވަނަބަޔެއް ނޫނެވެ. ވިޝާމް ހުރީ ސަލްވާގެ ޝޯލްގައި ހިފަހައްޓާލައިގެން "ފްލާޓީ" ގޮތަކަށް ހިނިއައިސްފައެވެ. ސަލްވާގެ ފަން އިސްތަށިގަނޑު ވަޔާއި އުދުހެން ދޫކޮށްފައި ސަލްވާ އުޅުނީ ވިޝާމްގެ އަތުން ޝޯލް އަތުލާށެވެ. ވިޝާމް އަތް މައްޗަށް ދިއްކޮށްލުމުން އޭނަގެ އިސްކޮޅު ދިގުކަމުން އަތް ނުފޯރައިގެން ސަލްވާ ވިޝާމްގެ އަތުގައި ހިފެހެއްޓިއެވެ.

ހަގީގަތަކީ ސަލްވާ ޕޫލްކައިރިއަށް ނުކުތްތާނެހެން ވައިގަދަވެގެން ޝޯލްވެސް އުދުހިގެން ދިޔައީއެވެ. އެވަގުތު ގަސްތަކުގެ ފުރަގަހުން ވިޝާމް ނުކުމެ ޝޯލްގައި ހިފުމުން ސަލްވާ ހިތްހަމަނުޖެހި ލޯ އަޅާލާފައި ޝޯލް އަތުލަން މަސައްކަތްކުރީއެވެ. އެދޭތެރޭގައި އިތުރުކަމެއް ނުހިގިޔަސް ވިޝާމްއާއި ސަލްވާއާއި ދޭތެރޭގައި ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނެވެ. ވިޝާމް އެފުރުސަތުގައި އޭނަގެ މަންމަ ފާގިޔާގެ ހަގީގަތް ހާމަކޮށްދިނެވެ. ނޯކަރެއްގެ ދަރިއަކަށް މިގޭގައި އޮންނާނީ ކޮން ހައިސިއްޔަތެއްހެއްޔެވެ؟ އަޒަލްގެ އާއިލާއަށް އެކަން އެނގޭއިރަށް އަޒަލްގެ މީހުން އޭނަ ގެއިން ނެރެލާނެއެވެ. ސަލްވާގެ ހިތަށްވެސް ހަމްދަރުދީވަނެވެ. ނަމަވެސް ހަމްދަރުދީއާއި ލޯތްބަކީ މުޅިން ތަފާތު ދެ އިހުސާސެކެވެ. ކޮންމެމީހެއް ދެކެވެސް ހަމްދަރުދީވެވިދާނެއެވެ. ނަމަވެސް ލޯތްބަކީ އެކަނި ހައިކަލްއަށްޓަކާ އޭނަގެ ހިތުގައިވާ އެއްޗެކެވެ.

"ދޮންބެ. އަޅުގަނޑު ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން...." މެހެރީނާ ދޮރުމައްޗަށް އެރުމާއިއެކު ހައިކަލް އަވަހަށް މެހެރީނާއާއި ދިމާލަށް ހިނގައިގަތެވެ.

ކިޔާބަލަ މެހެރް...." އޭރުވެސް ހައިކަލްގެ ސިކުނޑިވަނީ އެހެން ދިމާލެއްގައެވެ.

"ސަލްވާއާއި ބެހޭގޮތުން......" މެހެރީނާ ކަރުތެރެ ތެންމާލިއެވެ.

"ކޮންކަހަލަ ވާހަކައެއް...." މެހެރީނާ އެތެރެއަށް ވަންނަން އުޅުމުން ހައިކަލް މެހެރީނާގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާއި ކައިރިކޮށްލަމުން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. މެހެރީނާއެ ކޮޓަރިއަށްވަދެ ކުޑަދޮރާއި ހަމަޔަށް ދިޔުމަށްފަހު ވިޝާމްއާއި ސަލްވާގެ ހަގީގަތް މުޅި ރޯޒްމެހެލްއަށް ފަޅާ އަރާނެއެވެ. ހައިކަލް އެހެން ވާކަށް ނޭދެއެވެ.

"އަޅުގަނޑަށް އެނގޭ މިވާހަކަ ގަބޫލުކުރަން އުދަގޫވާނެކަން. އެކަމަކު......އަޅުގަނޑަށް އެތައްފަހަރަކު ފެނިއްޖެ ވިޝާމްއާއި ސަލްވާ ސިއްރު ސިއްރުން ގާޑަން ތެރޭ މީޓްކުރާތަނާއި ހަގްކުރާތަން. އައި ސްވިއާ އިން ދަ ނޭމް އޮފް ގޯޑް......އަޅުގަނޑު ދުށިން ދެމީހުން ބައްދާލައިގެން ދޮންބެ ކޮޓަރީގައި ތިއްބާ. އެދުވަހު ކެތްނުކުރެވިގެން ފަހަތުން ވަންއިރު ވިޝާމް ހުރީ ސަލްވާ ފާރުގައި ޖައްސައިގެން ރޮއިރޮއި. އެދެމީހުން ދޭތެރޭ ވައިރޯޅިއަކަށް ވަދެވޭނެ ޖާގައެއްވެސް ނެތް. ރޯމިއޯ ޖޫލިއަޓް މަންޒަރެއްފެނުނު ފަދަ. ކިތަންމެ ފަހަރު ވިޝާމް އެކޮޓަރިއަށް ސިއްރު ސިއްރުން ވަން ތަން ފެނިއްޖެ. ދޮންބެ ނުހުންނަ ގަޑީގައި. ވިޝާމް މިގެއަށް އައި ދުވަހުން ފެށިގެން ހާސް މަންޒަރު ފެނިއްޖެ. ދެކެން ބޭނުންނުވާ ކިތަންމެ ކަމެއް. މިވާހަކަ ބުނަން ލަދުވެސް ގަނޭ..ބަޓް........" މެހެރީނާ ނޯށް ދަމާލިގޮތުން ހީވީ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ. ހައިކަލް މެހެރީނާގެ ކޮނޑުން ދޫކޮށްލާފައިގޮސް ހުއްޓުނީ ރެއިލިން ކައިރީގައެވެ. އެވަގުތު ވިޝާމްގެ ހުނުމުގެ އަޑު ހައިކަލްގެ ކަންފަތުގައި ޖެހުނީ ހޮނުގުގުރީގެ މިސާލުގައެވެ. އެއަޑު ގެނބިގެން ދިޔައީ ބޯ ވާރޭގެ ސަބަބުންނެވެ. ވާރޭގެ ލަޝްކަރު ހަތަރުފަރާތުން ހަމަލާދިންއިރު ހައިކަލްގެ ހަޔާތަށްވެސް އެ ތޫފާނުގެ ބޯ ވިލާގެ އަސަރުކޮށްފިކަން ޔަގީނެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އޭނަގެ ސިކުނޑީގެ ހަމަޖެހުން ނަގާލައިފިއެވެ.

މެހެރީނާ ހުރީ އެސްފިޔަތައް ތިރިކޮށްލައިގެންނެވެ.

"ދޮންބެ ހިތަށް އަރާނެ ކީއްވެބާވައޭ މިވާހަކަތައް ނުބުނެ ސިއްރުކުރީ. ރީޒަން ވަން. ވަރަށް ލަދުގަނޭ އެކަހަލަ ވާހަކައެއް ދައްކަންވީމަ. ޓޫ ދޮންބެ ގަބޫލެއްވެސް ނުކުރާނެ އެހާވެސް ބޮޑަށް ސަލްވާ އެހެރީ ދީނީ ދަންނަ ބޭކަލަކަށްވެގެން. ތްރީ. ދޮންބެއަށް ސިހުރު ހަދާފައިވަނީ މާ ގަދަޔަށް. މިހާރު މާ މައްޗަށް ދިޔައީމަ މިދެއްކީ......ޓޭކް އެ ލުކް އެޓް ދިސް ދޮންބޭ........" މެހެރީނާ ފޯނު ހުޅުވާލާފައި ދެއްކި ފޮޓޯ ނުބަލަން ހުއްޓަސް ހައިކަލްއަށް ކިތަންމެ ރަގަޅަށްވެސް ފެނިއްޖެއެވެ.

"ވިޝާމް ސަލްވާއަށް އެބޯޝަން ޕިލްސްތަކެއް ކާންދިންތަން ފެނިގެން އަހާލީމަ ވަރަށް ސާކާސްޓިކްކޮށް ވާހަކަދެއްކި. އެކަމަކު އޭނަގެ ވާހަކަތަކުން ޔަގީންވި. ވިޝާމް އެހާވަރުން އެބޯޓްކުރުވާނީ ކޮންމެވެސް ކަމެއްވީމައޭ ހިތަށް އެރި..........." މެހެރީނާ ހައިކަލްގެ ޒަޚަމްތަކަށް އިތުރަށް ލޮނު މިރުސްއެޅިއެވެ. މެހެރީނާ ހަދަހަދައިގެން މިކަހަލަ ވާހަކައެއް ދައްކަންވީ އެއްވެސް ސަބަބެއްނެތެވެ.

މެހެރީނާ ވިސްނާފައި ލަސްލަހުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެވަގުތު އަޒަލް ސިޑިން ދުވެލާފައި އައިގޮތަށް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ ހުރީ ތެމިފޯވެފައެވެ. އެމޫނުގައި އުފާވެރިކަމެއްނެތެވެ. ވާރޭގެ ސަބަބުން ކަރުނަތައް ފޮރުވިފައިވިޔަސް އެ މައުސޫމް މޫނުމަތިން ފެނުނު ހިތްހަލާކުވާފަދަ އަސަރަކުން ހައިކަލްގެ ހިތް އެފުށްމިފުށަށް ޖަހައިލިހެންހީވިއެވެ. އެވަގުތު ވިސްނުނީ އެންމެ ނުބައިކޮށެވެ. އަޒަލްއަށްވެސް ކޮންމެވެސް މަންޒަރެއް ފެނުނީއެވެ. ހައިކަލް އަޒަލްއަށް ގޮވާލިއެވެ. "އާ ޔޫ އޯކޭ ދަރިފުޅާ..." ހައިކަލް އަށް އަހާލެވުނެވެ.

"ލައްބަ ޑޭޑް. އަޅުގަނޑު ހިކިލައިގެން އެބައަންނަން..." އަޒަލްގެ އަޑުވެސް ހުރީ ކުޑަކޮށް ބަރުވެފައެވެ. އަޒަލް ކޮޓަރިއަށް ވަންނަމުން ހިނިތުންވެލިއެވެ.

"ޒެލް ރޮމުން އެއައީ. އައި ބެޓް ވިޝާމް ކޮންމެވެސް ކަހަލަ އަނިޔާއެއްކުރީކަން. ވިޝާމް މިގެއަށް ވަނީ އެހެން މަގުސަދެއްގައި. ހީ ހޭޒް އެ ބޭޑް އިންޓެންޝަން......" މެހެރީނާ ވާހަކަދައްކަން ހުއްޓާ ފޯނެއް އައުމުން އޭނަ ކަންފަތުގައި ފޯނު ޖަހައިލިއެވެ.

"ދޮންބެ އަޅުގަނޑު އެބައަންނަން...."

މިވަގުތަށްވާ ވަރަށް ވާހަކަދެއްކިއްޖެއެވެ. އަލުން މުރާޖައާކޮށްފައި އޭނަ ޖެހޭނީ ދެން ހުރި ވާހަކަތައްވެސް ދޮންބެގެ ކަންފަތަށް ފޯރުވާށެވެ. ދޮންބެ ޔަގީންކުރާނީ އޭރުންނެވެ. މިހާރު ގައިމު ސުވާލުތަކުން ސިކުނޑި ފުނިޖެހި ސަލްވާއާއިމެދު ޝައްކުނުކުރާނެ ގޮތަކީ ނެތް ގޮތެކެވެ.

ހައިކަލް އަލުން ސްޓަޑީރޫމަށްވަދެ ބަލައިލިއިރު ވިޝާމްއާއި ސަލްވާ ފެންނާކަށް ނެތެވެ. ކިތަންމެ ސިކުނޑިން ނެރެލަން އުޅުނަސް ލޮލަށްފެނުމުން ޝައްކުނުވާނީ ކާކަށް ހެއްޔެވެ؟ އަދި މެހެރީނާ އެދެއްކި ވާހަކަތަކާއިމެދުވެސް ވިސްނާލަން މަޖުބޫރުވިއެވެ. ވައިގަދަވީ ވަރުންގޮސް ގޭގެ ކުޑަދޮރުތައް ތެޅިލައެވެ. ހައިކަލް ސޯފާއަށް ތިރިވެ ލެނގޭބައިގާ ހަމަޖެހިލަމުން ދެލޯ މަރާލައިފިއެވެ. ރޭވެސް ވިއްސާރައެވެ. އެހާ ބޯކޮށް ވާރޭވެހި ފެންބޮޑުނުވެ އޮތީ ކިރިޔާއެވެ. އެވިއްސާރަ ރޭ ހައިކަލްއާއި ސަލްވާގެ އިޝްގީ ބައިވެރިޔަކަށްވިއެވެ. ދަރިފުޅު ބައިގެން ދިޔުމަށްފަހު ސަލްވާގެ ހަށިގަނޑަށްވެސް އަރާމުކުރަން ފުރުސަތުދޭންވާނެއެވެ. މުޅީން ފިޓްވާންދެން ދުރުން އުޅެން ހުއްޓަސް ހިތް އޮޔާލައިގެން ދިޔައީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ.

"އެހާ ޕެޝަނޭޓް ނައިޓެއް ހޭދަކުރިއިރު ސަލްވާގެ އެހެން ލޯބިވެރިޔަކު ހުރިކަމަށް ގަބޫލުކުރެވޭނީވެސް ކިހިނެއްތަ؟ ލޮލަށް ފެންނަ ކޮންމެ މަންޒަރެއް ގަބޫލުކުރާކަށް ނުވާނެ. އައި ޝުޑް އާސްކް ހާ. ނޫނީ ދެންވެސް ދެރައެއް ލިބޭނީ. އެންމެ ފަރާތެއްގެ ވާހަކަ އަޑުއަހާފައި ނިންމުމަކީ އިންސާފުވެރި ޖަޖްއަކުވެސް ކުރާނެކަމެއް ނޫން...." ހައިކަލް ނިތްކުރީގައި ފިރުމަމުން ހިތާހިތުން ވާހަކަދެއްކިއެވެ.

ހައިކަލް ނިދާކޮޓަރިއަށް ވަންއިރު ސަލްވާހުރީ ފިޔާތޮށިކުލައިގެ ސްވެޓަރުކަހަލަ ހެދުމަކާއިއެކު ޖިންސެއްލައިގެންނެވެ. ފައިކުރި އޮޅާލާފައި ހުރިއިރު ފައިތިލައިގާ އޮތް ރަންކެވެލިކޮޅު ވިދާއިރު ފައި ވަކިން ނަލައެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި އޮތްއިރު ދޮންކަނދުރާވެސް ހުރީ ހާމަޔަށެވެ. ސަލްވާ ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ވިޝާމްއާއިއެކު އެހާ ސަކަރާތްޖެހުމުން މާބޮޑަށް ހަމަޖެހިފައި ހުރީކަމަށްވެދާނެއެވެ. ލަވައެއް ކިޔާލަކިޔާލާ ހުރިއިރު އެދީނީ އަންހެންކުއްޖާގެ އެހެން ފަރާތެއް ހައިކަލްއަށް ސިފަވިއެވެ. ސަލްވާއަށް ހައިކަލް ފެނުމުން ވަރަށް ގާތްގޮތަކަށް ހީލަމުން ގޮވައިލިއެވެ. ނަމަވެސް ރައްދުގައި ހީލާކަށް ހައިކަލް ހިތަކަށްވެސް ނޭރިއެވެ. އެސީރިޔަސްކަން ފެނުމުން ސަލްވާއަށް ކޮންމެވެސް ވަރެއްގެ އުދަގޫތަކެއްވިއެވެ. ހައިކަލް ހިތްހަމަނުޖެހިފައި ހުރިހެން ހީވެ ކަންބޮޑުވިނަމަވެސް އެކަން ދައްކާނުލާ އޭނަ ބިއްލޫރި މޭޒުމަތީގައި ހުރި ފުޅިން ބިއްލޫރިތަށިތަކަށް ނޮންކޮކްޓެއިލް ބުއިމެއް އެޅިއެވެ. ނޫކުލައިގެ ސަރުބަތުގެ ތެރެއަށް ގަނޑުފެން އެޅުމުން ބޯލާހިތްވިއެވެ. މިއޮތް ފިނިއިރު ފިނިބުއިމެއް ތައްޔާރުކޮށްގެން ސަލްވާއުޅެނީވެސް ކޮންމެވެސް އެހެން ކަމެއްވީމައޭ ހައިކަލް ހިތަށް އެރިއެވެ.

"ކޮފީގެ ބަދަލުގައި މިއަދު ހިތަށް އެރީ ފިނި އެއްޗެއް ބޯލާނީއޭ....."

ހައިކަލްގެ ލޮލުގައި އަޅައިގަތީ ސަލްވާގެ ކަނދުރާގައި ހުރި ރަތް މާކުތަކެވެ.

"ހާދަ ވަރަށޭ މަދިރި ހަފާލާފައި މިހިރީ....." ހައިކަލް ސަލްވާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލިއެވެ. އެހާ އޯގާތެރިކަމެއް ނެތޭ އެވަގުތު ސަލްވާގެ ހިތަށް އެރިއެވެ.

"ކޮންތާކު؟ " ސަލްވާ ކަންބޮޑުވިއެވެ. ސަލްވާ ވަގުތުން ބަލައިލީ އަތްތިލައަށެވެ. އެއަތުގައި ބިއްސެއް ހިސާބުވެސް ނެތެވެ. ސަލްވާގެ މައުސޫމްކަމުން އެފަދަ އެއްޗެއް ނަގައިގަންނާކަށްވެސް ނޭގޭނެއެވެ.

"ކޮންކަމެއް ސެލެބްރޭޓްކުރަނީ؟ " ހައިކަލް ކުރީ އެހެން ސުވާލެކެވެ.

ސަލްވާއަށް އެޖުމްލައިން މާ ބޮޑު އެއްޗެއް ނޭގުނެވެ. ހައިކަލްގެ ހިތުގައި އޭނައާއިމެދު ޝައްކެއްއޮތް ކަމެއް އޭރަކު ނޭގުނެވެ. ސަލްވާ ބޭނުންވީ އާފެށުމަކުން ފަށާށެވެ. މިހާރުވަނީ އުއްމީދު އާވެފައެވެ. މެހެރީނާ ހިތުހުރި އެއްޗެއް ކިޔުއްވައިގެން ދަށުވެގެނެއްވެސް އޭނަ ދެން ނޫޅޭނެއެވެ. ވަރަށް ދުވަސްވާންދެން ކެތްކުރެވިއްޖެއެވެ. ވީއިރު ފާހަގަކުރުމަކީ ހަމަ އެންމެ ރަގަޅުކަމެކެވެ.

"ޖަސްޓް........ހިތަށް އެރީ ނަސީބު އަތުގައި ހިފީއޭ. ދުނިޔޭގައި ހުރި އެންމެ ލަކީ އަންހެންކުއްޖާ ކަމުގައި ފީލްވޭ. އެހެންވީމަ ކޮންމެ ދުވަހަކީވެސް ދެން ސެލްބްރޭޓްކުރަން ޖެހޭ ދުވަހެއްކަމަށް ވުމަކީ ދުޢާ...." ސަލްވާ ރަކި ހިނިތުންވުމަކާއިއެކު އެ ރީތި އެސްފިޔަތައް ހިއްލާލާފައި ބަލައިލީ މީހުން ފިދާވާފަދަ ގޮތަކަށެވެ. އެރީތި ލޮލުގެ އަސަރުގައި ނުޖެހޭނެ މީހަކު މަދުވާނެއެވެ. ނަމަވެސް އެވަގުތު ރީތިކަމަކުން ހައިކަލްގެ ހިތަށް އަސަރެއްނުކުރިއެވެ. އެއަށްވުރެ އެހިތް ކިލަބުވެއްޖެއެވެ. އެކަމަކު ހިތުގެ ކޮންމެވެސް ދިމާލަކުން ބޭނުންވަނީ ހަގީގަތަށްވެސް ފުރަގަސްދޭށެވެ. އެއީ ނުވާކަމަކަށް ހަދާށެވެ. ސަލްވާއަކީ ފުރިހަމަ އަންބެއްގެ ގޮތުގައި އޭނަ ނިންމާފައިވަނިކޮށް އެކަން ބަދަލުކުރުން އެހާ ފަސޭހައެއް ނުވެސް ވާނެއެވެ. އެހާވެސް ބޮޑަށް އޭނަވަނީ ސަލްވާއަށް އިތުބާރުކޮށްފައެވެ.

ސަލްވާ މަޑުމަޑުން ހައިކަލްގެ މޭގައި ބޯއަޅާލަމުން ހަށިގަނޑު ވަށާލީ އެ ނާޒުކް ދެއަތުންނެވެ. ނަމަވެސް ހައިކަލް އެކަމަކާއި ބައިވެރިއެއްނުވިއެވެ. އޭނަ ޖީބުން ފޯނުނެގިއިރު އަޒަލް ގުޅާފައި ހުއްޓެވެ. ހަތަރު ފަސް މިސް ކޯލުހުއްޓެވެ. ވެދާނެއެވެ. އަޒަލްއަށް ހައިކަލް ގޮވީމަ ހިކިގެން އަންނާނަމޭ ކިޔާފައި ދިޔަގޮތަށް ވާހަކަދައްކާލަން ބޭނުންވީއެވެ. ހައިކަލް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އޭނަ އަވަދިނެތި އުޅޭވަރުން އާޒީންއާއި އަޒަލްއަށްވެސް ވަގުތުދެވޭ ކަމަކަށް ނުވެއެވެ. އެކުދިންނާއި ވާހަކަދައްކަން އޭނަ ހުއްޓަސް އެކުދިންގެ ހިތާމަތަކަށް ނިމުމެއް ގެންނަން މަސައްކަތްކުރެވިފައެއްވެސް ނެތެވެ. ކުއްލިއަކަށް ބޭރުގައި އަޑުގަދަވިހެން ހީވިއެވެ. ހަޅޭއްލަވައިގަތް ކަހަލަ އަޑެއްވެސް އިވުނެވެ.

"ސަލްވާ. ވީ ނީޑް ޓު ޓޯކް...." ހައިކަލްގެ މޫނުމަތިން ތަފާތު އަސަރެއްނުފެނުނެވެ. އެދެލޮލަށް ބަލާފައިވެސް ޝުއޫރުތައް ތަރުޖަމާކުރުން ދަތްޗެވެ. ނަމަވެސް ސަލްވާގެ ހިތުގެ ކަނަކުން ބިރުވެރިކަމުގެ ސިގްނަލްދިނެވެ. ވަގުތުން ހަތަރެސްފައި ފިނިވެލައިފިއެވެ. ހާސްވީކަހަލަ ގޮތަކަށް އެ ނާޒުކް ދެއަތް އުގުޅަމުންގޮސް ސޯފާގައި އިށީންގޮތަށް ސަރުބަތުތަށިން އެތިފޮދެއް ބޯލީވެސް ހިކިފައިވާ އަރުތެރެ ތެންމާލުމަށެވެ. ހައިކަލްގެ އެ ޖުމްލައިގެ ވި ސީރިޔަސްކަމުން އެއީ އާދައިގެ ވާހަކައެއްނޫންކަން ސަލްވާ ދެނެގަތެވެ. އެކަމަށް ތައްޔާރުވާން އޭނަ ޖެހޭނެއެވެ. ކޮންމެވެސް މީހަކު ބާރަށް ދޮރުގައި ތަޅައިގަތެވެ. ހީވީ ދޮރު ވައްޓާލަފާނެހެންނެވެ.

ހައިކަލް ދޮރުހުޅުވައިލިއިރު ވެގެން އުޅެނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ.

(އަދި ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު