ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދުވަސްވީ މީހަކު އައިސީޔޫގައި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިބްރާހިމް ރަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނީ --- ފޮޓޯ: އާއިލާ

ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހެއްގެ ހާލު ސީރިއަސްވެ އޭޑިކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ 64 އަހަރުގެ އިބްރާހިމް ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

އިބްރާހިމް ރަޝީދުގެ އާއިލާގެ މެމްބަރަކު ބުނީ އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އޭނާ ބުނީ އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އިބްރާހިމް ރަޝީދު ދަރިއަކު ބަލާގޮސް ސައިކަލު ޕާކު ކުރަން އުޅެނިކޮށް އެ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ގޮސް އޭނާ ދުއްވަން އިން ސައިކަލްގައި ޖެހިގެން ކަމަށެވެ.

ސައިކަލުން ޖެއްސި މީހާ ފިލާފައިވާކަމަށްވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ ރަޝީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ކަކުލުގައި ރެނދެއް ލާފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލެ ނިރޮޅުމަގުން ހަބީބް ބޭންކާ ދިމާލުން ދެ ސައިކަލް ޖެހިގެން އެކްސިޑެންތެއް ހިނގާފައިވާ ކަމަށާއި އެކްސިޑެންޓްގައި ޒަޚަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި އެކްސިޑެންޓްވި އަނެއް ސައިކަލްގައި އިންމީހާ އޭނާގެ ސައިކަލް ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް