ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާން ފަށައިފި، މަގުތަކުގައި ޓްރެފިކް ބޮޑު!

އަރަފާތުގައި ޖަހާފައިވާ ފޭލިގެތަކުގައި ބައެއް ދިވެހީން -- ސަން ފޮޓޯ: މުޢީދު

މިއަދަކީ އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހެވެ. އަރަފާތު ބިމަށް ޒިޔާރާތްކުރުމަކީ ހައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުނެވެ. އެއާ ނުލައި ހައްޖުގެ މާތް އަޅުކަން ފުރިހަމަ ނުކުރެވޭނޭ ރުކުނެކެވެ.

ޢަރަފާތު ބިމުގައި ތިބުމުގެ ކުރިން ތަރްވިޔާގެ ދުވަސް ފާހަގަކުރަންޖެހެއެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްޖުވެރިން މިނާގެ މަޝްޢަރުގައި ތިބެނީ މިގޮތަށް ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. އަދި އިއްޔެ ހަވީރުން ފެށިގެން މީސްތަކުން ވަނީ އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފައެވެ.

ހައްޖުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ބެެހެއްޓުމަށް ސައުދީ އަރަބިއްޔާއިން އެކުލަވާލައިފައިވާ ހައްޖު ކޮމެޓީން ހާމަކުރާ ގޮތުގައި، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. އެގޮތުން މިއަހަރުގެ ހައްޖުގައި ބައިވެރިވުމަށް ހަމައެކަނި ސައުދީން ބޭރުން މައްކާއަށް ޒިޔާރާތްކުރި މީހުންގެ އަދަދު ވެސް 1,752,014 އަރާކަމަށް ވެއެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 426,263 އިތުރު އަދަދެކެވެ.

މައްކާގެ ގަވަރުނަރު، އަދި ސައުދީ ހައްޖު ކޮމިޓީގެ ޗެއަރމަން އަމީރު ޚާލިދު އަލް ފައިސަލް ވިދާޅުވީ، ދެމިލިއަނަށް ވުރެ ގިނަ ހައްޖުވެރީން ބުދަ ދުވަހު މިނާއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

މައްކާއަށް މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 2 މިލިއަނަށް ވުރެ ގިނަ ހައްޖުވެރީން ޒިޔާރާތްކުރި -- ސަން ފޮޓޯ: މުޢީދު

ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ އިރު އޮއްސުމާ ހަމައަށް ހައްޖުވެރީން އަރަފާތުގައި ތިބެން ޖެހޭނެ އެވެ. އެގޮތުން މިނާއާއި އަރަފާތުގެ ވަށައިގެންވާ ސަރަހައްދުތަކަށް ޒިޔާރަތްކުރި ހައްޖުވެރީން މިހާރު އަރަފާތަށް ޖަމާވަމުން ދާއިރު، ދިވެހީންގެ ގިނަ ބަޔަކުވެސް މިހާރުވެސް އަރަފާތަށް ދިއުމުގެ ދަތުރުމަތީގައި ތިބިކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ދިވެހީންގެ ތެރޭން މިފަހަރުގެ ހައްޖުގައި ބައިވެރިވާ ގިނަ ބަޔަކު މިހާރު ވަނީ އަރަފާތަށް ގޮސްފައެވެ.

"އަޅުގަނޑުމެންނާއެކު ދަތުރުގައި ބައިވެރިވާ ފަރާތްތަކުން އަރަފާތަށް އައުމަށް ދަތުރު ފެށީ އިއްޔެ ހަވީރު 5:30 ކަންހާއިރު. މަގުގެ ޓްރެފިކް ބޮޑުކަމުން ވަރަށް މަޑުން ދުއްވާފައި އާދެވެނީ. ރޭ 9:00 ކަންހާއިރު އަރަފާތަށް އާދެވިއްޖެ. ބައެއް ފަހަރު ހީވޭ އެއްގޮތަކަށް ކުރިއަށް ނުގޮސް އޮންނަހެންވެސް. އެހާ މަޑުން ދުއްވެނީ،" އަރަފާތު ބިމުގައި މިވަގުތު ހުންނެވި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުޢީދު ޙަސަން، ސަން އަށް ވިދާޅުވިއެވެ.

އަރަފާތު ދުވަހުގެ އިރު އޮއްސުމުގެ ކުރީން އަރަފާތު ބިމަށް ނުދެވިއްޖެ ނަމަ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން މި މުހިއްމު ރުކުން އަދާކުރުމަށް ހައްޖުގައި ބައިވެރިވާ އެންމެން މިއަދު އަރަފާތަށް ޖަމާވާން ޖެހޭނެއެވެ.

އަރަފާތަކީ، ހައްޖުގެ އެންމެ މުހިއްމު އެއް ރުކުން. އަރަފާތަށް ނުދެވިއްޖެ ނަމަ ހައްޖު ފުރިހަމައެއް ނުވާނެ -- އޭޕީ ފައިލް ފޮޓޯ

މައުލޫމާތު ލިބޭ ގޮތުގައި މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ހުރިހާ ގްރޫޕެއްގެ މީހުންވެސް މިހާރު ދަނީ އަރަފާތަށް ދަތުރު ކުރަމުންނެނެވެ. ނަމަވެސް މަގުތަކުގެ ކާރޫބާރޫ ބޮޑުކަމުން، ބައެއް ޖަމާއަތްތަކަށް އަރަފާތަށް ފޯރާވަރުވަނީ މިއަދު މެންދުރު ފަހުން، ނުވަތަ ހަވީރުގެ ވަގުތެއްގައި ކަމަށް ވެއެވެ.

ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޔާމީން އިދުރީސް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި، އަރަފާތު ބިމުގައި ހުންނެވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ދިވެހިން ކަމެއް ސާފެއް ނުވެއެވެ.

އަރަފާތު ބިމުގައި މިއަދު އިރު އޮއްސެންދެން އަޅުކަންކުރުމުގައި ހޭދަކުރުމަށް ފަހު ދެން ހައްޖުވެރީން ޒިޔާރަތްކުރާނީ މުޒްދަލިފާއަށެވެ.

ހައްޖުގެ ކަންތައްތަކާ ގުޅޭ ސައޫދީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދެމިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ޒިޔާރާތްކުރާއިރު، އެ އެންމެންގެ ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ ފަރާތްތަކުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް