މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

އުޙުދު ހަނގުރާމަ - 9

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

އަބޫސުފްޔާނުގެ ރޭއްވެވުން އޮންނާނެގޮތް އިތުރުސާހިބާ އަށް ތަޞައްވުރު ކުރެއްވުނެވެ. އަބޫސުފްޔާނު އެހާ އަވަސްކޮށްލައްވައިގެން އެއުޅުއްވަނީ މަކަރެއް ހައްދަވަންކަން ޔަޤީންކުރެއްވުނެވެ. އިތުރުސާހިބާ އެކަން ވިސްނައިވަޑައިގެންނެވީ ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި ޤުރައިޝުންގެ ކޮޅަށް ތިލަފަތްބަރުވެލައިފައި އޮތުމާއި އެބައިމީހުނަށް ކާމިޔާބުވުމުގެ އެކަށޭނަކަން އޮތުމާއެކުވެސް އަބޫސުފްޔާނު އެހާ އަވަސްއަރުވައިލައްވައިގެން އެނބުރިވަޑައިގަންނަވާތީއެވެ. ޤުރައިޝުން މިހަނގުރާމަޔަށް ނުހަނު ބޮޑު ޚަރަދެއްކޮށްފައި އޮތުމާއެކު އަބޫސުފްޔާނު ފަދަ ދުނިޔެ ދެނެވަޑައިގަންނަވާ ތަޖްރިބާކާރު ކޮމާންޑަރަކު ހުސްއަތްޕުޅާ އެނބުރިވަޑައި ނުގަންނަވާނެކަން ޔަޤީންކުރެއްވޭތީއެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމަ އެވަގުތު އަބޫސުފްޔާނުގެ ރޭއްވެވުން ނާކާމިޔާބު ކޮށްލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު އަށް އެންގެވިއެވެ. " ޤައުމުގެ މީހުންގެ ފަސްފަހަތުން ވަޑައިގެން އެބައިމީހުން ހަދާނަހަދާގޮތް ބައްލަވާށެވެ. އެބައިމީހުން އަސްތަކަށް ސަވާރުވެގެން ޖަމަލުތައް ގޮވައިގެންދާނަމަ އެމީހުންގެ މަޤްޞަދަކީ ވަގުތުން މަދީނާއަށް ޙަމަލަދިނުމެވެ. ޖަމަލަށް ސަވާރުވެ އަސްތައް ގޮވައިގެންދާ ނަމަ އެމީހުން އެއުޅެނީ މައްކާއާ ދިމާޔަށް ގޮސްލައިފައި އެނބުރި އަންނަން ޤަޞްދުކޮށްގެންނެވެ. ކޮންމެ ގޮތެއްގައިވެސް އަހަރެމެން އަވަހަށް ސަމާލުވާންޖެހޭނެއެވެ."

ޢަލީގެފާނު ވަޑައިގެން ބައްލަވައިލެއްވިއިރު ޤުރައިޝުން ދަނީ ޖަމަލަށް ސަވާރުވެ އަސްތައް ގޮވައިގެންނެވެ. ނަމަވެސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރައްކާތެރިވެވަޑައިގެންނެވުމުގެ ފިޔަވަޅު އެޅުއްވިއެވެ. މުޖާހިދުންގެ ހަތްދިހަ ބޭކަލުން ހޮއްވަވައި ޤުރައިޝުންގެ ފަހަތުން އެއުރެންގެ ހޯހިރި ބައްލަވަން ފޮނުއްވިއެވެ. އެބޭކަލުންގެ ތެރޭގައި އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އާއި އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު ފަދަ ތަޖްރިބާކާރު އަސްކަރީ ބޭކަލުން ހިމެނުއްވިއެވެ.

އެއަށްފަހު އިތުރުސާހިބާ އަވަސްވެވަޑައިގެންނެވީ ޝަހީދުންގެ ޖަނާޒާގެ ކަންތައް ނިންމެވުމަށެވެ. ޖަނާޒާގެ ކަންތަކުން ނިމިވަޑައިގެން ޞަޙާބީންގެ ހުރިހާ ބޭކަލުން ބައިވެރިކުރައްވައިގެން މާތްﷲގެ ޙަޟުރަތަށް ޘަނާ ވިދާޅުވެ ވަރަށް ފުރިހަމަ ދުޢާފުޅެއް ކުރެއްވިއެވެ. ދުޢާފުޅަށްފަހު ހަމަ އެދުވަހު މަދީނާއަށް ވަޑައިގެން މަދީނާގައި ކުއްލި ނުރައްކަލުގެ ޙާލަތު ޤާއިމުކުރެއްވިއެވެ. ސަލާމަތީ ކަންތައް ވަރުގަދަކުރެއްވިއެވެ. މަގުތަކުގައި ފޯރިމެރުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ.

ޙަމްރާއުލްއަސަދުގައި

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރޭ ހޭދަކުރެއްވީ އުޙުދު ހަނގުރާމައިގެ ނަތީޖާއާއި، އެހަނގުރާމައިގެ ސަބަބުން ޢަރަބިކަރައިގެ ސިޔާސީ މަސްރަޙަށް އަންނާނެ ބަދަލުތަކާމެދު ފިކުރުކުރެއްވުމުގައެވެ. މައްކާގެ ލަޝްކަރު ކޮންމެވެސް މަރުޙަލާއަކުން އެނބުރި އައުމުގެ އެކަށޭނަކަން އޮތުމާއެކު މަދީނާގެ ދިފާޢަށްޓަކައި ހަރުދަނާ ފިޔަވަޅެއް އަޅުއްވަން ކައުސާހިބާ ބޭނުންފުޅުވިއެވެ. ހަމައެފަދައިން ލަޝްކަރާއިގެން މަދީނާއިން ބޭރަށް ނިކުމެވަޑައިގެން މުސްލިމުންގެ އާރާއި ބާރަށް ބަދަލެއް ނާންނަކަން މަދީނާގެ އަވަށްޓެރި ޢަރަބީޤަބީލާތަކަށް ދައްކައިލެއްވުމަކީވެސް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގެންނެވިއެވެ.

އެހެންކަމުން ހިޖްރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ އަށްވަނަ ރޭގެ ފަތިހު މޫނުއަނދިރިކަން ހުއްޓައި މުޝްރިކުންގެ ފަހަތުންދާން ނިކުތުމަށް މުސްލިމުންނަށް އަމުރުކުރައްވައިފިއެވެ. ހަމައެއާއެކު އުޙުދު ހަނގުރާމައިގައި ބައިވެރިނުވާ އެކަކުވެސް މުސްލިމުންނާއެކު ނުނިކުންނަންވެސް އެންގެވިއެވެ.

މުސްލިމުން ހަނގުރާމަޔަށް ނުކުތަ ނުދީ ހުއްޓުވަން މުނާފިޤުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ޤުރައިޝުންގެ އާރާއި ބާރާ ބެހޭގޮތުން އެތައް ތަނެއް ކަންބޮޑުކޮށް ހަދަހަދައިގެން ވާހަކަދެއްކިއެވެ. މުސްލިމުން ބިރުގަންނަވައިލެވޭތޯ މުނާފިޤުން ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ދޫކޮށެއްނުލައެވެ.

ނަމަވެސް މުސްލިމު މުޖާހިދުން އިތުރު ސާހިބާގެ ދަޢުވަތަށް ލައްބައިކައެވެ ވިދާޅުވެ ޖަވާބުދެއްވިއެވެ. ޒަޚަމުވެފައިތިއްބެވި ބޭކަލުންވެސް އެބޭކަލުންގެ ޒަޚަމުތަކުގައި ބޭސްއަޅުއްވައިގެން އިތުރު ހިތްވަރުފުޅާއި ޖޯޝާއެކު އަވަސްއަވަހަށް އިސްލާމީ ލަޝްކަރުގެ ދިދައިގެ ދަށަށް ޖަމާވެވަޑައިގެންނެވިއެވެ. އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ހަމްރާއުލްއަސަދަށް ވަޑައިނުގެންނެވުނީ ދެބޭކަލަކަށެވެ. އެދެބޭކަލުންނަކީ މާލިކެވެ ކިޔުނު އަންޞާރިއްޔަ ބޭކަލަކާއި ޝައްމާސެވެ ކިޔުނު މުހާޖިރިއްޔަ ބޭކަލެކެވެ.( ރަޟިޔަﷲ ޢަންހުމް) އެދެބޭކަލުން އުޙުދުގެ މައިދާނުން މަދިނާއަށް ގެނެވުނުއިރުވެސް ވަރަށް ހާލުކޮޅުދެރައެވެ. މާލިކުގެފާނާ ހަވާލުވެވަޑައިގެން އެކަލޭގެފާނަށް ހޭހަންކުރެއްވީ ޢާއިލާގެ މެމްބަރުންނެވެ. ޝައްމާސުގެ ކައިރި ތިމާގެފުޅު ބޭކަލަކު ނުވަތަ ބޭކަނބަލަކު މަދީނާގައި ވަޑައިގެން ނެތުމާއެކު އެކަލޭގެފާނު އެންމެ ފުރަތަމަ ގެންދެވުނީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅަށެވެ. ނަމަވެސް އައްސައްޔިދާ އުއްމުސަލަމަތު ރަޟިޔަﷲ ޢަންހާ (ފަހުން އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމުސަލަމަތު ރަޟިޔަﷲ ޢަންހާ) ވަނީ ޝައްމާސުގެފާނާ ޙަވާލުވެވަޑައިގެންފައެވެ. އެކަމަނާގެ ޤަބީލާގެ ބޭކަލަކަށް ވާތިއެވެ. އެދެބޭކަލުންވެސް ވަނީ އިތުރުސާހިބާ ހަމްރާއުލްއަސަދުގައި ހުންނަވަނިކޮށް އަވާހަރަވެފައެވެ. އެދެބޭކަލުންވެސް ފަސްދާނުލެވުނި އުޙުދުގެ ޝަހީދުންގެ އަރިހުގައި އުހުދުގައެވެ. އިތުރު ސާހިބާ ހަމްރާއުލް އަސަދަށް ފުރާވަޑައިގަތުމުގެ ކުރީންވަނީ އެކަމުގެ އިރުޝާދުދެއްވައިފައެވެ.

އުޙުދު ހަނގުރާމަޔަށް އަޤްދުކުރެއްވި ދިދަ އޭރުއޮތީ މޮއްސަވައިނުލައްވައި ބާއްވަވައިފައެވެ. އެހަނގުރާމަ ފުރިހަމަ ނިމުމަކަށް ނާންނަކަމަށް ފެނިވަޑައިގަންނަވާތީއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިދަ ދެއްވީ ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުއަށެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަލުއި ދަތުރުފުޅެއްކުރައްވައި ޙަމްރާއުލްއަސަދަށް ވަޑައިގެންނެވީ ޝައްވާލުމަހުގެ އަށްވަނަ ދުވަހުގެ ހަވީރުއެވެ. ޙަމްރާއުލްއަސަދަކީ މައްކާއާ ވީފަރާތުގައި މަދީނާއާ އަށް މޭލު ދުރުގައި އޮންނަ މަންޒިލެކެވެ. ދުޝްމިނުންނަށް މަދީނާއާ ޙަމަލަދެވޭން އޮންނަނީ އެދިމާއިންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރު ރައްކާތެރިކުރައްވަން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސެވިއެވެ. މުޝްރިކުން ރޭގަނޑު ޙަމަލައެއް ދީފާނެކަމަށްޓައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރުގެ އަސްކަރުގާހު ވަރަށް ބޮޑަށް ފަތުރައިލެއްވިއެވެ. ކޮންމެ މުޖާހިދަކުވެސް އިރު އޮއްސުމުން ވަކި އަލިފާންގަނޑެއް ޖައްސަވަންވެސް އިރުޝާދުދެއްވިއެވެ. ލަޝްކަރުގެ ހައިބަތު ވީހައިވެސް ބޮޑެއްކޮށް ދުރުތިބީންނަށް ދެއްކެވުމަށްޓަކައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދިގެންއައި ދުވަހުގެ ހެނދުނު އިރުއެރުމާއެކު އިސްލާމީ ލަޝްކަރުގެ ސަފުތައް އިންތިޒާމުކުރައްވައި ހަނގުރާމައެއްގެ ތައްޔާރީތައް ފުރިހަމަކުރެއްވިއެވެ. މިތާނގައި ފާހަގަކޮށްލަންޖެހޭ ނުކުތާއެއް އެބައޮތެވެ. އުޙުދުގެ ދުވަހު މުސްލިމުންނަށް ބޮޑެތި ޖާނީ ގެއްލުންތަކެއް ލިބިފައިއޮތުމާއި، ކަންބޮޑުވާންޖެހޭފަދަ ބައެއްކަންތައްތައް ހުރުމާއެކުވެސް މުސްލިމުންގެ ހިތްތައް ހުރީ ޖިހާދުގެ ޝައުޤުން ފުރިއުތުރި އަރައަރައެވެ. މުސްލިމުންގެ ޢަސްކަރީ އަޚްލާޤިއްޔާތު ވަރަށް ފުރިހަމައެވެ. އޭގެ އެއް ސަބަބަކީ މުސްލިމުންގެ އީމާންކަމުގެ ވަރުގަދަކަމެވެ. ދެވަނަ ސަބަބަކީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤިޔާދަތާމެދު މުސްލިމުންގެ ހިތްތަކުގައި ފުރިހަމަ ޔަޤީންކަން އޮތުމެވެ. ހަމައެއާއެކު މުސްލިމުން ތިބީ ކުރީދުވަހު ހެދުނު ގޯސް ރަނގަޅުކޮށް ލިބުނުގެއްލުމުގެ ބަދަލުހިފަންވެސް ވަރަށް ބޮޑަށް އެދިއެދިއެވެ. އެކަމަށް ކެތްތެރިކަން ކުޑަވެފައެވެ. އެހެންކަމުން މުސްލިމުންގެ ސަފުތަކުން ފެންނަމުން ދިޔައީ ހައިބަތާ އިންތިޒާމުގެ ވަރުގަދަކަމެވެ. އަސްކަރީ ރޭވުންތަކުގެ ފުރިހަމަކަމެވެ.

ޙަމްރާއުލްއަސަދުގެ ސަރަހައްދަކީ ޚުޒާޢަތު ވަންހައިގެ މީހުން ދިރި އުޅޭ ސަރައްޙައްދެވެ. އޭރު އެމީހުން އިސްލާމެއް ނުވެއެވެ. ޤުރައިޝުންނާއި އެބައިމީހުންނާދެމެދު ޢަޤީދީ ގުޅުމާއި ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއެވެ. ނަމަވެސް އެބައިމީހުންގެ ހަމްދަރުދީ އޮތީ މުސްލިމުންނާއެކުގައެވެ. ސަބަބަކީ ޚުޒާޢަތުވަންހައަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނު ޒަމާނުއްސުރެ ހާޝިމުވަންހައިގެ ޙަލީފުންކަމެވެ.

ޚުޒާޢަތުވަންހައިގެ ރައީސުންކުރެ މަޢުބަދު ބިން އަބީ މަޢުބަދު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވިއެވެ. ސީރަތު ޢިލްމުގެ ބައެއް އެދުރުން ވިދާޅުވާގޮތުގައި އޭރު އޭނާ އިސްލާމްވެވަޑައެއް ނުގަންނަވައެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި އޭނާ އިސްލާމްވެވަޑައިގެންނެވީ އެދުވަހުއެވެ. އޭނާ ވިދާޅުވިއެވެ.

" އޭ މުޙައްމަދުގެފާނެވެ! މާތްﷲ ގަންދެމެވެ. ކަލޭގެފާނަށާއި ކަލޭގެފާނުގެ އެކުވެރީންނަށް ލިބިވަޑައިގެންނެވި ގެއްލުމާމެދު އަޅުގަނޑު ވަރަށް ދެރަވިއެވެ. އަޅުގަނޑުގެ އެދުމަކީ މާތްﷲ ކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ލެހެއްޓެވުމެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއާ ސިއްރު މަޝްވަރާތަކެއް ކުރެއްވިއެވެ. ވާހަކަފުޅު ނިންމައިލައްވަމުން ވިދާޅުވިއެވެ. "އަވަހަށް އަބޫސުފްޔާނުގެ އަރިހަށް ދާށެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވައްދާށެވެ."

އޭރު ޤުރައިޝުން ތިބީ ޙަމްރާއުލްއަސަދާ ޖެހިގެން އޮތް މަންޒިލެއްކަމުގައިވާ އައްރައުޙާގައި ބަނޑަހަ ޖައްހައިގެންނެވެ. އައްރައުޙާއަކީ މަދީނާއާ ސަތިރީސްމޭލު ދުރުގައި އޮންނަ މަންޒިލެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލާފާކުރެއްވުނީ މުޅީން ރަނގަޅަށެވެ. ޤުރައިޝުން އައްރައުޙާގައި ތިބެ މަޝްވަރާކުރަމުން ގެންދިޔައީ މަދީނާއަށް ޙަމަލަދިނުމާ ބެހޭގޮތުންނެވެ. މުޝްރިކުންގެ އެއްބަޔަކު ވާހަކަ ދައްކަމުން ގެންދިޔައެވެ. އަހަރެމެން މިއަންނަނީ އެއްވެސް ކަމެއް ކޮށްފައެއް ނޫނެވެ. އެބައިމީހުންކުރެ ބޮޑުންގެ ބަޔަކު ޤަތުލުކޮށްފައި އެހައިތަނުން އެމީހުން ދޫކޮށްލައިފައި އައުމުން މުސްތަޤްބަލުގައިވެސް އެމީހުން އަހަރެމެންގެ ބޮލުގައި ރިހުމަކަށް ވާނެއެވެ. ވުމާއެކު އެނބުރި ދަމާހިނގާށެވެ. އެބައިމީހިންގެ ހުރިހާ ބާރެއް މުލުން އުފުރައިއުކައިނުލައި ހުއްޓައިލައިގެން ނުވާނެއެވެ.

އަބޫސުފްޔާނާއި އޭނާގެ މުޝްރީންކުރެ ޒުވާން ގިނަ ބައެއްގެ ޚިޔާލު މިގޮތަށް ހުރި ކަމުގައިވިޔަސް ޒިންމާދާރު ބައެއް އޮފިސަރުން އެކަމަކާ އެއްބަހެއްނުވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެކަކީ ޞަފުވާން ބިން އުމައްޔަތެވެ. ޞަފުވާނު ވިދާޅުވިއެވެ. " އޭ މީސްތަކުންނޭވެ! ތިޔަހެން ނަހަދާށެވެ! އުޙުދު ހަނގުރާމައިގައި ބައިވެރިނުވި މުސްލިމުންވެސް މިހާރު ތިޔަބައިމީހުންނާ ދެކޮޅަށް ނިކުންނާއެވެ. އެހެންކަމުން ލިބިފައިވާ ފަތަޙައިގެ ރީތި ނަމާއިގެން މައްކާއަށް ދަމާހިނގާށެވެ. އަހަރެމެން އެނބުރި ގޮސް މަދީނާއަށް ޙަމަލަދީފިނަމަ އެނބުރޭ އޮއިވަރެއްގެ ތެރެއަށް ވަދެވިދާނެތީ އަހަރެން ބިރުގަނެވެ. މިހާރުވެސް އެމީހުން އެތިބީ ބަލިވެފައެއް ނޫނެވެ."

ނަމަވެސް މުޝްރިކުންގެ ތަނަވަސް އަކްސަރިއްޔަތެއްގެ މީހުން އެގޮތް ޤަބޫލެއްނުކުރިއެވެ. އެމީހުން ނިންމީ އެނބުރި މަދީނާއަށް ދާގޮތަށެވެ. މަޢުބަދު ބިން އަބީ މަޢުބަދު އަލްޚުޒާއީއަށް އައްރައުޙާއަށް ވަޑައިގެންނެވުނީ މުޝްރިކުން ދަތުރަށް ނިކުންނާން އުޅެނިކޮށެވެ.

މަޢުބަދު މުސްލިމުންނާ ބައްދަލުކުރެއްވިކަމެއް އަބޫސުފްޔާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. މަޢުބަދަކީ އަބޫސުފްޔާނުގެވެސް ރަޙްމަތްތެރިޔެކެވެ. އެހެންކަމުން އަބޫސުފްޔާން އޭނާއާ ސުވާލުކުރެއްވިއެވެ. " މަޢުބަދެވެ! ތިބާއާއެކުގައި ވަނީ ކޮން ޚަބަރެއް ހެއްޔެވެ؟"

މަޢުބަދު ވަރުގަދަ ފިކުރީ ޙަމަލައެއް ދެއްވަމުން ވިދާޅުވިއެވެ. " މުޙައްމަދުގެފާނު އެކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ތިބާ ހޯއްދަވަން ނިކުމެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެވާފަދަ ބޮޑު ލަޝްކަރެއް އަހަރެން މީގެކުރީން ދުވަހަކުވެސް ދެކެފައެއްނުވެއެވެ. އެ އެންމެންވެސް ތިބީ ތިޔަބައިމީހުންދެކެ އިންތިހާޔަށް ރުޅިގަދަވެފައެވެ. އުޙުދުގައި ބައިވެރިނުވާ މީހުންވެސް މިފަހަރު ނުކުތެވެ. އެމީހުންވެސް ތިބީ ކުރެވުނު ދެރަކަމާމެދު ވަރަށް މޮޅިވެފައެވެ. ތިމާމެންގެ އަޚުންގެ ބަދަލު ހިފަން ކެތްމަދުވެފައެވެ. ތިޔަބައިމީހުން ދެކެ އެމީހުން އަރައިގެންފައި އެތިބަވަރަށް ބަޔަކު މީހުންދެކެ ބަޔަކު ރުޅިއަރައިގެންފައި ތިއްބައެއް އަހަރެން ނުދެކެމެވެ."

އަބޫސުފްޔާން ވިދާޅުވިއެވެ. " އަޚާއެވެ! ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކަފުޅެއްތޯއެވެ؟"

މަޢުބަދު ވިދާޅުވިއެވެ. " ވަ ﷲ އެވެ! ތިބާ ދަތުރުފެއްޓެވުމުގެ ކުރީން މުޙައްމަދުގެފާނުގެ ލަޝްކަރުގެ އަސްތަކުގެ ނިތްކުރިތައް ފެނިވަޑައިގަންނަވާނެއެވެ. ނުވަތަ މުސްލިމުންގެ އިސްލަޝްކަރު އެހެރަ ފަރުބަދަމަތީން ފައިބާތަން ހަމަ މިހާރު ފެންނާން ނުފަށާނެކަމެއްވެސް ނޭނގެއެވެ."

އަބޫސުފްޔާން ވިދާޅުވިއެވެ. " ވަ ﷲ އެވެ! އަހަރެމެންވަނީ އެނބުރި ގޮސް އެބައިމީހުންގެ އާރާއި ބާރު ކަނޑުވައިލަން ނިންމައިފައެވެ."

މަޢުބަދު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނަހައްދަވާށެވެ. އަޅުގަނޑަކީ ތިބާއަށް ހެޔޮއެދޭ އެކުވެރިއެކެވެ. މަޢުބަދު އޭނާގެ ކުޅަދާނަފުޅު ބަސްމޮށުންތެރިކަމާއި، މޮޅުޅެންތަކުން މައްކާގެ މީހުން ބިރުގަންނަވައި ލެއްވިއެވެ. ނަތިޖާއެއްގެ ގޮތުން މުޝްރިކުންގެ ހިތްވަރު އެލިއްޖެއެވެ. އަތްފައި ފިނިވެއްޖެއެވެ. ތިމާމެންނަށް އެންމެ ލާބަހުރި ގޮތަކީ އަވަހަށް މައްކާއަށް އެނބުރިދިއުން ކަމުގައި ނިންމައިފިއެވެ. ނަމަވެސް އަބޫސުފްޔާނުވެސް މައްކާއަށް ދަތުރުފައްޓަވަމުން މުސްލިމުންނާ ދިމާޔަށް އަޢުޞާބީ ޙަމަލައެއް ފޮނުއްވައިލެއްވިއެވެ. މުސްލިމުން އޭނާގެ ލަޝްކަރު ފަހައި އައުން ހުއްޓުވުމުށްޓަކައެވެ.

ޤުރައިޝުންގެ ގާތުން ލައިފައި މަދީނާއާވީކޮޅަށް ދަތުރުކުރި ޢަބްދުލްޤައިސުވަންހައިގެ ޤާފިލާއަކަށް ގޮވައިލައްވައިފައި އަބޫސުފްޔާނު ވިދާޅުވިއެވެ. " އަހަރެން ދޭ ޚަބަރެއް މުޙައްމަދުގެފާނުގެ އަރިހަށް ގެންގޮސް ދެވިދާނެހެއްޔެވެ؟ އަހަރެން ވަޢުދުވަމެވެ. އެކަންކޮށްދީފިނަމަ ތިޔަބައިމީހުން ޢުކާޒުގެ ބާޒާރަށް އައުމުން ތިޔަބައިމީހުންގެ މިޖަމަލަށް ކިރިޔާ އުފުލޭ ވަރަށް ހިކިބޭމިސްކަދުރު ދޭނަމެވެ."

ޢަބްދުލް ޤައިސުވަންހައިގެ ޤާފިލާ އެކަން ޤަބޫލުކުރުމުން އަބޫސުފްޔާނު ވިދާޅުވިއެވެ. "އަހަރެމެން މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އެކުވެރި ކަތިލައި ހުސްކުރަން އެބަ އާދެއޭ ދަންނަވާށެވެ."

އެޤާފިލާ ޙަމްރާއުލްއަސަދުގެ ތެރެއިން ދަތުރުކުރިއިރު މުސްލިމުންނަށް އެޚަބަރުދިނެވެ.

(ނުނިމޭ)

comment ކޮމެންޓް