"ޕެހެރޭދާރް ޕިޔާ ކީ" ދެއްކުން ހުއްޓާލައިފި

ބެލުންތެރިންގެ ޝަކުވާގެ ސަބަބުން ސޮނީ ޓީވީ އިން ދައްކަމުން ގެންދިޔަ ޑްރާމާ ސިލްސިލާ "ޕެހެރޭދާރް ޕިޔާ ކީ" ދެއްކުން ހުއްޓާލައިފި އެވެ.

އަށާރަ އަހަރުގެ އަންހެން ކުއްޖަކާއި ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ކައިވެނީގެ މައްޗަށް އުފައްދާފައިވާ އެ ޑްރާމާ ދެއްކުން ހުއްޓާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަމަށް ސޮނީ ޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޝަޝީ ސުމީތު ޕްރޮޑަކްޝަންސްގެ އެ ޑްރާމާ ދައްކަން ފެށި މިދިޔަ މަހު އެވެ. އެއާ އެކު އެއީ މުޖުތަމައު އާއި ނުގުޅޭ އަދި ކުޑަކުދިންނަށް ނުބައި މެސެޖެއް ދެވޭ ޑްރާމާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ޑްރާމާ ދެއްކުން ހުއްޓާލުމަށް އަންގަމުންނެވެ. އެގޮތުން އޮންލައިނެއް ޕެޓިޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޝަޝީ ސުމީތު ޕްރޮޑަކްޝަންސް އިން ދިޔައީ ޑްރާމާ ދިފާއު ކުރަމުންނެވެ. ސޮނީ ޓީވީ އިން ބުނީ ޑްރާމާ ކުއްލިއަކަށް ހުއްޓާލުމުގެ ސަބަބުން ޑްރާމާ އުފައްދާ ފަރާތަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށާއި ނަމަވެސް ސޮނީ އިން އިސްކަން ދެނީ ބެލުންތެރިންގެ ޑިމާންޑަށް ކަމަށެވެ.

ޑްރާމާ ދެއްކުން މުޅިން ހުއްޓާލާފައި މިވަނީ ޑްރާމާ ދައްކާ ގަޑި ވެސް ބަދަލު ކުރުމަށް ފަހު އެވެ. މި މަހުގެ ކުރީކޮޅު ސޮނީ އިން ވަނީ ރޭގަނޑު 10ގެ ސްލޮޓަށް އެ ޑްރާމާ ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް