އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު އިންޑިއާއިން ދިވެހި ދަރިވަރަކަށް ދީފި

އެމްބީބީއެސް އަށް ކިޔެވުމުގެ ފުރުސަތު ލިބުނު ދިވެހި ދަރިވަރަށް އެކަމުގެ ލިޔުން އިންޑިއާ ސަފީރު އަކިލެޝް ދެއްވަނީ --- ފޮޓޯ/ އިންޑިއާ އެމްބަސީ

އިންޑިއާގައި އެމްބީބީއެސް އަށް ކިޔެވުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ދިވެހި ދަރިވަރަކަށް ދީފިއެވެ.

މިއީ އައިޓެކް/އައިޖީއެމްއެޗް ސްކީމުގެ ދަށުން މިއަހަރު ކިޔެވުމަށް ފުރުސަތު ލިބުނު ފުރަތަމަ ދަރިވަރެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދޭ އެ ސްކޮލަޝިޕް ފުރުސަތުތަކަކީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ދެމުން އަންނަ ފުރުސަތު ތަކެކެވެ. އެގޮތުން ކޮންމެ އަހަރަކު އެއް ޕޯސްޓް ގުރެޖުއޭޓް ފުރުސަތާއި ހަތަރު އެމްބީބީއެސް ފުރުސަތު ދިވެހި ދަރިވަރުންނަށް އިންޑިއާ ސަރުކާރުން އައީ ދެމުންނެވެ.

އެ ސްކޮލަޝިޕްގެ ދަށުން މިއަހަރު ކިޔަވަން ދިއުމުގެ ފުރުސަތު ދީފައި ވަނީ މައާނީ ފަތުﷲ އިސްމާއިލަށެވެ.

ހަ އަހަރު ދުވަހުގެ އެމްބީބީއެސް ޕްރޮގްރާމް އެ ދަރިވަރު ފުރިހަމަ ކުރާނީ ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސުންނެވެ. އަދި ދަރިވަރު ކިޔަވަންދާ ހުރިހާ ހަރަދެއް ހަމަޖައްސާނީ އިންޑިއާ ސަރުކާރުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ދަރިވަރަށް އެ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ އަކިލެޝް މިޝްރާއެވެ.

އައިޓެކް/އައިޖީއެމްއެޗް ސްކީމްގެ ދަށުން މިދިޔަ އަހަރު ވެސް އެމްބީބީއެސް އަށް ކިޔެވުމަށް ދިވެހި ހަތަރު ދަރިވަރަކަށް ވަނީ ފުރުސަތު ދީފައެވެ. ނަމަވެސް މިދިޔަ އަހަރު ސްކޮލަޝިޕް ފުރުސަތު ދީފައި ވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

comment ކޮމެންޓް