ފައިނޭންސް އަދި ހެލްތުކެއާ މެނޭޖްމަންޓުގެ އެމްބީއޭ ޕްރޮގްރާމްތަކެއް މެޕްސްއިން ފަށަނީ

މެޕްސް ކޮލެޖުގެ ދަރިވަރުންތަކެއް --- ފައިލް ފޮޓޯ/ މެޕްސް ކޮލެޖް

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ބެޑްފާޑްޝަރ އިން ހިންގާ ފައިނޭންސް އަދި ހެލްތުކެއާރ މެނޭޖްމަންޓް ދާއިރާތަކަށް ހާއްސަ އެމްބީއޭ ޕްރޮގްރާމްތަކެއް ރާއްޖޭގައި ފެށުމަށް މެޕްސް ކޮލެޖުގައި ނިންމައިފިއެވެ.

މިއީ ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތު ކެއާ މެނޭޖްމަންޓް ގެ ދާއިރާ އަށް ހާއްސަ އެމްބީއޭ ޕްރޮގްރާމެއްތަކެއް ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރެވެ. އެ ޕްރޮގްރާމްތައް ރާއްޖެއަށް އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކާ އެ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މެޕްސް ކޮލެޖުން ބުނީ، އެ ކޮލެޖުން މިއަދު އިފްތިތާހްކުރި މާސްޓާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމްތަކުގެ އިތުރުން ޔުނިވާސިޓީ އޮފް ބެޑްފާޑްޝަރގެ ޖެނެރަލް އެމްބީއޭ ޕްރޮގްރާމްތައް ވެސް އެ ކޮލެޖުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ފައިނޭންސް އަދި ހެލްތުކެއާރ މެނޭޖްމަންޓްގެ ކޯސްތަކެއް ރާއްޖެއަށް ތައާރަފްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ތަރައްގީވެ ކުރިއަރަމުން އަންނަ ސިއްހީ ދާއިރާއާއި ގުޅުންހުރި މަތީ ފެންވަރުގެ ވަޒީފާތަކަށް މީހުން ތަމްރީން ކުރުމަށާއި ރާއްޖޭގައި ބިދޭސީން އެންމެ ގިނަ އެއް ދާއިރާ ކަމުގައި ފައިނޭންސްގެ ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުން ކަމަށެވެ.

އޭގެ އިތުރުން ތަފާތު ވިޔަފާރި ކުންފުނިތަކާއި ޕަބްލިކް ސެކްޓަރުގެ މަތީ ވަޒީފާތަކުގައި މިހާރު މަސައްކަތްކުރާ އަދި އެފަދަ ވަޒީފާތަކަށް ނިކުތުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމަށް ހަމަޖެހިފައިވާ ޖެނެރަލް އެމްބީއޭ ޕްރޮގްރާމަކީ ފެންވަރު ރަނގަޅު އަދި އިންޓަނޭޝަނަލް އެމްބީއޭ ޕްރޮގްރާމެއް ރާއްޖޭގައި ހުރެގެން ހެދުމުގެ ފުރުސަތު ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރު އަބްދުލް އަޒީޒު އިބްރާހިމް ވިދާޅުވީ، މިއީ ރާއްޖޭގައި މިހާރު ހިންގާ އެހެން ކޮލިފިކޭޝަންތަކާއި ވަރަށް ބޮޑަށް ތަފާތު އަދި ކިޔަވައިދޭ އެކި ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކެއް ކަމަށެވެ.

"މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ތަފާތު ކަންތައްތައް ނުވަތަ ސިނާރިއޯތަކަށް ކުދިން އަހުލުވެރި ކުރުވާ މިފަދަކަންކަމުގައި އަމަލުކުރާނެ ނުވަތަ ނިންމުންތައް ނިންމުމުގެ ހުނަރު ލިބިގެންދާގޮތަކަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކެއް،" ޑެޕިއުޓީ ރެކްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް ހުށަހަޅާ ކުދީންގެ ތެރެއިން ކޯސް ފީ ދެއްކުމަށްޓަކާ އިސްލާމިކް ބޭންކުން ލޯން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މެޕްސް ކޮލެޖުން ބުނީ، ސެޕްޓެމްބަރު މަހު ފަށާ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ވަޒީފާގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ، 12 މަސް ދުވަހުން ނިންމޭ އެ ކޯސްތަކުގެ ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ހަވީރުގެ ގަޑިތަކުގަ އެވެ.

comment ކޮމެންޓް