''ސަގާފީ ބޮޑު ޢީދަކަށް'' ހުޅުމާލެ ފައްކާވަނީ!

ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރި މި އަހަރުގެ ފިތުރު ޢީދު ނަމާދު. މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އެ ސަހަރުގައި ފާހަގަކުރުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެޗްޑިސީ

ރޯދަމަހަަށް ފަހު އަންނަ ފިތުރު ޢީދު (ކުޑަޢީދު) އާއި ހައްޖުގެ މާތް އަޅުކަމާ ގުޅިގެން އަންނަ އަޟްޙާ ޢީދު (ބޮޑުޢީދު) އަކީ މުސްލިމުން ކުލަގަދަކޮށް ފާހަގަކުރާ އެންމެ ބޮޑު ދެ މުނާސަބަތެވެ. މިއީ ދިވެހީންގެ ތެރޭގައި ވެސް ޒަމާނުއްސުރެ އެންމެ ފޯރިއާއެކު އެންމެ ކުލަގަދަކޮށް ފާހަގަކުރާ ދެ މުނާސަބަތެވެ. އެހެންނަމަވެސް، ޒަމާނާއެކު މި ދެ މުނާސަބަތު ފާހަގަކުރުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އިހުހުރި ފޯރި މިހާރަކު ނެތެވެ.

"ހުޅުމާލެ ޔޫތު ސިޓީ"އަކީ، ރާއްޖޭގައި މިހާރު އެންމެ ހަލުއި ދުވެލީގައި ތަރައްގީވަމުން އަންނަ ސަހަރެވެ. މި ސަހަރަށް ޒަމާނީ ތަރަށްގީ ހިފެހެއްޓުމެއްނެތި އަންނައިރު، މި ސަހަރުގައި ދިވެހީންގެ އާދަކާދައާ ސަގާފަތް ވެސް ދިރުވައި އާލާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިވަނީ އަތުކުރި އޮޅާލައިފައެވެ.

ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރި މި އަހަރުގެ ފިތުރު ޢީދު ނަމާދު. މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އެ ސަހަރުގައި ފާހަގަކުރުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެޗްޑިސީ

މި ފަހަކަށް އައިސް އެޗްޑީސީން އަންނަނީ، ހުޅުމާލޭގައި އިޖްތިމާއީ ގުޅުން ވަރުގަދަކޮށް، ދިވެހީންގެ ދިވެހިވަންތަ، ހިތްހެޔޮ، އެކުވެރި މާހައުލު އަނބުރާ ގެނައުމަށް އެ ސިޓީގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ބޮޑުއީދުގައިވެސް ކޮންމެވެސްވަރެއްގެ ޚަރަކާތްތަކެއް ހިންގާފައި ވާއިރު، މިއަހަރުގެ ކުޑައީދުގައި އެޗްޑީސީން ވަނީ، ހުޅުމާލޭގައި، ޢީދު ނަމާދުގެ އިތުރުން އެ ސަހަރުގެ ސެންޓްރަލް ޕާކުގައި "ހޮޓްއެއަރ ބެލޫން ފެސްޓިވަލެއް"ވެސް ބާއްވައިފައެވެ. އަދި މިފަހަރު، އެޗްޑީސީން ދަނީ ހުޅުމާލޭގައި މިހާތަނަށް ނުބާއްވާފަދަ ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް، ދިވެހީންގެ ސަގާފީކަންކަން މިތަނުގައި އާލާކޮށް ދިރުވަން. މިކަމުގައި ވީހާވެސް ބޮޑަށް މުޖްތަމައުގައި ދިރިއުޅޭ އެންމެހާ ފަރުދުން ބައިވެރިކުރަން އަޅުގަނޑުމެން ބޭނުން،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޢީދާ ގުޅުވައިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން. މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އެ ސަހަރުގައި ފާހަގަކުރުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެޗްޑިސީ

އޭނާ ވިދާޅުވީ، ހުޅުމާލޭގައި މިފަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް، ސިލްސިލާ ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ރާވާފައިވާ ކަމަށެވެ. އެގޮތުން ޙައްޖު ދުވަހު ރޯދަހިފާ ފަރާތްތަކަށް ހުޅުމާލޭގައި ރޯދަވީއްލުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެޗްޑީސީން ބޮޑުއީދު ހަރަކާތްތައް ރާވާފައިވާ ގޮތުން، ޢީދު ނަމާދަށް ފަހު ދެން އޮންނާނީ އެންމެން އެކުގައި ޢީދު ސައި ބުއިމެވެ. އަދި އެއަށްފަހު އުލްހިޔާ ކަތިލައި، އެތަކެތި ޞަދަގާތްކުރުމުގެ ހަރަކާތެއް ހަމަ އެ ސަރަހައްދުގައި ކުރިއަށް ގެންދާނެއެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ، އީދުދުވަހު ހަވީރު ހުޅުމާލޭގެ މަގުތަކުގައި ސަގާފީ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އީދު ދުވަހުގެ ރޭ، "ޢީދު މަޖާ"ގެ ނަމުގައި ވަރަށް ޚާއްސަ މިއުޒިކް ޝޯއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޢީދާ ގުޅުވައިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން. މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އެ ސަހަރުގައި ފާހަގަކުރުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުން -- ފޮޓޯ: އެޗްޑިސީ

ޢީދުގެ ފުރަތަމަ ދުވަހު، ތަފާތު ޚަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހު، ޢީދުގެ ދެވަނަ ދުވަހު، އަލް ޙިޖްރާގެ އެހީތެރިކަމާއެކު އެޗްޑީސީން ކުޑަކުދީންނަށް ޚާއްޞަކޮށްގެން ކުޑަކުދީންގެ ޢީދު ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ތަނެއްގައި ނަމަވެސް، އެންމެ ރަނގަޅަށް ކަމެއް ކުރެވޭނީ، އެތަނެއްގައި ދިރިއުޅޭ ބަޔަކު އެކަމެއް ކުރާން ފުރިހަމަ އެއްބާރުލުން ދީގެންނެވެ. ހުޅުމާލެއަކީ މިހާރުވެސް ބޮޑު އާބާދީއެއް އޮތް ސަހަރަކަށްވާއިރު، އެތަނުގައި ރާވައި ހިންގާ މިފަދަ އިޖްތިމާޢީ ޚަރަކާތްތަކަށް، މުޖްތަމައުގައި ދިރިއުޅޭ އެންމެންގެ އެއްބާރުލުން ލިބުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އެދުމެކެވެ.

comment ކޮމެންޓް