ކުޅިވަރު ކުޅޭ މީހުންނަކީވެސް ގައުމަށް ނަމޫނާ ބައެއް: މަރޭ

ޗެލެންޖް ގަބޫލުކޮށް އީޝާއާ އެކު މަރޭ ތަމްރީނުތައް ފުރިހަމަކުރަނީ: އީޝާ ދެން ޗެލެންޖް ކުރިމަތި ކުރުވާފައިވަނީ ދަގަނޑޭއާ --- ފޮޓޯ: އިބްރާހިމް ފާއިދު

ނަމޫނާ އަކަށް ބަލަންވީ ހަމައެކަނި ސިޔާސީ މީހުން ނޫންކަމަށާއި ކުޅިވަރު ކުޅޭ މީހުންނަކީވެސް ނަމޫނާއެއް ކަމަށް ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީގެ ޖެނެރަލް ސެކެރަޓަރީ އަހްމަދު މަރްޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

މަރޭ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ނަމޫނާގެ ގޮތުގައި ރާއްޖޭގައި ބަލަން ޖެހެނީ ހަމައެކަނި ސިޔާސީ މީހުންނޫން ކަމަށާއި ކުޅިވަރު ކުޅޭ މީހުންނަކީވެސް ނަމޫނާއެއް ކަމަށެވެ. އަދި އެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މަރޭގެ ސްޓޭޓަސްގައި އޭނާ ވަނީ ކުޅިވަރު މައިދަނުގައި ރާއްޖެ ހޯދާފައިވާ ބޮޑެތި ކާމިޔަބީތައް ހޯދައިދިން ބައެއް އެތުލީޓުންވެސް ފާހަގަކޮށްފައެވެ.

މަރޭ ބުނެފައިވަނީ ރާއްޖޭގެ އެއް ނަންބަރު ފުޓްބޯޅަ ކުޅުންތެރިއާ އަދި ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖޭ ފަހުރުވެރިކޮށްދީފައިވާ އަލީ އަޝްފާގް (ދަގަނޑޭ)، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު، ދާދި ފަހުން އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުން ރަން މެޑަލް ހޯދި ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) އަދި ރާޅާ އެޅުމުން ގިނަ ވަނަތަކެއް ހޯދާފައިވާ އަލީ ޚުޝްރުވާން (ކުޑައައްޔަ) ފަދަ މީހުން އަދިވެސް މި ގައުމުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މަރޭވަނީ އެފަދަ ކުޅިވަރު ޝަހުސިއްޔަތުން ގައުމަށް އަބަދުވެސް ބޭނުންވާނެ ކަމަށާއި އެހެން ކަމުން އެއްވެސް ފަސްޖެހުމެއް ނެތި ހުރިހާ ބެލެނި ވެރިންވެސް ކުދިން ކުޅެން ފޮނުވުމަށް އެދޭ ކަމަށް ލިޔުއްވައިފައެވެ.

ކުޅިވަރުގައި ހަރަކާތްތެރިވާ އެތްލީޓުންނަށް ހިތްވަރުދީ ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފަހި މަގެއް ހޯދައިދިނުމަށްޓަކައި މަރޭ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ކުޅުންތެރިން ރާއްޖޭން ބޭރަށް ފޮނުވައިގެން ތަމްރީން ކޮށްފައިވަނީވެސް މަރޭ އޮލިމްޕިކް ކޮމިިޓީގެ ޖެނެރަލް ސެކެރަޓަރީ ކަމުގައި ހުންނަވައިގެންނެވެ.

comment ކޮމެންޓް