ޝަރުތަކާ ނުލައި މަޟްވަރާތަކުގައި ބައިވެރިވާން ސަރުކާރުން ފުރުސަތު ހުޅުވާލައިފި

ޝަރުތަކާ ނުލައި މަޝްވަރާތަކުގައި ބައިވެރިވާން ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދައުވަތު އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ، ސިޔާސީ ޕާޓީތަކުގެ މަސްވަރާއަށް ކަނޑައަޅުއްވާފައިވާ ޗީފް ނެގޯޝިއޭޓަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިދުވަސްވަރަކީ އިދިކޮޅު ފަރާތްތަކުން އިސްލާހީ ގިނަ ވާހަކަތަކެއް ދައްކާ ދަނޑިވަޅަކަށްވުމުން އަނެއްކާ ވެސް ޕާޓީތަކުގެ މަސްވަރާއަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

މިފަހަރުގެ މަސްވަރާތަކުގައި އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ދައުވަތު ދެއްވާފައިވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

ކުރިން ވެސް އެކިފަހަރު މަތިން އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަންކުރިކަން ފާހަގަކޮށް ޝައިނީ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ކުރިއަށް ނުގެންދެވެނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ޝަރުތުތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ހެޔޮބަދަލުތަކެއް ގެނައުމަށްޓަކައި އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލައްވައި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ތަން. އެހެންވީމަ އަޅުގަނޑުމެނަށް ގަބޫލުކުރެވުނީ މިފަހަރު އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް އެއްވެސް ބޭފުޅަކު ނުދައްކަވާ،" ޝައިނީ ވިދާޅުވިއެވެ.

މީގެކުރިން ޝަރުތުތަކެއް ކުރިމަތިކުރިނަމަވެސް މިފަހަރު އިދިކޮޅު ލީޑަރުން ދައްކަވަމުން ގެންދަވަނީ ގެންނަވަން ޖެހޭ އިސްލަހީ ބަދަލުތަކެއްގެ ވާހަކަތަކެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން މި ހުޅުވާލި ފުރުސަތަކީ އެއްވެސް ޝަރުތަކާ ނުލައި ޕާޓީ މަޝްވްރާތައް ނުވަތަ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ވަކިވަކި ފަރުދުންގެ ވާހަކަ ނުދައްކައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެބޭފުޅުންގެ ހުށަހެޅުންތަކެއް ހުރި ކަމަށް ފެންނާތީވެ އެ ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ހަތްވަރަކަށް ދުވަސްތެރޭ އަންގާލަ ދެއްވާށޭ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކަންތައްތައް ސަރުކާރު ހިންގާ ޕީޕީއެމްއާ ކޯލިޝަން ހަދާފައިވާ ޕާޓިތަކާ އެކު މަޝްވަރާކުރުމަށްފަހު "އީޖާބީ މަސަތްކަތްތަކެއް" ފައްޓަވާނެ ކަމަށެވެ.

comment ކޮމެންޓް