ގާކޮށްޓާއި އަރަބިއްޔާ ފްލެޓަށް ފައިސާ ނުދެއްކި ތިބި ފަރާތްތަކަށް ލޯނު ދޫކުރަނީ

ގާކޮށި ފުލެޓު --- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އެމްއެމްއޭއާ ގުޅިގެން ސަރުކާރުން އިއުލާން ކުރި "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމް" ގެ ދަށުން ގާކޮށްޓާއި އަރަބިއްޔާ ފްލެޓުތަކަށް ފައިސާ ނުދެއްކި ތިބި ފަރާތްތަކަށް ލޯނު ދޫކުރަން ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ވެށި ފަހި މާލެ" ޕްރޮގްރާމުގެ ދަށުން މާލޭގައި، އެޕެކްސް ރިއަލިޓީގެ ފަރާތުން އިމާރާތްކޮށްފައިވާ ފްލެޓުތަކުން ފްލެޓަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން ލޯނު ހަމަޖެހިފައިނުވާ ފަރާތްތަކަށް އެމްއެމްއޭ އާއި ބޭންކުތަކާ ގުޅިގެން ހަމަޖައްސާފައިވާ ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ސްކީމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ "އަސާސީ މައުލޫމާތު ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނުގެ އޮފީހަށް ހުށަހެޅުމަށް ވެސް އިއުލާނުގައި ދަންނަވާފައިވެ އެވެ.

އެއަށްފަހު އެ ފަރާތަކުން ލޯނު ނަގަން އެންމެ އެކަށީގެންވާ މާލީ އިދާރާއެއް އެ ފަރާތަށް އަންގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"މިގޮތުން މި ފްލެޓުތަކަށް ހޮވިފައިވާ ފަރާތްތަކުން އެފަރާތްތަށް ކަނޑައެޅިފައިވާ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެންނެވުނު ސްކީމުގެ ދަށުން، މާލީ އިދާރާ ހަމަޖައްސައި އެކަން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ލިއުމަކުން މި ކޯޕަރޭޝަނަށް އެންގެވުން އެދެމެވެ،" އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލޯނު ހަމަނުޖެހިއްޖެނަމަ ފްލެޓު ގަތުމަށް އެފަރާތަށް ލިބިފައިވާ ފުރުސަތު ގެއްލޭނެ އެވެ. އަދި އެފަދައިން ފުރުސަތު ގެއްލިއްޖެނަމަ އެ ފަރާތްތަކަށް ހުޅުމާލޭގެ އަގު ހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ކަނޑައެޅޭ ޕްރިއޮރިޓީ ލިސްޓެއްގެ ދަށުން ފްލެޓު ލިބޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް