ހޮޅި ވާހަކަ ނުދައްކާށެވެ.

ޖީއެމްއާރަށް އެއާޕޯޓް ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން --

އަވައްޓެރި ގައުމެއްގެ ސަފީރަކު ނޫސްވެރިންތަކަކަށް ދިން ރޭގަޑުގެ ކެއުމަކަށް އަޅުގަނޑަށް ވެސް ދައުވަތު ލިބުނެ އެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި އަދި ޖީއެމްއާރުގެ މައްސަލަ އެންމެ ހޫނުވި ދުވަސްވަރެވެ. ސަފީރުގެ ގެކޮޅުގައި އޮތް އެ ކެއުމުގައި ދޮޅަހަކަށް ސީނިއާ ނޫސްވެރިން ބައިވެރިވި އެވެ. އެ ބަދަލުވުމުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނީ، ރާއްޖޭގެ މައި ދޮރާށި އެއާޕޯޓް، ޖީއެމްއާރުން ހިންގާ މައްސަލައިގެ ނުތަނަވަސްކަމުގެ މައްޗަށެވެ. އެ ދުވަސްވަރު އެމްޑީޕީ ސަރުކާރު ބަލިކަށިވަމުން ދިޔަ މަންޒަރު ނޫސްވެރިންނެކޭ އެއްފަދަ އިން ސަފީރަށް ވެސް ވަރަށް ރަނގަޅަށް ވަޒަން ކުރެވުނެވެ. ސަފީރުގެ މޫނުމަތިންނާއި ޖަޒުބާތުން އެކަން ވަރަށް ރަނގަޅަށް ވަޒަން ކުރެވުނެވެ. އެ ސަފީރަކީ ނޫސްވެރިންނާ ގާތްގުޅުމެއް ބާއްވަމުން އައި ސަފީރަކަށް ވުމުން ވާހަކަ ދެކެވުނީ ކޮންމެހެން ޑިޕޮލަމެޓިކް ލެވެލަށް ވުރެ ތަންކޮޅެއް ތިލަކޮށެވެ. ކުއްލިއަކަށް ވާހަކަތަކުގެ މެދުތެރެއިން ސަފީރު ކޯފަ ގަދަވެ، ވިދާޅުވެވުނީ ދިވެހީންނަކީ 'ސްޓޭޓްލެސް' ނޫނީ ގައުމިއްޔަތެއް ނެތް ބައެއް ކަމަށެވެ. އިއްތިފާގަކުން ސަފީރުގެ އަނގައިން އެ ބަސް ބޭރުވީ އެވެ. އެ ހިސާބުން މައްސަލަ ވަރަށް ގޯސްވި އެވެ. ބައެއް ނޫސްވެރިން ދެންމެ ދެންމެ ސަފީރުގެ ގަޔަށް އަތްލާ ހިސާބަށް ދިޔަ އެވެ. އެކަން ކޮންޓްރޯލް ކުރީ ދެން ތިބި ނޫސްވެރިން އެދެމެދަށް ވަދެގެންނެވެ. ސަފީރުގެ ޖަޒުބާތު ކޮންޓްރޯލުން ނެއްޓި ހިސާބުން އަވައްޓެރި ގައުމުން ރާއްޖެ އާއި އަދި ދިވެހިންނާ ދޭތެރޭ ދެކޭ ގޮތް ވަރަށް ރަނގަޅަށް ވަޒަން ކުރެވުނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެންމެ ރަނގަޅަށް ކުރި އެއްކަމަކީ ޖީއެމްއާރު މި ގައުމުން ބޭރު ކުރުމެވެ. އެކަމަށް ޑރ. ވަހީދަށް އަޅުގަނޑު ސެލިއުޓް އަރުވަމެވެ. ތެދެކެވެ. އެކަމުގެ ސަބަބުން އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އުފުލަން ޖެހުނު ބުރަ ވަރަށް ވެސް ބޮޑެވެ. އޭގެ ތެރޭގައި ޖީއެމްއާރަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ހިމެނެ އެވެ. ގައުމު ދަރުވާލާފައި އޮތް ދަނޑިވަޅެއްގައި އެއީ ކުޑަ އަދަދެއް ނޫނެވެ. ނަމަވެސް ސަރުކާރުން ލޯމަރާލާފައި އެ ފައިސާ އެއްފަހަރާ ދެއްކީ އެވެ.

ދުވަސްތައް ފާއިތުވަމުން އައިސް އަނެއްކާ ވެސް އަނެއް އިންތިހާބު ބޯމަތި ވަނީ އެވެ. އަންނަ އަހަރު އިންތިހާބު އޮންނާނެ އެވެ. އިންތިހާބު ގައިދަށްވަމުން އަންނަ ވަރަކަށް، ސިޔާސީ ހަލަބޮލިކަން ވެސް އަންނަނީ އިތުރުވަމުންނެވެ. އިންތިހާބަކަށް ފަހު އިންތިހާބެއް އަދި ސަރުކާރަކަށް ފަހު ސަރުކާރެއް އައުމަކީ ތަބީއީ ކަމެކެވެ. ދުނިޔޭގައި ތިބި ބަޔަކަށް އެކަން ފެންނަމުން އޮވެދާނެ އެވެ. އެއީ ވެސް ތަބީއީ ކަމެކެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވައްޓަރި އިންޑިއާ އަށް ވަޑައިގެން މިކިއުއްވަނީ ކޮން ލަވެއްތޯ އެވެ؟ ތިމަން މަނިކުފާނު ޖަލުން ސަލާމަތްކޮށްދިނީ އިންޑިއާއިންނޭ އަދި ޗައިނާ އިން ކުއްލި އަކަށް ރާއްޖެ އައިސް އިންވެސްޓްކޮށް، ތާއިދަށް އެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވުމަކީ ކޮން ހައިސިއްޔަތަކުން ވިދާޅުވާ ވާހަކައެއްތޯ އެވެ. ދެ ގައުމުން ވެސް ރާއްޖެއާ ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރެނީ އެވެ. ޗައިނާ އިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަކަށް އަތެއް ނުބާނަ އެވެ.

ދެތެދެކެވެ. ރާއްޖެއާ އެންމެ ގާތުގައި އޮތް ގައުމަކީ އަވައްޓެރި އިންޑިއާ އެވެ. އެއީ ބަދަލު ކުރެވޭނެ ހަގީގަތެއް ނޫނެވެ. އަދި ރާއްޖެ އަށް ދިމާވި ބޮޑެތި ހާދިސާތަކުގައި އިންޑިއާ އިން އެހީތެރިވެދީފައި ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ރާއްޖެ ސަލާމަތްކޮށްދިނުން ފާހަގަ ކުރަމެވެ. އެކަމަކު އެ ހާދިސާގެ ވެސް ފަހަތަށް ފީނާ އިރު ދެކޮޅުން ވެސް ފެންނަނީ ތިޔަ ދެ ފަރާތާ އެކަން ގުޅިފައިވާ މަންޒަރު ނޫންތޯ އެވެ؟

ރާއްޖެއަކީ ތަރައްގީވަމުން އަންނަ އަދި އަވަހަށް ކުރިއަށް ދިއުމަށް ބޭނުންވާ ގައުމެކެވެ. ރާއްޖެ އަކަށް 30 އަހަރުން ހޮސްޕިޓަލެއް އަޅައިދޭ ދުވެލީގައި ތިބެވޭކަށް ނެތެވެ. އެހީއެއް ވެދެވޭނީ އެހީއެއް ދެވޭ ފަދަ ބަޔަކަށެވެ. ކިތަންމެ އަޑުއެރުވިއަސް އެ ހަގީގަތް ގަބޫލު ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ އަވައްޓެރި ސްރީލަންކާ އިން ވެސް ގޮތް ދޫކޮށް ހަމްބަންޓޮޓާ ބަނދަރު 99 އަހަރަކަށް ޗައިނާއަކަށް ނުދޭނެ ނޫންތޯ އެވެ. ކެޕިޓަލް ހުރީ ޗައިނާގެ އަތުގަ އެވެ. ބޮޑުވަޒީރު މޮދީ ވެސް އެ ފުރުސަތު ބޭނުންވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް އެތެރޭގެ ފިއްތުންތަކާ ހެދި އެ މަނިކުފާނަށް އެކަން ކުރެވެން ނެތީ އެވެ.

ދެން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަކީން އޮންނާނީ ކޮން އިތުރު ގޮތެއްތޯ އެވެ؟ ތެދެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާ އިން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެދީފަ އެވެ. އޭގެ ތެރޭގައި ލާމު ލިންކް ރޯޑާއި ހުޅުމާލެ- މާލެ ބުރިޖާއި 800 މިލިއަން ޑޮލަރުގެ އެއާޕޯޓް މަޝްރޫއު ފާހަގަ ކުރަމެވެ.

ދެން އޮތީ ވައްކަމުގެ ވާހަކަ އެވެ. މިއީ ވެސް ދައްކާލަން ހަމަ ރަނގަޅު ވާހަކަ އެކެވެ. އެއްވެސް ބަޔަކު ކުރާ ވައްކަމެއް އެންޑޯސް ކުރާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ އެގްރީމެންޓްގައި ރައީސް ނަޝީދުގެ ސަރުކާރުން ސޮއި ކުރީ 78 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އެއްފަހަރާ ދެއްކުމުންނެވެ. އޭގެ ތެރެއިން ދައުލަތުގެ ހަޒާނާ އަށް ވަނީ ކިހާވަރެއްތޯ ބައްލަވާށެވެ. އެކަން ބެއްލެވުމުން އެ އޭގެ ހަހީގަތް ވެސް ފެންނަން އޮންނާނެ އެވެ. އަދި ނުވަދިހައިގެ އަހަރުތަކުގައި އޭރުގެ އެފްޕީއައިޑީގެ ހިޔާނާތް ގުނާ ނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތް އެއްޗަކަށް ނުވާނެ އެވެ. އެފްޕީއައިޑީގެ ހިޔާނަތް 100 މިލިއަން ޑޮލަރަށް ވުރެ މަތިކަމަށް މަސްދަރުތަކުން ބުނެ އެވެ. އެ ފައިސާތައް ވަނީ ކޮންކޮން ބައެއްގެ އެކައުންޓްތަކަކަށްތޯ ބައްލަވާލެއްވުމުން އެކަން ވެސް ފެންނަން އޮންނާނެ އެވެ. އެހެންވީމާ ވައްކަމޭ ވިދާޅުވެ، ވަކި ބަޔަކަށް އިނގިލި ދިއްކުރުމަކީ ހުތުރު ކަމެކެވެ. އެ ވާހަކަ އެއަށް ވުރެ އިތުރަށް ދައްކާކަށް އަޅުގަނޑު ނެތީމެވެ.

ރިޔާސީ އިންތިހާބު އަންނަނީ ގައިދަށްވަމުންނެވެ. ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ކަންކަންދާ ނަމަ އަންނަ އަހަރު އިންތިހާބު އޮންނާނެ އެވެ. އެ އިންތިހާބު ގާތްވަމުން އަންނަ އިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ އޮފީހުން އެންމެ ގަދަ އަށް ޖަހާ ލަވައަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތައުރީފުކޮށް ހަދާފައިވާ "ތިޔައީ ޒައީމޭ މިއަދު މި ގައުމު ފަހުރުވެރިވާ" ފަދަ ލަވަތެކެވެ. ކުރިން ގޮވި "ގޮ.. ފަދަ ވާހަކަތަކުގެ މަތީން މިއަދަކު ހަނދާނެއް ނެތެވެ. އަދި ކުރިން ޑިކްޓޭޓަރޭ ގޮވައި ލެއްވި ހަޅޭކުގެ އަޑުވެސް މިއަދު ވަނީ ހިމޭންވެފަ އެވެ. މިއަދު ކުރީގެ ރައީސް މައުމޫނަށް އެ ބޭފުޅުން ކުރަނީ ތައުރީފެވެ. އަދި ހޮދު މައުމޫން ވެސް އެމްޑީޕީގެ ލީޑަޝިޕަށް ކުރަނީ ތައުރީފެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތައުރީފެވެ. އެކަން ވާނީ ވެސް އެހެންނެވެ. އެކެއްގެ ބުރަކަށި ކަހައިދޭ ނަމަ އަނެކަކު ވެސް ބުރަކަށި ކަހައިދޭނެތާ އެވެ.

ޖީއެމްއާރު ކުންފުންޏަށް އެއާޕޯޓް ހަވާލު ކުރި ރަސްމިއްޔާތު(މ) އަދި ޖީއެމްއާރު ބޭރު ކުރުމަށް މަސައްކަތް ކުރި ޓީމް: ފަހަރަކު މީހެއްގެ ގައިގައިި ރަސްގެ ޖަހައި އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ދައުރު ކުރާ ފޮޓޯ

އެކަމަކު މި ކުރެވޭ ކަންކަމުގެ އާހިރު ނަތީޖާއަކީ ކޮބައިކަން އެއްވެސް ބޭފުޅެއްގެ ދުރުމިއަށް އަރާތޯ މިއީ ސުވާލެކެވެ. ތާރީހު އިޔާދަވާކަށް ބޭނުމެއް ނޫނެވެ. އެ "އަޅުވެތި ކަމަށް" އަދި ވެސް ބުނާނީ ނޫނެކެވެ. އެކަނި ވިއަސް އެކަމަށް އާއިކޭ ބުނެވޭކަށް ނެތެވެ. އަހަރުންނަކީ ސްޓޭޓްލެސް ނޫނީ ގައުމިއްޔަތެއް ނެތް ބައެއް ނޫނެކެވެ. ގައުމު ކިތަންމެ ކުޑައަސް އަހަރުން އަހަރުންގެ ގައުމު ދެކެ ފަހުރުވެރިވަމެވެ. މި ގައުމުގެ ހުރި ގުދުރަތީ މުއްސަނދިކަމަށް ދަހިވެތިވާ ބަޔަކަށް އެ ފުރުސަތުދޭކަށް ނެތީމެވެ. މިއީ ވަރަށް ވާހަކަ އެވެ.

comment ކޮމެންޓް