މާކް ޒަކަބާގަށް ދެވަނަ ދަރިއަކު ލިބިއްޖެ، ނަމަކީ އޮގަސްޓް

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް، އަންހެނުން ޕްރިސިލާ ޗޭން އަދި ދަރިފުޅު މެކްސް އާއި އޮގަސްޓް -- ފޮޓޯ: ފޭސްބުކް

ފޭސްބުކްގެ ބާނީ މާކް ޒަކަބާގާއި އަންހެނުން ޕްރިސިލާ ޗޭންއަށް ދެ ވަނަ ފަހަރަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އޮގަސްޓްގެ ނަން ދީފައިވާ ދަރިފުޅަށް ހާއްސަކޮށް ޒަކަބާގް ފޭސްބުކްގައި ހިއްސާކޮށްފައިވާ ސިޓީއެއްގައި އޭނާ ވަނީ ދަރިފުޅާ އެކު ކުރިއަށް އޮތް ދުވަސްތައް ހޭދަކުރަން ކެތްމަދުވެފައިވާ ކަމަށާއި، އެދަރިފުޅުގެ ޅައިރުގެ ދުވަސްތައް އުފާވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

އެސިޓީއާ އެކު ޒަކަބާގް ވަނީ އޭނާ އާއި ޕްރިސިލާގެ އިތުރުން އޮގަސްޓް އާއި ފުރަތަމަ ދަރިފުޅު މެކްސްއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. ދެހާސްބާރަ ވަނަ އަހަރު ކައިވެނި ކުރި ޒަކަބާގާއި ޕްރިސިލާއަށް މެކްސް ލިބުނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އަދި މެކްސް އުފަންވުމުގެ އުފަލުގައި ޒަކަބާގް ވަނީ ފޭސްބުކުން އޭނާ އަށާއި ޕްރިސިލާއަށް ލިބޭ ހިއްސާގެ 99 ޕަސެންޓް، 'ޗޭން ޒަކަބާގް އިނިޝިއޭޓިވް'އަށް ހަދިޔާ ކުރާނެ ކަމަށް ބުނެފަ އެވެ. ޒަކަބާގް ބުނި ގޮތުގައި ޗޭން ޒަކަބާގް އިނިޝިއޭޓިވްގެ މަގްސަދަކީ އިންސާނީ ފޯރުންތެރިކަން އިތުރުކުރުމާއި، ކުރިއަށް އޮތް ޖީލުގެ ކުޑަކުދިންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމެވެ.

comment ކޮމެންޓް