އަމިތާބް ރާއްޖެ ނައުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި

ބޮލީވުޑްގެ "ބިގް ބީ" އަމީތާބް: އޭނާ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ސޯސަލް މީޑިއާގައި އަންނަނީ ގޮވާލަމުން ---

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައި ފިއެވެ.

އަމީތާބަކީ ހެޕެޓައިޓިސްއާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހުޅަނގު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ގުޑްވިލް އެމްބެސެޑަރެވެ.

އަމީތާބު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 6-10 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމަށެވެ.

ނަމަވެސް އަމީތާބު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އިސްވެ ފަށާފައިވާ ކެމްޕޭނުގައި ބުނަނީ ރާއްޖޭގެ ސިޔާސީ މަސްރަހް މިވަގުތު އޮތީ ވަރަށް ހަލަބޮލިކޮށް ކަމަށާއި އިދިކޮޅު ލީޑަރުންތައް ވަނީ ޖަލަށްލާފައި ކަމަށެވެ.

އެ ކަންކަމަކީ ސަރުކާރުން އިސްވެ އޮވެ ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަންނަނީ އަމީތާބުގެެ ދަތުރުފުޅު ކެންސަލް ކުރުމަށް ގޮވާލައި އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރުމަށް ފަހު ހިންދީ ބަހުންނާއި އިނގިރޭސިން ޓުވީޓް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ، ޕެރެޑައިޒް އައިލޭންޑް ރިސޯޓުގައި ބާއްވާ އެ ބައްދަލުވުމުގައި ހެޕަޓައިޓިސްއާ ބެހޭ ގޮތުން އަމީތާބު މައުލޫމާތު ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމުގައި 11 ގައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ އިރު ޑަބްލިއުއެޗްއޯ އާއި އިރުމަތީ އޭޝިއާ ރީޖަނަލް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް