ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކުރާނަން: އަދުރޭ

ޕީޕީއެމުން މިރޭ ރުމާލް ދޭއް ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ގޮނޑި ވަނީ ހުސްވެފައިވާ ކަމަށާއި އެ ހަ ދާއިރާގެ ބައި އިލެކްޝަން ވެސް ސަރުކާރު ހިންގާ ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމެގް "ރުމާލް 2" ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ރޭ ނިންމި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބުނު ކަމަށާއި ނަމަވެސް ޕީޕީއެމަށް ރެއަކީ އުފާވެރި ރެއެއް ކަމަށެވެ.

"އަދިވެސް އެއްބަޔަކު މި ކިޔަނީ ގޮނޑިއެއް ނުގެއްލެއޭ. އަނެއް ބަޔަކު މި ކިޔަނީ ގޮނޑި ގެއްލިއްޖެއޭ. ވާނުވާއެއް ނޭނގި ދެބަންދިހާރުވެފައި ބަޔަކު ތިއްބައި އިލެކްޝަން ކޮމިޝަނުން މި އިއުލާން ކުރީ ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވީ ﷲގެ ވާގިފުޅާ އެކު އެ ޕާޓީން ހަ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބްކުރުމުން 'ދެބަންދިހާރުވެފައި' ތިބި މީހުނަށް ރާއްޖޭގައި ތާއިދު އޮތީ ރައީސް ޔާމީނަށް ކަން އެނގިގެން ދާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަމާންކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި އުޅެވޭނެ މުޖުތަމައުއެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މި ސަރުކާރަކީ ގާނޫނީ އިމުގެ ބޭރުން މަސަތްކަތްކުރާނެ ސަރުކާރެއް ނޫން. ރައީސް ޔާމީން ވެރިކަން ހޯއްދަވަން އުޅުއްވިއިރި ވިދާޅުވަމުން ގެންދެވީ އެމަނިކުފާނެއްގެ ސަރުކާރެއްގައި އެންމެންގެ މައްޗަށް ފަންތިއެއް ގިންތިއެއް ފެންވަރެއް ހަސަބެއް ނަސަބެއް ގާތް ކަމަކަށް ނުބައްލަވައި އަދުލު އިންސާފު ގާއިމު ކޮށްދެއްވާނަމޭ،" އަދުރޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރޭގަ ޔަގީންވެގެން ދިޔައީ ޝަރުއީ ހުރިހާ ކޯޓުތަކަކީ ވެސް އެއްވެސް ކަހަލަ ނުފޫޒަކަށް އަދި ފައިސާއަކަށް ބެލުމެއް ނެތި ގައުމާ ރައްޔިތުންނަށް އަދުލުވެރިކަމާއެކު ހުކުމް ކުރުމުގެ ފުރިހަމަ އިހްތިޔާރާ ބާރު އޮތްތަންތަން ކަމުގައި ކަމަށެވެ.

comment ކޮމެންޓް