ސާޓާ އުތުރު އިންޑިއާގެ އިވެލުއޭޝަން ފަށައިފި

ސާޓާގެ އިވެލުއޭޝަން ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އަށް އުތުރު އިންޑިއާއިން ނޮމިނޭޓުވެފައިވާ ފަރާތްތަކުގް ޖަޖިން މިއަދު ފަށައިފިއެވެ.

ސާޓާއަށް އިންޑިއާއިން 28 ބްރޭންޑެއް ނޮމިނޭޓުކޮށްފައިވާއިރު އޭގެ ތެރޭގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ބްރޭންޑުތައް ހިމެނެ އެވެ. ދެކުނު އިންޑިއާގެ ނޮމިނީސްގެ އިވެލުއޭޝަނަށްފަހު މިއަދު ފަށާފައިވަނީ އުތުރު އިންޑިއާގެ އިވެލުއޭޝަނެވެ.

އުތުރު އިންޑިއާއިން ނޮމިނޭޓުވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ދަނީ ނިއު ދިއްލީގެ އުޑްމަން ހޮޓެލްސް ބައި ފާންސް އެންޑް ޕެޓަލްސް ގައެވެ. އެ ސަރަހައްދުގެ ނޮމިނީސްތަކުގެ އިވެލުއޭޝަނަށްފަހު ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މާދަމައިން ފެށިގެން ކުރިއަށް ދާނެ އެވެ.

ސާޓާގެ ކޮންސެޕްޓު ހަދައި، އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު "ސަން"އަށް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަށާ ސާޓާގެ އިވެންޓުތައް ކުރިއަށްދާނީ ފެސްޓިވަލެއް ގޮތަށެވެ. އެގޮތުން 27 ވަނަ ދުވަހު އޮންނާނީ "ސާޓާ އޮޕޮޗިއުނިޓީ" ކަމަށާއި އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުން ކަމަށެވެ.

"އެ އިވެންޓުގައި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ކައުންސިލްތަކުން ބައިވެރިވާނެ. އަދި އެތަންތަނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އެ ފެސްޓިވަލުގައި ޖުމްލަ ތިން އިވެންޓު ހިމެނޭއިރު ދެ ވަނަ އިވެންޓާއި ތިން ވަނަ އިވެންޓު އޮންނާނީ 28 ވަނަ ދުވަހު އެވެ. އެ ދުވަހު އޮންނާނީ "ސާޓާ ގާލާ" އާއި "ސާޓާ ސެލެބްރޭޝަންސް" އެވެ.

ސާޓާގެ އޮފިޝަލް ހޯސްޓަކަށް އީކުއޭޓާ ވިލެޖު ހަމަޖައްސައި އެކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ އައްޑޫ ސިޓީގައި އެ އެވޯޑު ހަފްލާ ބާއްވާން ނިންމީ، ސާޓާގެ ސަބަބުން އައްޑޫ ސިޓީއާއި އެސަރަހައްދަށް ކުރިއެރުން ގެނައުމުގެ ގޮތުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ގިނަ ގުނަ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ސާޓާގެ މެއިން ސްޕޮންސާރަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިން އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.

ސާޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް