އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ނުބެހޭނެ: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ދާހިލީ ކަންތައްތަކާ އަވަށްޓެރި އިންޑިއާ އިން ނުބެހޭނެ ކަމަށް ޕީޕީއެމްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖުލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ގޮނޑި ވިއްކުމާއި، ވޯޓުވިއްކުން ނިމުމަކަށް، މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އިންޑިއާއަކީ ރައީސް ޔާމީން އަދި ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އަދި އިންޑިއާއަކީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާނެ ގައުމެއް ކަމަށެވެ. އަދި މި ވީހާތަނަށް ވެސް އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީވެ، އެއަށް ރައްދު ދެއްވައި ރީކޯ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތްކުރަމުން ދަނީ އިންޑިއާ އަދި ޗައިނާގެ މައްސަލައިގެ ތެރެއަށް ރާއްޖެ ވައްދަން ކަމަށާއި ރައީސް ނަޝީދުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ މީހުންނަށް ވެސް ބޮޑު މުސީބާތަކަށް ވެފައިވާ ކަމަށް މޫސާ ވިދާޅުވި އެވެ.

ދާދި ފަހުން އިންޑިއާ ސަރުކާރުން ބޭއްވި ސެމިނާރެއްގައި ބައިވެރިވެވަޑައިގެން އެގައުމުގެ ނޫހެއް ކަަމަށްވާ 'ވަޔާއިން" އަށް ދިން އިންޓަވިއުއެއްގައިި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލުން ސަލާމަތްކުރުމުގައި އިންޑިއާ އިން އެހީވި ކަމަށާއި އަދި އެ މަނިކުފާނަށް އެ ސެމިނާރުގައި ބައެިވެރިވުމަށް ދައުވަތު އެރުވުމަކީ އިންޑިއާ އިން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މުހިންމު ދައުރެއް އަދާކުރާކަމުގެ ފެހި ސިގްނަލެއް ކަމަށެވެ.

ވަޔާ އަށް ނަޝިދު ވިދާޅުވީ އިންޑިއާ އަކީ އެއް އިރެއްގައި ވެސް ފާޅުގައި މާގިނަ ވާހަކަތަކެއް ދައްކާ ގައުމެއް ނޫން ކަމަށާއި އަދި އިންޑިއާ އިން އަބަދު ވެސް ކަންތައްކުރަނީ ނުމޮށޭ ގުރާ ބާރަށް ދައިގަންނަ އިސޫލުން ކަމަށެވެ.

ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައާ ގުޅިގެން ރޭގެ ޕްރޮގްރާމުގައި ރީކޯ މޫސަ ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި އެ ދާއިރާތަކުން އެ ގޮނޑިތަކަށް އަލުން ޕީޕީއެމްގެ މެމްބަރުން ހޮވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް