Sun Online
7 އޯގަސްޓް، 2017: އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވުނު ކޭތަނަމާދުގެ ތެރެއިން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ
7 އޯގަސްޓް، 2017: އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވުނު ކޭތަނަމާދުގެ ތެރެއިން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮލަމް

ޞަޙާބީންގެ މަތިވެރިކަން -10

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

.

އަހަރެންވަންތަކަން ފޮހެލެއްވުން

ބަދުރު ހަނގުރާމަ ކުރިމަތިވީ ހިޖްރައިން ދެވަނަ އަހަރުއެވެ. ކުއްލިއަކަށް ޙާލަތު ނިޔާކުރިގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މައްކާގެ މުޝްރިކުންނާ ހަނގުރާމަކުރައްވާން ޖެހިވަޑައިގެންނެވިއެވެ. އެއީ ނާޒުކު ދަނޑިވަޅެކެވެ. އެހެނީ އެފަދަ ކުރިމަތިލެއްވުމަކަށް ފުދޭވަރަށްވުރެ މުހާޖިރިއްޔަ ބޭކަލުންގެ ޢަދަދު މާ މަދެވެ. އަންޞާރިއްޔަ ބޭކަލުންގެ މައްސަލަ އޮތްގޮތަށް ބާލައިރު އެބޭކަލުންގެ ބައިޢަތު ލާޒިމުކުރާ ގޮތުން އެބޭކަލުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިމާޔަތްކުރައްވަން ޖެހިވަޑައިގަންނަވަނީ ހަމައެކަނި އެކަލޭގެފާނު މަދީނާގައި ހުންނަވާއިރުއެވެ. މަދީނާއިން ބޭރަށް ނިކުމެވަޑައިގެން ދުޝްމިނުންނާ ހަނގުރާމަކުރެއްވުމަކީ އެބޭކަލުންގެ ބައިޢަތު ލާޒިމުކުރާ ކަމެއްނޫނެވެ.

އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޞްޙާބު ބޭކަލުން އެއްކުރައްވައި ޙަދީޘު ކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެންނަށް މަޝްވަރާ ދޭށެވެ. އޭގެ ޖާވާބުގައި މުހާޖިރިއްޔަ ބޭކަލުންކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެން އިތުރު ސާހިބާއަށް އެބޭކަލުންގެ ޙިމާޔަތުގެ ފުރިހަމަ ޔަޤީންކަން އެރުއްވިއެވެ. އިތުރު ސާހިބާ އެތައްފަހަރަކު ތަކުރާރުކުރައްވައި ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. އަހުރެންނަށް މަޝްވަރާދޭށެވެ. އެއިން ކޮންމެފަހަރަކުވެސް މުހާޖިރިއްޔަ ބޭކަލުން ތެދުވެވަޑައިގެން ޖަވާބުދެއްވަމުން ގެންދެވިއެވެ.

އިތުރު ސާހިބާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ އަންޞާރިއްޔަ ބޭކަލުންގެ ޚިޔާލުފުޅު ހުރިގޮތެއް ބެއްލެވުންކަން އެންމެފަހުން އެބޭކަލުންނަށް އިޙްސާސްވެ ވަޑައިގެންނެވިއެވެ. އެބޭކަލުން ކުރެ އައުސުވަންހައިގެ ރައީސް ސަޢުދު ބިން މުޢާޛު ރަޟިޔަﷲ ޢަންހު ތެދުވެވަޑައިގެން ވިދާޅުވިއެވެ. އޭ މާތްﷲގެ ރަސޫލާއެވެ! ކަލޭގެފާނު ތިޔަ އިޝާރާތްކުރައްވަނީ އަޅުގަނޑުމެންނަށްތޯއެވެ؟ އިތުރުސާހިބާ އާއެކޭ ޙަދީޘުކުރެއްވިއެވެ. އެހިނދު އަންޞާރުންގެ އަމީރު ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފައިގެންނެވެ. ކަލޭގެފާނު ގިނިކަންޏާ ދޫކޮށްލުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެކަމެއް ނޫނެވެ. އޭމަތްﷲގެ ރަސޫލާއެވެ. ކަލޭގެފާނު ހިތްޕުޅާ ހަމަކުރައްވާ ކަމެއް ކުރައްވާށެވެ. އަޅުގަނޑުމެން އެންމެން މިތިބީ ކަލޭގެފާނުގެ އަރިހުގައެވެ. މާތްﷲ ގަންދެމުއެވެ. ކަލޭގެފާނު މިތަނުން ފުރާވަޑައިގެން ދަތުރުކުރައްވަމުން ވަޑައިގެން ކަނޑަށް އެރިވަޑައިގެންނެވި ކަމުގައިވިޔަސް އަޅުގަނޑުމެންކުރެ އެކަކުވެސް ފަސްޖެހިފައެއް ނުހުންނާނޫއެވެ. (އަލްބިދާޔަތު ވައްނިހާޔަތު (262-63/3

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަބިކަރައިގެ އެކި ފަރާތްފަރާތުގައި ތިއްބެވި ވެރީންނަށާއި ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ސިޓީފުޅުތަކެއް ފޮނުއްވާން ޤަޞްދުކުރެއްވިއެވެ. ހުދައިބިއްޔާގެ ޞުލްޙައަށްފަހު އަމާންކަން ޤާއިމުވުމުންނެވެ. އެކަމަށްޓަކައި ޞަޙާބީން އެއްކުރައްވައި ޙަދީޘުކުރެއްވިއެވެ. ދީނަށް ގޮވައިލުމުގެ ސިޓީތަކަކާއެކު ތިޔައިގެ ތެރެއިން ބައެއް ބޭކަލުން ޢަޖަމީ ރަސްރަސްކަލުންގެ އަރިހަށް ފޮނުއްވަން ތިމަންކަލޭގެފާނު ޤަޞްދުކުރައްވަމެވެ. އެހެންކަމުން ބަނޫއިސްރާއިލުގެ މީހުން ޢީސާ ބުނު މަރްޔަމް އާ ޚިލާފުވެގަތް ފަދައިން ތިޔަ ބޭކަލުން ތިމަންކަލޭގެފާނާ ޚިލާފުވެވަޑައި ނުގަންނަވާށެވެ. ސަހާބީން ވިދާޅުވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން އެއްވެސް ކަމެއްގައި ކަލޭގެފާނާ ޚިލާފެއް ނުވާނޫއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް އަމުރުކުރައްވާށެވެ. ކަލޭގެފާނު ހިތްޕުޅާ ހަމަކުރައްވާ ތަނަކަށް އަޅުގަނޑުމެން ފޮނުއްވާށެވެ. (އަލްބިދާޔަތު ވައްނިހާޔަތު : 268/4)

މި ޙާދިޘާތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ ވަރަށް މުހިންމު ސިފަފުޅެއް ހާމަކޮށްދޭ ޙާދިޘާތަކެކެވެ. އެސިފަފުޅަކީ "އަރެންވަންތަކަން" ހަނދުމަފުޅު ނައްތަވައިލެއްވުމަށްފަހު މާތް ރަސޫލާއާ ތަބާވެވަޑައިގެންނެވިކަމެވެ.

މުޅި އިންސާނީ ތާރީޚަށް ނަޒަރު ހިންގާއިރުވެސް ތާރީޚުގެ ތަޖްރިބާއަކީ ބައެއްގެ ހިތުގައި އުފެދޭ ކުއްލި ޖަޒުބާތެއްގެ ދަށުން މީހަކާ ބައިވެރިވާން ތައްޔާރުވެއެވެ. ނަމަވެސް ޚިޔާލު ތަފާތުވާ ކަހަލަ ކަންތައްތައް މެދުވެރިވާން ފަށައިފިނަމަ ވަގުތުން ދެބަސްވެ ވަކިވެގެން ހިނގައިދެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މާތް ރަސޫލާގެ ޞަޙާބީން (އަންޞާރުންނަށް) ބަދުރު ހަނގުރާމައިގެ ވަގުތުގައި ވިދާޅުވެވޭން އޮތެވެ. އަޅުގަނޑުމެން ކަލޭގެފާނާ ކޮށްފައިވަނީ ދާޚިލީ ދިފާޢުގެ އަޙުދެކެވެ. ( މަދީނާގައި ތިބެ ކަލޭގެފާނު ޙިމާޔަތް ކޮށްދިނުމުގެ އަޙުދެކެވެ.) އަޅުގަނޑުމެން ޚާރިޖީ ޙަމަލަތަކުގެ (މަދީނާއިން ބޭރަށް ނުކުމެ ހަނގުރާމަ ކުރުމުގެ) އަޙުދެއް ނުކުރަމުއެވެ. ނަމަވެސް އެބޭކަލުން، މައްސަލައިގެ މިފަރާތަށް ސަމާލުކަން ދެއްވުމަކާއިނުލައި މާތްރަސޫލާއާ ބައިވެރިވެވަޑައިގެންނެވިއެވެ. އެބައިވެރިވެވަޑައިގަތުމަކީ ބޭރުފުށުން ބަލާއިރު މަރުގެ އަނދަވަޅަކަށް ފުންމަވައިލެއްވުންފަދަ ކަމެއްކަމުގައި ވީއިރުވެސްމެއެވެ. އެހެނީ ދުޝްމިނުންގެ ފަރާތުގައި ހަތިޔާރުއެޅި އެއްހާސް ސިފައިންގެ ވަރުގަދަ ލަޝްކަރެއް އޮތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިއްބެވީ 313 ބޭކަލުންގެ މައްޗަށް އެކުލެވޭ ނިސްބަތުން ބަލިކަށި މީސްކޮޅެކެވެ.

ހަމައެފަދައިން ރަސްރަސްކަލުންނަށް ފަތްކޮޅު ފޮނުއްވުމުގެ މަސްއަލައިގައިވެސް ޞަޙާބީންނަށް ވިދާޅުވެވޭން އޮތެވެ. އަދިއެއް ޢަރަބިކަރަޔަކުވެސް އިސްލާމްދީން ފުރިހަމަޔަކަށް ނުފެތުރެއެވެ. ދާޚިލީ ހަރުދަނާކަމުގެ ނަޒަރުން ބަލާއިރު އަޅުގަނޑުމެންގެ ކުރިމަތީގައި ސުމާރެއްނެތްހައި ގިނަ މަސްއަލަތައް އެބަހުއްޓެވެ. މިފަދަ ގޮތަކަށް ކަންތައް ހުރުމާއެކު މިއީ ބޭރަށް ވަފުދުތައް ފުރުއްވަން ކޮންކަހަލަ ދަނޑިވަޅެއްތޯއެވެ.

ނަމަވެސް ރަސޫލާގެ ޞަޙާބީން މިބާވަތުގެ ހުރިހާ ޚިޔާލުފުޅުތަކެއް އެބޭކަލުންގެ ސިކުނޑިފުޅުން ނެރެލެއްވިއެވެ. އެބޭކަލުން ޢުޛުރަކީ ޢުޛުރެއްކަމަކަށް ނަހައްދަވައެވެ. އެބޭކަލުން "އަހަރެން" ވަންތަކަން ފޮހެލެއްވުމަށްފަހު ރަސޫލާއާ ތަބާވެ ވަޑައިގެންނެވިއެވެ. އިޖްތިމާޢީ ފައިދާއަށްޓަކައި އެބޭކަލުން އިންފިރާދީ އެދުންތައް ހަނދުމަފުޅު ނައްތައިލެއްވިއެވެ. ދެބަސްވުމާއި ޝަކުވާ އުފެދޭފަދަ ކޮންމެ މައްސަލައެއް ކުރިމަތިވިޔަސް މާތްﷲ އާ ވަކީލު ކުރެއްވުމަށްފަހު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވެރިކަމުގެ ދަށުގައި އިސްލާމްދީނަށް ޚިދުމަތް ކުރެއްވުންމަތީ ދެމިތިއްބަވަން ރުހިވަޑައިގެންނެވިއެވެ. އެގޮތުން ތިއްބަވައި ދުނިޔެއިން ވަކިވެވަޑައިގެންފުމާ ހަމަޔަށެވެ.

މުފައްކިރުން ވިދާޅުވެފައިވެއެވެ. ކަލެޔަށް ކިތަންމެ ރަގަނޅު ޢުޛުރެއް ލިބިފައި އޮތަސް އެ ޢުޛުރުގެ ބޭނުން ނުކުރާށެވެ.

If you have a good excuse don’t use it.

ހުޅަނގުގެ މުފައްކިރަކު މިހެން ވިދާޅުވެފައިވަނީ ހަމައެކަނި ޚިޔާލުފުޅެއްގެ ގޮތުގައެވެ. ނަމަވެސް މިވާހަކަ އެންމެ ފުރިހަމަ ޙަޤީޤީ ޙާދިޘާއަކަށް ހެއްދެވީ ރަސޫލާގެ ޞަޙާބީންނެވެ. އެބޭކަލުން ދެބަސްވުންތައް ހަނދުމަފުޅު ނައްތައިލެއްވުމަށްފަހު އެއްބައިވެ ވަޑައިގެންނެވިއެވެ. އެބޭކަލުން ޝަކުވާތައް ހަނދުމަފުޅު ނައްތައިލެއްވުމަށްފަހު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބޭކަލުން، އެބޭކަލުންގެ އަމިއްލަފުޅު ނަފުސު ހަނދުމަފުޅު ނައްތައިލެއްވުމަށްފަހު އިޖްތިމާޢީ ނިޒާމާ ގުޅިވަޑައިގެންނެވިއެވެ. އެބޭކަލުން އެބޭކަލުންގެ ޖަޒުބާތު މަތަކުރެއްވުމަށްފަހު މަޤްޞަދު ޙާޞިލުކުރެއްވުމުގެ މަސައްކަތުގައި މަޝްޣޫލުވެ ވަޑައިގެންނެވިއެވެ. އެބޭކަލުން ލިބިވަޑައިގަތުމުގެ އުންމީދެއް ނެތިސް ހޭދަ ކުރެއްވިއެވެ. އެބޭކަލުން މަންފާ ހޯއްދެވުމުގެ ޚިޔާލުފުޅު ދޫކޮށްލެއްވުމަށްފަހު ޤުރުބާންވެ ވަޑައިގެންނެވިއެވެ. ޢާންމު އިންސާނުން އެހިސާބަކުން ހުއްޓޭ ހިސާބު ފަހަނަޅުއްވައި އެބޭކަލުން ކުރިޔަށް ވަޑައިގެންނެވިއެވެ.

×
DB released.