އަހަރެންގެ ހިތް އަނބުރާދީ

ސަލްވާ ވިސްނާލާފައި ހައިކަލްއަށް ގޮވާލީ ހަގީގަތް ހާމަކޮށްދިނުމަށެވެ. ވިޝާމްގެ ހަގީގަތް ކިޔާދީގެން ނޫނީ އޭނަގެ ބޮލުގައި މިވާ ރިހުން ކެނޑޭނެ އެހެންގޮތެއް ނެތެވެ. އޭނަގެ ކުށެއްނެތި އޭނަ ދޫކޮށްލުމަކީ ހައިކަލްފަދަ ހަރުދަނާ މީހަކު ކުރާނެކަމެއް ނޫނެވެ. އަދި އަޒަލް ވިޝާމްއާއިއެކު އުޅެން ހުރެއްޖެއްޔާ އެ ފުރުސަތު ވިޝާމްއަށް ދޭނެއެވެ. ނަމަވެސް އޭނަ މިހާރު ބޭނުމީ ރޯޒްމެހެލް ނޫން އެހެން ގެއަކަށް ބަދަލުވާށެވެ. ވަކިން ދިރިއުޅެގެން ނޫނީ މި ކައިވެނި ސަލާމަތެއް ނުކުރެވޭނެކަން ހައިކަލްއަށް އަންގަން ސަލްވާ މިހާރު ބޭނުމެވެ.

"އައި ހޭވް ޓު ކޮންފެސް......" ސަލްވާގެ ހިތް އޭރު މުޅިން ފިނިވެއްޖެއެވެ. ރަޖާ އަތުތެރޭގައި ބޮނޑިކޮށްލައިގެން އޮތްއިރު އެ ވިދާ ދެލޯވަނީ ސީލިންއަށް ހުއްޓިފައެވެ. ހައިކަލް ތަންކޮޅެއް ދުރުގައި ހުރުމާއިއެކު ސަލްވާ އެހެން ބުނީ އޭނަގެ އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް ކަމުން ހައިކަލްއަށް ސަލްވާ އެބުނި އެއްޗެއް ނޭގުނެވެ. ނަމަވެސް ސަލްވާ އެއްޗެކޭ ބުނިހެން ހީވެފައި އެދިމަލަށް ހިނގައިގަންނަން އުޅުނު ވަގުތު މާއިޒް ގުޅުމުން އޭނަ ފޯނުނެގިއެވެ. މާއިޒް ދިން ޚަބަރަކުން ހައިކަލް ކަންބޮޑުވިއެވެ. އޭނަގެ ބައްޕަ ހުންގަދަވެގެން އަނބުރައިގަތީއެވެ. އެހެންވެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދިނުމާއި ބެހޭގޮތުން ހައިކަލްގެ މަޝްވަރާ ހޯދަން މާއިޒް ބޭނުންވީއެވެ. މާއިޒް ޝައްކުކުރީ ޑެންގީ ހުންކަމުގައެވެ. ސަލްވާގެ ކައިރީގައި ހައިކަލް އެވާހަކަ ބުނުމުން ސަލްވާ ގަސްތުކުރީ ހައިކަލް ހަމަޖެހުނީމަ އެވާހަކަ އަލުން ބުނުމަށެވެ. އެންމެ ކުޑަވެގެން ހައިކަލްވެސް އޭނަ އެހާވަރުން ބުނަން އުޅުނު ވާހަކައަށް ޝައުގުވެރިކަމެއް ހުންނާނެ ނޫންހެއްޔެވެ؟ މީހަކު އެހާވަރުން ހާމަކުރަން އުޅޭނީ ބޮޑު ސިއްރެއްކަން ހައިކަލްއަށްވެސް އެނގެންވާނެއެވެ. ނަމަވެސް މިހާރު ހައިކަލްގެ ބޮލުގައި އެއޮތީ އެހެންކަމެއް އެޅިފައެވެ.

އަބުދުލް އަޒީޒު އެޑްމިޓްކުރުމަށްފަހު ހައިކަލް އެތާގައިވެސް ވަގުތު ހޭދަކުރަން ޖެހުނެވެ. ފުރަތަމަ ދުވަހު ސަލްވާ ބަލިވިޔަސް ފަހުން މުޅިންހެން ރަގަޅުވެ އެކަނި އުޅެވޭވަރު ވެއްޖެއެވެ. އެކަނިމާ އެކަނި އުޅެވޭވަރުވެސް ވިއެވެ. އެއްޗެހި ކައިބޮއި ހަދަންފެށުމުން ގައިގާ ވަރު ހުއްޓެވެ. އެރޭ ސަލްވާ ގެއަށްވެސް ފޮނުވާލައިފިއެވެ. އަބުދުލްއަޒީޒު ހުންގަދަކަމުންނާއި ހާލު ދަށަށް ދާތީ ހައިކަލް ގެއަށް އަންނާކަށް ނޫޅުނެވެ. އެކަމާއި ސަލްވާގެ ޝަކުވާއެއް ނެތަސް އޭނަ ހުރީ ހާސްވެފައެވެ. ވިޝާމްއަށް މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭނަ އުދަގޫކުރަން އަންނާނެއެވެ. އެހެންވެ ދޮރު ތަޅުލިގޮތަށް ނިދާފައި ޖެހިގެން އައިދުވަހު ސަލްވާ ކޮލެޖަށްވެސް ދިޔައެވެ. އަރާމުކުރުމަށްވުރެ ގެއާއި ދުރުގައި ހުރުމުން ސިކުނޑިއަށް ލިބޭ ވާކަން ކުޑަވާނެއެވެ.

އެހަފްތާ ވޭތުވެގެން ދިޔައީ ހިތާމަވެރިކޮށެވެ. އަބުދުލްއަޒީޒު ހާލުދެރަވެގެން އައިސީޔޫއަށް ލާން ޖެހުނެވެ. ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ ހެމަރެޖިކް ހުމަށް ވުމުން ޕްލެޓްލެޓް ދަށަށްގޮސް ހަށިގަނޑުގެ ތަންތަނުން ލޭވެސް އަންނަން ފެށިއެވެ. ޕްލެޓްލެޓް އަޅާންޖެހުނެވެ. އެންމެންގެ ދުޢާއާއި ޑޮކްޓަރުންގެ މަސައްކަތުން އަބުދުލްއަޒީޒުއަށް ޝިފާދެއްވިއެވެ. ގެއަށް ފޮނުވާލުމުން އެރޭ ހައިކަލް ފުރަތަމަ ފަހަރަށް ގެއަށް ނިދަން އައެވެ. ހައިކަލް އެހާ ބުރަކޮށް އުޅެފައި އައުމާއިއެކު އިތުރު އުދަގޫތަކެއް ނުޖައްސަންވެގެން ސަލްވާ ހުރީ އިހަށް އެވާހަކަ ސިއްރުކޮށްގެންނެވެ. ނަމަވެސް ވިޝާމްގެ އުދަގޫތައް ކުރިމަތިވާވަރުން އެވާހަކަތައް ނުބުނެ ހުރުންވާނީ ހެދޭ ގޯހަކަށެވެ.

އަޒަލް އިޝާނަމާދަށް ފަހު ނިދާކަމަށް ހެދިގެން ރަޖާދަށުގައި ފޮރުވިގެން އޮތްވާ ވިޝާމް ކޮޓަރިއަށް ވަނެވެ. ފޯނުން ކޮންމެވެސް މީހަކަށް މެސެޖްކުރަން އެތައް އިރެއްވާންދެން އޮވެފައި ފޯނު ޗާޖަށް ޖެހިއެވެ. އަލަމާރި ހުޅުވާފައި ބާކޮށް އޮތް ފޮތެއް ހިފައިގެން އޭނަ ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ.

"އެއީ ކޯންޗެއް ކަމެއްވެސް ނޭގޭ. ސަލްވާގެ ޑައިރީއެއް ކަމަށް ވާނީ. ކޮންމެގޮތެއް ހަދާފައިވެސް އެތަޅުދަނޑި ނަގާނެ ގޮތެއް އަހަރެން ހޯދާނަން..........." އަޒަލް ގަޑިއަށް ބަލައިލިއިރު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ވިޝާމް ފާޚާނާ ތެރޭގައި ހުރެ ކީއްކުރަނީ ހެއްޔެވެ؟ ހާދަ ލަސްވެއްޖެއެވެ. އަޒަލް ދެފަރާތަށް ފުރޮޅިފުރޮޅި އޮވެފައި އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ކެތްނުކުރެވިގެން ފާޚާނާއާއި ހަމަޔަށްގޮސް ދޮރުގައި ޓަކިޖަހަންވެސް އުޅުނެވެ. ނަމަވެސް އެންމެފަހު ވަގުތުގައި އޭނަ ނަފުސް ކޮންޓްރޯލް ކޮށްފިއެވެ. ވިޝާމް ޔަގީނުންވެސް ފޯނެއްގައި ހުރީއެއް ނޫނެވެ. ފޯނުކުރާ މީހާއަށް މެސެޖްކުރަން އެތައްއިރެއް ވާންދެން އޭނައަށް ފެންނަ ހިސާބުގައިވެސް އޮތީތާއެވެ. އަޒަލް ގަޑިއަށް ބަލައިލިއިރު ދިހައެއް ޖަހައިފިއެވެ.

ވިޝާމް ނުކުތްއިރު އޭނައަށް އޮވެވުނީ އަނެއްފަރާތަށް އެނބުރިގެންނެވެ. ހިރިލާކަށްވެސް އަޒަލް ބޭނުމެއް ނުވިއެވެ.

ވިޝާމް ނިދާނެހާއިރު ކޮށްފައި އަޒަލް ރަޖާގަނޑު ދުރުކޮށްލާފައި އެނދުން ފޭބިއެވެ. ވިޝާމްއާއި ކައިރިއަށް ހުއްޓިފައި އެމޫނަށް ވިސްނުންތެރިކަމާއިއެކު ބަލައިލިއެވެ. އަޒަލްގެ ހިތްހަލާކުވާވަރުވިއެވެ. ވިޝާމްގެ ދިގުއެސްފިޔަތައް ހުރީ ކަރުނުން ތެމިފައެވެ. ދެލޯ އެހާ ދުޅައެވެ. އެކަނިމާއެކަނި ފާޚާނާތެރޭގައި ހުރެގެން ކުރިކަމަކީ އެއީއެވެ. ރުއީއެވެ. ފިރިހެނުން އެހެން މީހުންގެ ކުރިމަތީގައި ރޯކަށް ބޭނުމެއްނުވާނެއެވެ. ނަމަވެސް އެފޮތް ބަލާފައި ވިޝާމް އެހާ ދެރަވީ ސަބަބެއް އެނގެން އަޒަލް ބޭނުންވިއެވެ. އަޒަލް އެފޮތް ފެނޭތޯ ވިޝާމް ބޯ އަރުވައިގެން އޮތް ބާލީސްދަށަށް އަތްލެއްވިއެވެ. ހަރު އެއްޗެއް ޖެހުމުން އަޒަލްގެ ދެލޯ ވިދާލައިފިއެވެ. އޭނަ ނިކަން މަޑުމަޑުން އެފޮތް ބާލީސްދަށުން ނެރެން މަސައްކަތްކުރިއެވެ.

އެފޮތް ކިޔުމަށްފަހު އަޒަލްވެސް ރުޔެވެ. ދެން އަޒަލް ވިސްނީ މެހެރީނާ ނެތް ގަޑިއެއްގައި އެ ކޮޓަރިއަށްވަދެ ހުރިހާ އެއްޗެއް ހާވައިގެން ނަމަވެސް ހަގީގަތާއި ހަމަޔަށް ވާސިލުވުމަށެވެ. މެހެރީނާދައްތަ ބައެއް ކަންތައް ފޮރުވަނީއޭ ހިތަށް އަރަންފެށީ އެޑައިރީ ކިޔާފައެވެ. އެ ސުވާލުތަކުގެ ޖަވާބު އަޒަލް ވަރަށް އަވަހަށް ބޭނުމެވެ.

ސަލްވާ ކޮލެޖުން ނިމުމުން ގެއަށް ބާލާފައި ހައިކަލް ދިޔުމުން ގެއަށް ވަންނާން އައެވެ. ކަޅުކުލައިގެ އެއްޗެހީގައި ހުރުމުން މިއަދު ވަރަށް ހޫނުވިޔަސް މީހުންގެ ނަޒަރުން ސަލާމަތްވެވޭތީ ވަރަށް އުފާވިއެވެ. ސިޑިއާއި ދިމާލަށް ހިގައިގެންފާ ވިޝާމް ސިޑިމަތީގައި ސިގްރެޓްބޯން އިންތަން ފެނިފައި އަނބުރާލާފައި ދާން ހިތަށް އެރިއެވެ.

"ސަލްވާ. ކަމް ހިއަރ........" ވިޝާމް ތަންކޮޅެއް ބާރަށް ގޮވާލުމުން ސަލްވާގެ ފިޔަވަޅު މަޑުޖެހިލިއެވެ. ވަށައިގެން ހޯދާލެވުނީ އެހެން މީހަކު ހުރެދާނެކަމަށެވެ. ވިޝާމް މޮޔަވީހެއްޔެވެ؟ މީހުން ތިއްބަސް ޖެހިލުމެއްނެތި ގޭތެރޭގައި ސިގްރެޓް ބޯންފެށީއެވެ. އެގޭގައި ހިފާފައި ހުންނަ މީރުވަސް ނައްތާލަން ވިޝާމް އުޅޭނެކަމެއް ނެތެވެ. ދީވާނާވިޔަސް ބޮޑުވަރެވެ. ހަޅޭއްލަވާ އޭނަގެ ނަމުން ގޮވާއިރު އެހެން މީހަކަށް އިވިދާނެތީ ފަރުވާލެއްނެތެވެ.

"ދެޓްސް ނޮޓް ލަވް. ލޯބިވާ މީހެއް ތިހެން ނޫޅޭނެ. ކެއަރ ނުކުރާތީ ތިގޮތަށް ހަދަނީ...." ސަލްވާ މޫނު އަޅައިގެން ހުރުމުން ފެންނަން ހުރި ދެލޮލުގައި ރުޅިވެރިކަމާއިއެކު ޝަކުވާވެސްވިއެވެ.

"ލޯބިވާ ވަރު އަންގާދޭނެ ފުރުސަތެއް ނުދިނީމެއްނު..... " ވިޝާމް ސިޑިމަތިން ތެދުވުނެވެ.

"އަހަންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ތި މޫނު ފެނިގެން ކަން އެނގޭތީ މޫނު ފޮރުވީ. ބޭބީ. މިއި އިންސާފެއްނޫން.........." ވިޝާމް ސިގިރެޓް އަތުތެރޭ ލާ ނިވާލާފައި ޑަސްބިނާއި ދިމާލަށް ހޫރުވާލައިފިއެވެ. ސަލްވާ ހުރީ ކުރިއަށް ފިޔަވަޅެއްއަޅަން ނުކެރިފައެވެ. ވިޝާމް ވިދުވަރެއްހާ ހަލުވިކޮށް އަތުގައި ހިފާލިތަނާހެން މެހެރީނާ ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި ނުކުމެއްޖެއެވެ. ފެނުނީ އެންމެ ބޭނުންވާ މަންޒަރެވެ.

"އައްދެ ލަވް ބާޑްސް...." މެހެރީނާ ހީގަތެވެ.

"ހޫމް މެހެރް ދައްތާ. އައި އިން ލަވް ވިތް މައި ސްޓެޕްމަދަރ......." ވިޝާމް ގެ އެ ޖުމްލައާއިއެކު ސަލްވާ ދެލޯ އަޅާލާފައި އަތް ފޮޅުވާލައިފިއެވެ. ވިޝާމްގެ މާތް ސިފަތައް ލޯބީގެ ނަމުގައި ވެއްޔާ މޮޑެލަނީއެވެ.

"ވިޝާމް ވާންވީނު ސައިކޭޓްރިސްޓަކަށް. އޭރުން ތި މޮޔަ ސިކުނޑިއަށް ބޭސްކުރަން އަމިއްލައަށްވެސް އެނގިދާނެ. އެއް އިރެއްގައި ދެމީހުން ފްރެންޑުންނެއްކަމަކު އެ ޒަމާން ހިނގައްޖެ. ވިޝާމް އަމިއްލަ ނަފުސަށް ވިސްނާދޭންވެއްޖެއެއް ނު އަހަންނަކީ ވިޝާމްގެ ވައިފްގެ ދޮންމަންމަކަން. އަޒަލްކަހަލަ ރަގަޅު އަންހެންކުއްޖެއް ލިބުނީމަ ވިޝާމް އެކަންތަކަށް ފުރަގަސްދެންޏާ އެ ނިއުމަތްވެސް ގެއްލިގެންދާނީ. ވިޝާމް މިގޭ އެންމެންގެ ތެރޭގައި އަހަރެން ބޭޒާރުކުރިޔަސް ތި ނިޔަތް ދެން ފުރިހަމައެއްނުވާނެ. އައިލް ބީ ފެއިތްފުލް ޓު މައި ހަޒްބެންޑް........." ސަލްވާ ހަށަން ބަދެލައިގެން ހުރެ ވާހަކަދެއްކިއެވެ. އެހާވަރަށް އެވާހަކަ ބުނަން ޖެހުނީވެސް މެހެރީނާ އަށް އިއްވާށެވެ. މެހެރީނާގެ މަގުސަދަކީ ކޮބައިކަން ސަލްވާގެ ސިކުނޑިއަށްވެސް ވިސްނެއެވެ. އޭނަ ހުންނަނީ ސަލްވާ އެގެއިން ފޮނުވާލާނެ ކަމެއް ނުފެނިފައެވެ. ސަލްވާ އެހާ ޖެހިލުންކުޑަކޮށް ވާހަކަދެއްކުމުން މެހެރީނާގެ މޫނުމަތީގައިވާ މަލާމަތުގެ ކުލަވަރު ކެނޑިއްޖެއެވެ.

"ފްރެންޑުންތަ؟ ލޯބިވެރިންތަ؟ "މެހެރީނާ ޖެއްސުންކޮށްލިއެވެ.

"ވިޝާމް. މީގެ ފަހުން އަހަންނަށް އުދަގޫނުކުރާތި......."ސަލްވާ މެހެރީނާއަށް ޖަވާބެއް ނުދީ ސިޑިން އަރައިގެން ދިޔުމުން އަދި ވަކިން މެހެރީނާގެ ރުޅިގަދަވިއެވެ. ބޭއަދަބީ އަންހެންކުއްޖެކެވެ. ލަދެއްވެސް ނުގަތެވެ. އޭނަ ކުރި ސުވާލު "އިގްނޯ" ކޮށްފިއެވެ. އެއީ އޭނައަށް ކެތްވާނެކަމެއް ނޫނެވެ. ފަހަތުންގޮސް ދަމައިގެން މޫނުމަތީގައި އެތިފަހަރެއްޖަހަން ހިތަށް އަރާފައިވެސް މެހެރީނާ ކެތްތެރިވެލިއެވެ. އޭނަ މިފަހަރު ޖަހާނީ އެންމެ އެތިފަހަރެކެވެ. އެ އެތިފަހަރުން ސަލްވާ އޮންނާނީ ދެން އަލުން ހިންދެމި ނުލެވޭވަރުވެފައެވެ. މެހެރީނާ ބުމަ އަރުވާލައިގެން އިރުކޮޅެއްވާންދެން ހުރުމަށްފަހު ވިޝާމްއާއި ދިމާލަށް އެނބުރުނެވެ.

"ސޯ. ދެ ލޯބިވެރިން ކޮންކަމަކާ އަރައިރުންވަނީ؟ " މެހެރީނާ ވިޝާމްގެ ކުރިމަތީގައި ހުއްޓުނެވެ. ޖަހާފައިވާ ސެންޓުގެ ސަބަބުން މުޅި ހިސާބުވަނީ ހިސާރުވެފައެވެ.

"ނަން އޮފް ޔޯ ބިޒިނަސް....."ވިޝާމް ހުރީ މެހެރީނާއަށް ޖެއްސުމެއްކޮށްލާ ހިތުންނެވެ. މެހެރީނާއަށްޓަކާ ވިޝާމްގެ ހިތުގައި މިހާރު އޮތީ ސާފު ނަފްރަތާއި ފޫހިކަމެވެ.

"އަހަންނަށް އެނގޭ......" މެހެރީނާ ނުލަފާ ހިންޏެއް އައެވެ.

"އެނގިގެން ކުރާނެ ކަމެއް ދެން ނެތެއްނު. ދެ އަންބަށް ސަލްވާއާއި އިނދެފައި ހުއްޓާލާނީ......" ވިޝާމް ވެސް ކުރީ ޖެއްސުމެވެ.

"ހޫމް. އަހަރެން ކަލޭމެންގެ ޑައިރީއާއި ސިޓީތައް ކީކަން އެނގުނީމަ މިހާރު އެކަމާއި އެއްބަސްނުވެ ކުރާނެކަމެއް ނޯންނާނެވިއްޔަ. އަހަންނަށް އެނގެޔޭ އެބޯޝަން ޕިލްސްތަކެއް ދީގެން ދަރިވެސް ވައްޓާލީކަން. ދަރިންނަށް ކިޔާނެ ނަންވެސް ހުއްޓޭ. ނޮޓް ބޭޑް. ވިޝާމްގެ ދަރިއަކަށް ސަލްވާ ބަލިވެއިންކަންވެސް އަހަންނަށް އެނގުނު. ދެމީހުން ރެޑްހޭންޑްކޮށް ހިފުނީމަވެސް ލަދެއްނުގަނޭ މިގޭގައި އުޅެން. އަޒަލްވެސް ކަލޭމެންގެ މުޑުދާރު ގޭމްގައި ބައިވެރިކޮށްގެން އެކުއްޖާ ޔޫޒްކޮށްލީ. ރާއްޖެތެރޭގެ ޖާހިލު ދަށް ފަންތީގެ މީހުންވީމަ ދެން ވަރަށް ފާޑެއްވާނެ. އެނގޭތަ. ދޮންބެއަށް ފަޟީހަތްވާ ދުވަހަކުން ކަލޭމެން ދެމީހުން ދަމާ ނެރޭނެ. ހޫމް އަދި ހަރާން ދަރިން ބައްޕައާއި ވައްތަރުވާނެކަން އެނގޭތީ ވައްޓާލީ.......... "މެހެރީނާ ވިޝާމް ލައްވާ ވާހަކަދައްކުވަން ވިސްނުންތެރިކަމާއިއެކު ވާހަކަތައް ރޭވިއެވެ.

"ކޮބާ ހެކި؟ " ވިޝާމް ރުޅިއަންނަގޮތްވިއެވެ. މެހެރީނާގެ އަނގަމަތީގައި ޖަހާ ފަޅާލަންވެސް ހިތަށް އެރިއެވެ. މިއީ އޭނަގެ މަންމައަށް ޖެއްސުންކޮށް ނިކަމެތިކޮށްލި އިއްޒަތްތެރި މެޑަމްއެވެ. މަންމައޮޅިގެން އެހެން ނަމަކުން ކިޔާލި ދުވަހު މަންމަގެ އަނގަމަތީގައި ޖަހާ ފަޅާލި އަންހެނާއެވެ. ތިމާމެންވަރުގެ ގަދަރުވެރި ބަޔަކު ނެތްކަމަށް ހެދިގެން އުޅޭއިރު އެހެން މީހުންގެ އިހުސާސްތައް ދަސްވާނީ ކޮންފަދަ ފިލާވަޅެއް ލިބިގެންކަމެއްވެސް ނޭގެއެވެ.

"އަހަރެން ލޮލުން ދެކުނީ އެބޯޝަން ޕިލްސްތައް ސަލްވާގެ ކޮފީއަށް އެޅިތަން........"

"ނޫން. އަހަރެން ސަލްވާގެ އަނގައިގާ ލައްވާފައި ކާންދިނީ......" މި އަންހެނާއާއި އިތުރަށް ވާހަކަދައްކަން ވެއްޖެއްޔާ އޭނަގެ ގައިގާ ހުޅު ހިފާފާނެއެވެ. ވިޝާމްއަށް ނޭގުނީ އޭނަ އެހުރިހާ ވާހަކައެއް ދެއްކިއިރު މެހެރީނާ ހުރީ ކުޅަދާނަ ޖާސޫސެއްފަދައިން ރިކޯޑަށް ޖައްސައިގެން ކަމެވެ. އެކަހަލަ ކަމެއް މީހަކު ކޮށްފާނެކަމަށް ވިޝާމް ގަބޫލުކުރިޔަސް އެވާހަކަ ކޮޅު ސަލްވާގެ ދިރިއުޅުން ބަރުބާދުކުރަން ހަތިޔާރަކަށް ހަދަން އުޅޭކަމެއް ވިޝާމްއަކަށް ރޭކާނުލިއެވެ. އަދި ހައިކަލްއާއި ސަލްވާއާއި ދޭތެރޭގައި އިތުބާރުގެ މައްސަލައެއް ޖެހިދާނެކަމަކަށްވެސް އޭރު ނުދެކެއެވެ.

މެހެރީނާ އުފަލުންގޮސް މޮޔަވާވަރުވިއެވެ. އޭނަ ބޭނުންވާ ހުރިހާ ހެއްކެއް ހޯދާ ނިންމާލައިފިއެވެ.

ސަލްވާ އެންމެން ކައި ނިމުނުފަހުން ކާކޮޓަރިއަށްވަނީ ކޮފީއެއް ތައްޔާރުކޮށްލާށެވެ. މެހެރީނާ ފަހަތުން އައިސް ވަންތަން ފެނުމުން ސަލްވާ ހީލަމުން އެނބުރުނެވެ. ސަލްވާ ހުރީ ގަޔަށް ދޫކޮށް އޮތް މެރޫންކުލައިގެ ހެދުމަކާއިއެކު ބޯ ފޮތީގެ ބުރުގާއެއް އަޅައިގެންނެވެ. މޫނު ހާމަޔަށް ހުރުމުން ބޮކީގެ އަލީގައި ފެންނަލެއް އޮމާންކަމުން ދިއްލިފައިވިއެވެ. މެހެރީނާގެ ހިތް ހަސަދައިގެ ކަޅުކަމުން ފުރުނެވެ.

"ދަނބިދަރި ލޯބިވެރިޔާ އަށް ދޭންތަ ކޮފީހަދަނީ؟ "މެހެރީނާ ބުމަ އަރުވައިލިއެވެ. މަލާމާތުން ފުރިގެންވާ އެޖުމްލައިގެ އަޑުއިވިފާ ސަލްވާގެ ހިތަށް އަސަރުކުރިއެވެ. އޭނަ އެހާ ވަފާތެރިކޮށް ހައިކަލްގެ އަންބެއްގެ ގޮތުގައި ހުއްޓާ އެގޮތަށް އަޅުވާކިޔުމަކީ ފަހަރިއަކު ކޮށްގެން ވާނެކަމެއް ނޫނެވެ. މެހެރީނާ ކިޔާހާ އެއްޗަކަށް ހިމޭންކަން ޚިޔާރުކޮށްގެން ހުރީ ރަގަޅުވާނެކަމަށް ހީކޮށްފައެވެ. ހައިކަލްގެ އަންބެއްގެ ގޮތުގައި ހުރެއްޖެއްޔާ އޭނައަށްވެސް ކޮންމެވެސް ކަހަލަ ހައްގެއް ލިބިގެންވާނެއެވެ. މިގޮތަށް ދިމާކުރެވިގެން ނުވެސް ވާނެއެވެ.

ސަލްވާ ކޮފީތަށި ގިރުން ހުއްޓާލާފައި މެހެރީނާގެ މޫނަށް ނަޒަރު ހުއްޓައިލިއިރު އެދެލޮލުން ފެނުނީ ސާބިތުކަމެކެވެ.

"މެހެރްދައްތާ. އަޅުގަނޑާއި ވިޝާމް އަޅުވާކިޔުމަކީ އެއްގޮތަކަށްވެސް ރުހޭކަމެއްނޫން. ސަބަބަކީ މިހާރު އަޅުގަޑަކީ ހައިކަލްގެ އަންހެނުންކަމަށްވާތީ. އެހާ ގަދަރުކުރާ އިންސާނެއް މި ބިންމަތީގައި މިހާރު ނެތީމަ. ވިޝާމްއާއި އެއްވެސް ގުޅުމެއް މިހާރަކު ނެތް. މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނީ. އަޅުގަނޑު މެހެރްދައްތައަށްވެސް އިހުތިރާމްކުރަން. އަދަބުވެރިކަމާއިއެކު އެދެނީ އަޅުގަނޑާއި ހައިކަލްގެ ދިރިއުޅުން ހަލާކުނުކުރަން. ފެންނަ ފެނުމަކީ ހަގީގަތަކަށް ނުވެ ހިގައިދާނެ. މެރީކުރުމަށްފަހު މިހިތުގައިވަނީ އެންމެ މީހެއްގެ ނަން. އެންމެ އިންސާނަކަށްޓަކާ ފުރާނަވެސް ގުރުބާން ކުރާ ދަރަޖައަކަށް ލޯބިވޭ. އެމީހަކީ ހަމަ އެކަނި ހައިކަލް. ގިޔާމަތްދުވަހުވެސް އެކީ އުޅެން ބޭނުންވާ ފަރާތަކީ އެއީ. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް މިދޭތެރެއަކަށް ނުވަދެވޭނެ. އަދި ޒެލްއާއި އާޒްދެކެ ވަރަށް ވަރަށް ލޯބިވޭ. މެހެރްދައްތައަށްވެސް ރަގަޅަށް އެނގޭނެ. އަނެކާއަށް ލިބޭ ނިއުމަތާއިމެދު ހަސަދަވެރިވުމަކީ އެކަމުން ތިމާއަށްވެސް ލިބޭ ދެރައެއް. އެނިއުމަތެއް ނިގުޅައިގަންނަން މަސައްކަތްކުރާވަރަކަށް ނިއުމަތް މަތިމައްޗަށް އިތުރުކުރައްވަންވެސް އެފަރާތުން ކުޅަދާނަ. އެހެންވެ އެހެންމީހުންގެ ނިއުމަތަށް ހަސަދަވެރިވުމުގެ ބަދަލުގައި ތިމާއަށް އެފަދަ މޮޅު ލިބުމަށް އެދި ދުޢާކުރަންވީ. ނޫނީ ފަހުން ކިތަންމެ ބޮޑު ދެރައެއްވެސްލިބިދާނެ. ރިގްރެޓްކުރާ ދުވަހެއްވެސް އައިސްދާނެ. ޕްލީޒް ހައިކަލްއަށް ޚިދުމަތް ކުރުމުގެ ފުރުސަތުދީ. އައި ޕްރޮމިސް ޔޫ ހައިކަލްއަށްޓަކާ ބެސްޓް ވައިފްއަށްވާނަން އިރާދަކުރެއްވިއްޔާ. އަދި ބެސްޓް ފަހަރި އަދި ސްޓެޕްމަމްއަކަށްވެސް ވާނަން އެންމެން ފުރުސަތުދީފިއްޔާ. ދުވަހަކުވެސް ބޭނުމެއްނޫން ހައިކަލްއާއި ވަކިވެގެންދާން. ނޯކަރެއްގެ ގޮތުގައި ހުންނަން ޖެހުނަސް ހެޔޮ......އެކަމަކު ހައިކަލްއާއި ވަކިކުރަން މަސައްކަތްނުކުރޭ. އައިމް ގޮއިން ޓު ޓެލް ހިމް އެވްރީތިން......................." ސަލްވާގެ ވާހަކަތަކުން މެހެރީނާއަށް އެއްޗެއް ވިސްނުމުގެ ބަދަލުގައި އަރައިގަތީ އަމަށަކު ރުޅިއެއް ނޫނެވެ.

"ހައިކަލް ހައިކަލް. ބަލަ ލަދެއްވެސް ނުގަނޭތަ؟ އެއީ ކަލޭގެ ސާހިބުމީހާ. އެތައް ހާސްފަހަރު ބުނެފިން ހައިކަލްގެ ނަމުން ކިޔައިގެން ނުވާނެއޭ............" މެހެރީނާ ސަލްވާގެ މޭގައި އަތްއަޅާ ކޮށްޕާލައިފިއެވެ. އެވަގުތު ދޮރުމައްޗަށް އެރި ވިޝާމްއަށް އެ މަންޒަރު ބަލާކަށް ކުޅަދާނައެއްނުވިއެވެ. އެއައިބާރުމިނުގައި މެހެރީނާގެ އަތް އަނބުރާލުމުން މެހެރީނާގެ ކަރުތެރެއިން ފިސް ހަޅޭކެއްގެ އަޑު ނިކުތެވެ

"ސަލްވާގެ ގައިގާ އިނގިލިކުރިވެސް ދެން ޖައްސާލައިގެން ނުވާނެ. އަހަރެންގެ މަންމައާއިމެދު ވެސް ކަލޭ ކަންތައްކުރީ ކިހާއަނިޔާވެރިކޮށް. މަންމައަތުން ހަޑޫ ދޮލަގު ބިންމައްޗަށް ވެއްޓުނީމަ ހަޑޫ ކާން މަޖުބޫރުކުރީވެސް ކަލޭ. ކަލޭ ގެންގުޅުނު ބުޅަލަށް ކާންދީފައި ހުންނަ އެއްޗެހި ކާންދިން. ކާޓޫނެއްހެން ހައްދައިގެން ކަލޭމެންގެ ޕާޓީތަކަށް ގެންގޮސް މަންމަ ލަދުގެންނެވި. ތިއީ ޑައިނެއް........" ވިޝާމް ރުޅިއައިސް ރަތްވެފައި ހުރިއިރު އަތްވަނީ މުށްކެވިފައެވެ. މެހެރީނާވެސް ބިރުގަންނަގޮތްވިއެވެ. އެއަތުގައި އެހެރަ މަސްތަކުގެ ވަރުގަދަކަން މެހެރީނާއަށްވެސް އިހުސާސް ކުރެވިއްޖެއެވެ. އެކަމަކު ދެންވެސް ފުންމައިގަތީ ސަލްވާއާއި ދިމާލަށެވެ. ސަލްވާ ފިލަންވަނީ ވިޝާމްގެ ފަހަތަށެވެ.

އަޒަލް އެ ހުރިހާ ވާހަކަތައް އަޑުއެހިއެވެ. ފެނުނު މަންޒަރުތަކުން ހިތްހަލާކުވެފައި ކުޑަދޮރު ކައިރީގައި ދެލޯ ބޮޑުކޮށްގެން ހުރިއިރު ސަލްވާއަށްޓަކާ ހިތުގައި އަލުން ޖާގައެއް ދެވިއްޖެއެވެ.

މާއިޒް އޭނަގެ މަންމަ ފޮޓޯއެއް ބަލަން ކޮންމެހެންވެސް ބޭނުންވިއެވެ. ރޯޒްލީންގެ ހަނދާންތައް އެގެއިން ނައްތާލަން މަންމަމެން މަސައްކަތްކުރިއިރު އޭނަ ބައެއް ފޮޓޯތައް ފޮރުވިއެވެ. ކޮންމެވެސް ފޮތްތަކެއްގެ ތެރެއަށް ލެވުނެވެ. ހައިކަލް ފޮތްތައް ހޭވިއިރު މާއިޒްވެސް އެކަމުގައި ބައިވެރިވިއެވެ. މަންމަ ހުރި ސިފައެއް އެނގުމަށްފަހު މުޅި ދުނިޔޭގައި އަތްފުނާ އަޅައިގެންވެސް އޭނަ މަންމަ ހޯދަން ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. ދުނިޔޭގައި ނެތަސް މަންމައަށް ޒިޔާރަތްކުރުމަށްވުރެ އޭނަ އިސްކަންދޭ އެހެންކަމެއް ނެތެވެ. އެންމެފަހުން ހައިކަލް ގެންގުޅުނު މެޑިކަލް ފޮތެއްގެ ސަފުހާތަކެއް ހުޅުވާލުމާއިއެކު ހައިކަލް މާއިޒްއަށް ބަލައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް