ގޮނޑިތައް ހުސްވެފައިވާ ކަމަށް ނިންމައި، ބައި-އިލެކްޝަން ބާއްވަނީ

ގޮނޑި ގެއްލުބު ކަމަށް ބުނާ މެމްބަރުން: އެ ހަ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި، އެ ދާއިރާތަކުގެ ބައި އިލެކްޝަންސް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމިކަން އިއުލާން ކުރީ މިރޭ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި ބައި އިލެކްޝަންސް ބާއްވަނީ ހަ ދާއިރާއެއްގައި ކަމަށެވެ. ގޮނޑި ގެއްލުނު މެމްބަރުންގެ ތެރޭގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހިމެނޭ ކަމަށާއި އެ ދެ ދާއިރާގެ ބައި އިލެކްޝަންސް ވެސް ބާއްވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އިލްހާމް އަދި ޝިނާން: ދެ މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް ނިންމާފައިވޭ--- ފޮޓޯ/ މަޖިލިސް

އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ބާތިލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގެ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންނަކީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެމްބަރުން: ބައި-އިލެކްޝަންސް ބާއްވާނެ ދުވަހެއް އަދި ހާމައެއް ނުކުރޭ -- މަޖިލިސް ފައިލް ފޮޓޯ

ނަމަވެސް އެ މެމްބަރުންގެ ގާނޫނީ ވަކީލުން މިރޭ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. ޕާޓީ ބަދަލު ކުރިޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާ ބާތިލު ކުރުމަށް ދައުލަތުން އެދުނު ނަމަވެސް، އެ މާއްދާ ސުޕްރީމް ކޯޓުން ބާތިލު ނުކުރުމަކީ ވެސް އެ މެމްބަރުންގެ ގޮނޑި ހުސްނުވާކަމުގެ ސަބަބެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ޕާޓީ ބަދަލު ކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ކޯޓުން ކަނޑައެޅި ހުކުމާއި އެ ހުކުމާ ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާމެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއް ވެސް ސާފުކޮށް ބަޔާންކޮށްދީފައެއް ނުވެ އެވެ.

comment ކޮމެންޓް