އެޕަލް އިން އިރާނުގެ އެޕްތައް ނަގާ މައްސަލަ ހޫނުވެއްޖެ

އެޕަލް ސްޓޯރެއް

މަޝްހޫރު އެޕަލް ކުންފުނިން އިރާނުގެ އެޕްތައް އެޕަލް ސްޓޯއިން ނަގާ މައްސަލަ ވަރަށް ހޫނުވެއްޖެ އެވެ. އެމެރިކާ އިން އިރާނަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އެޕަލް އިން މިހަފްތާގައި ވަނީ އިރާނުގެ އެޕްތައް ނަގަންފަށައިފަ އެވެ.

އެޕަލް އިން ނެގި އެޕްތަކުގެ ތެރޭގައި ކާއެއްޗެތި ޑެލިވާ ކޮށްދިނުމަށް "ޑީލިއަން ފުޑްސް"ގެ ނަމުގައި ހަދާފައިވާ އެޕާކާއި އަދި މަޝްހޫރު އުބާ ކުންފުނީގެ އެޕާ ވައްތަރު އެޕެއް ވެސް ހިމެނެ އެވެ.

އެޕަލް ސްޓޯއިން އިރާނުގެ އެޕްތައް ނަގާތީވެ އެ ކަންތައް ހުއްޓާލުމަށް އެދި އެތައް ސަތޭކަ ބަޔަކު ވަނީ މަޝްހޫރު ސައިޓް "ޗޭންޖުއޯގް"ގައި އެޕަލްގެ ސީއީއޯ ޓިމްކުކް އެޑްރެސްކޮށް ޕެޓިޝަނެއް ހުށައަޅައިފަ އެވެ.

މިހާރު ވެސް އެ ޕެޓިޝަނުގައި ވަނީ 4000 މީހުން ސޮއިކޮށްފަ އެވެ.

"އެޕަލްގެ މިނިންމުމުގެ ސަބަބުން އިރާނުގެ އިގްތިސާދަށާއި އަދި އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އޭގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ. އަދި އަހަރުމެން ކޮންމެހެން ބޭނުންވާ އެޕްލިކޭޝަތައް ބޭނުންކުރުމުން މަހުރޫމުވެ އެތައް ބައެއްގެ ވަޒީފާތައް ވެސް ގެއްލިގެން ދާނެ،" ޕެޓިޝަން ހުށައެޅި އިރާނުގެ ރައްޔިތުން ބުންޏެވެ.

އެ ޕެޓިޝަނާ ގުޅިގެން އެޕަލްއިން ވެސް ވަނީ ފަހުން ބަޔާނެއް ނެރެފަ އެވެ.

"އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނާއި އަހަރުމެންނަކަށް ވިޔަފާރީގެ މުއާމަލާތުތަކެއް ނުކުރެވޭނެ. އިރާނާއި އެމެރިކާގެ ސިޔާސީ މަޝްރަހު މިދަނީ ދޭތެރެ ދޭތެރެއިން ބަދަލުވަމުން. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ އެ އެޕްތައް އަލުން އެޕްސްޓޯރަށް ލުމަށް އާ ޕެޓިޝަނެއް ހުށައަޅާ." އެޕަލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އިރާންއަށް މިހާރު ވެސް އައިފޯން އެތެރެކުރުން އޮންނަނީ މަނާކޮށްފަ އެވެ. ނަމަވެސް ވަގަަށް އެތެރެކޮށްގެން ގިނަ އަދަދަކަށް އިރާނުގެ ރައްޔިތުން އައިފޯން ބޭނުންކުރެ އެވެ.

comment ކޮމެންޓް