އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތަށި ގައުމީ ޔުނިވާސިޓީން ބޭރަށް

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެމްއެންޔޫއެސްސީ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މައި ކޮލެޖުން ހޯދައިފިއެވެ.

ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން މައި ކޮލެޖުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް (އެފްއެޗްޓީއެސް)ގެ މައްޗަށް 4-3 ލަނޑުން ކުރި ހޯދައިގެންނެވެ. މިދިޔަ ހަތަރު އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގައުމީ ޔުނިވާސިޓީއަށް ނިސްބަތްވާ ޓީމުތަކުންނެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މައި ކޮލެޖުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު އައިހަމްއެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނޫރައްދީނެވެ. އެފްއެޗްޓީއެސްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޔައްސާރެވެ.

އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ. ފައިނަލް މެޗު އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަހްމަދެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މައި ކޮލެޖްގެ އިބްރާހިމް ނޫރައްދީނާއި އެ ޓީމުގެ ގޯލްކީޕަރު ޒައިދާނާއި އެފްއެޗްޓީއެސްގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު)އާއި އެ ޓީމުގެ މުހައްމަދު ޔައްސާރާއި ސައިރިކްސް ކޮލެޖްގެ އަހްމަދު ސާމިހު އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މައި ކޮލެޖްގެ އަހްމަދު އައިހަމްއެވެ. މުބާރާތުގައި 11 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ އައިހަމްއެވެ.

އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ސައިރިކްސް ކޮލެޖެވެ. އަދި އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ މުބާރާތުގެ ރަނަރަޕްކަން ވެސް ހޯދި އެފްއެޗްޓީއެސްއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ރަނަރަޕް އެފްއެޗްޓީއެސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގައި މި އަހަރު ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި ގައުމީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ކޮލެޖް، ޔުނިވާސިޓީތަކަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމްލަ 18 ޓީމު ވާދަކޮށްފައިވެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މައި ކޮލެޖަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް އެފްއެޗްޓީއެސްއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނު ސައިރިކްސްއަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަށް ހޮވުނު އެފްޓީއެސްއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

comment ކޮމެންޓް