ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ އެންމެން މާދަމާ ފުރާނެ: ޔާމީން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖާޖީން މާދަމާ ސައުދީ އަރަބިއާގެ ޖިއްދާއަށް ފުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނޭ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖާޖީން މާދަމާ ސައުދީ އަރަބިއާގެ ޖިއްދާއަށް ފުރާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ހުރިހާ ހައްޖާޖީން ވެސް މާދަމާ މެންދުރުފަހު 1:30 ގައި ސައުދީ އަރަބިއާގެ ޗާޓާޑް ފްލައިޓެއްގައި ފުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު އެކޯޕަރޭޝަނަށް 500 ހައްޖު ކޯޓާ ލިބުނު ކަމަށާއި ހައްޖަށް ދިޔުމަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި 450 އާއި ގާތްކުރާ އަދަދަކަށް ހައްޖާޖީން ނަން ނޯޓުކުރިކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ބޭނުން ހިފުނީ 300 ކޯޓާގައި ކަމަށެވެ.

ހުރިހާ ހައްޖާޖީންގެ ވިސާ އާއި މައްކާ އަދި މަދީނާގައި ހުރުމުގެ އިންތިޒާމް ވެސް މިހާރު ހަމަޖެހިފައިވާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ހުރިހާ އިންތިޒާމުތަކެއް މިވަނީ ހަމަޖައްސާފަ. ހުރިހާ ޚިދުމަތްތަކެއް ވެސް މިވަނީ ފުރިހަމަވެފަައި. ހައްޖާޖީން ދަތުރު ކުރާނީ ސައުދީ އަރަބިޔާގެ ހާއްސަ ޗާޓަޑް ފްލައިޓަކުން. މި ފްލައިޓަކީ ސީދާ މާދަމާއަށް ހަމަޖެއްސި ފްލައިޓެއް. ހުރިހާ ހައްޖާޖީންވެސް ދާނީ މާލެއިން ސީދާ ޖިއްދާއަށް،" ޔާމީން ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ހާއްޖާޖީން މަދީނާ އަށް ދާނީ ހައްޖުގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯޑް މެމްބަރު އަބްދުﷲ ފާރޫގް ހަސަން ވިދާޅުވީ މި ވަގުތު ދެވެންް ހުރި ހުރިހާ ހައްޖާޖީންނަށްވެސް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

ހައްޖުކޯޕަރޭޝަނުން މިއަހަރު ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަގަކީ ބޮލަކަށް 69،965 ރުފިޔާ އެވެ. ހުރިހާ ހައްޖާޖީންވެސް ގާތްގަނޑަކަށް 30 ދުވަހުގެ މުއްދަތެއް ސައުދި އަރަބިއާގައި ހޭދަކުރަންޖެހޭނެ ކަމަށް ހައްޖުކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް