އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަލީ ރަޝީދު ވިދާޅުވަނީ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފުރަތަމަ މެޗުގައި އެފްއެޗްޓީއެސްއާއި ކްލިކް ކޮލެޖް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކުރީ އެފްއެޗްޓީއެސްއާއި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަށް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއެންޔޫއެސްޔޫގެ ރައީސް އަލީ ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ސަން ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި އަލީ ރަޝީދު ވިދާޅުވީ މިއަހަރުގެ މުބާރާތް އެހެން އަހަރުތަކަށްވުރެ މާ ކާމިޔާބު ކަމަށެވެ.

"މުބާރާތައް ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓު ވަރަށް ބޮޑުތަން އިތުރުވެއްޖެ. އަދި ކުޅުންތެރިން މުބާރާތައް ތައްޔާރުވި މިންވަރު ވެސް މިވަނީ އިތުރުވެފައި. މިއީ އެހެން އަހަރުތަކަށް ވުރެ މަބޮޑަށް ވެސް ކާމިޔާބު މުބާރާތެއް،" އަލީ ރަޝީދު ވިދާޅުވިއެވެ.

މުބާރާތުގެ އިންތިޒާމްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މުބާރާތް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ 14 ކުންފުންޏެއްގެ އެހީތެރިކަން ލިބިފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުބަރާތް އިންތިޒާމު ކުރުމުގައި އެމްއެންއެސްޔޫގެ ހިންގާ ކޮމެޓީ އިން ކުރި މަސައްކަތާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް އަލީ ރަޝީދު ފާހަގަކުރެއްވިއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ބައްދަލު ކުރާނީ އެފްއެޗްޓީއެސްއާއި މައި ކޮލެޖް އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00ގައެވެ. މިއީ އެ މުބާރާތުގެ ފައިނަލަށް އެ ދެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މި އަހަރު ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި ގައުމީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ކޮލެޖް، ޔުނިވާސިޓީތަކަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމްލަ 18 ޓީމު ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ފެއާޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް