ރާއްޖޭގެ ފުރަތަމަ އޭއާރް މޮބައިލް ގޭމް "އާރްބީ ކްއެސްޓް" ލޯންޗް ކޮށްފި

"އާރްބީ ކްއެސްޓް" ލޯންޗްކުރުމުގެ ތެރެއިން--

ހާއްސަ އިނާމްތަކަކާ އެކު ދިރާގުން ރާއްޖޭގެ ފުރަތަމަ އޭއާރް މޮބައިލް ގޭމް ލޯންޗުކޮށްފިއެވެ.

ރޭ ސީ ހައުސް ބްރެސަރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހާއްސަ ޕްރޮމޯޝަނަކާ އެކު ދިރާގުން ތައާރަފްކުރި ގޭމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ އާގިއުމެންޓެޑް ރިއަލިޓީ ގޭމް އެޕް އެވެ. "އާރްބީ ކްއެސްޓް" ނަމަކަށް ކިޔާ މިގޭމް އަކީ ދިވެއްސަކު ހަދާފައިވާ ވަރަށް މަޖާ ގޭމެކެެވެ.

ގޭމް އިންސްޓޯލްކޮށް ގޭމަށް ރަޖިސްޓްރީވެލުމަށް ފަހު ޖެހޭނީ އެކި ތަންތަނުން ބިސް ހޮވާ ށެވެ. ގޭމުގައި ދިވެހި ފޭއްޔެއްގައި، ހުސް ގަޔާ ހުންނަ "ކަލޯ" ކިޔާ ކެރެކްޓާއަކީ އެވަގުތެއްގައި ރާޅުބިސް އެންމެ ގިނައިން ހުރީ ކޮން ތަނެއްގައިކަން ހޯދުމަށް އެހީތެރި ވެދޭނެއެވެ. އެގޮތުން އެންމެ ގިނަ ބިސް ހޮވާ މީހަކީ އެ ގޭމުގައި އެންމެ މޮޅު މީހާއެވެ. އެޕް ސްޓޯ އަދި ޕްލޭ ސްޓޯއިން ވެސް މި ގޭމް އެޕް ލިބޭން ހުންނަ އިރު މި ގޭމް ދިރާގުގެ ކަސްޓަމަރުންނަށް ނޫނަސް ކުޅެވޭނެ އެވެ.

ގޭމްގެ އެންމެ ފުރަތަމަ ފަސް ދުވަހުގައި ގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެންމެ މޮޅު ތިން މީހަކަށްވަނީ ހާއްސަ އިނާމް ތަކެއް ކަނޑައަޅައިފައިވާކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި އެންމެ ގިނަ ރާޅު ބިސް ހޮވާ ފަރާތަކަށް އަށް ދުވަހުގެ ތެރޭ ޔޫރަޕްގެ ހަތަރު ގައުމަކަށް ދެމީހަކާ އެކު ދިއުމުގެ ފުރުސަތު، ދެވަނައަށް އެންމެ ގިނައިން ރާޅު ބިސް ހޮވާ މީހަކަށް ޑިޖިޓަލް ޕެކެއް ޕެކެއް ލިބުމުގެ އިތުރުން ތިންވަނަ ފަރާތަކަށް ޝެރަތަން ރިސޯޓް އިން ތިން ދުވަހުގެ ދަތުރެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ރާޅު ބިސް އެންމެ ގިނައިން ހޮވާ މީހުން ލީޑަރ ބޯޑުން ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން ދިރާގުން ބުނީ، ޕްރޮމޯޝަން ކުރިޔަށް ދާ ފަސްދުވަހު، ކޮންމެ ދުވަހެއްގައިވެސް އެންމެ ގިނައިން ރާޅު ބިސް ހޮވާ މީހާއަށް އެޕަލް ވޮޗެއް ލިބޭނެ ކަމަށެވެ.

ބޯނަސް ރާޅު ބިސް ހޮވައިގެން ސްކޯ އަވަހަށް އިތުރު ކުރުމަށްޓަކައި ދިރާގުން އަބަދުވެސް ޓްވިޓާގައި ރާޅުބިސް ހުންނާނެތަންތަށް އިއުލާނު ކުރަމުން ދާނެއެވެ. އެގޮތުން މިއަދު ހަވީރު ރަސްރަނި ބަގީޗާގައި ބޯނަސް ރާޅުބިސް ހުންނާނެކަމަށް ދިރާގުން ބުނެއެވެ.

ގޭމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިންނާ، ޒުވާނުންގެ މެދުގައި މި ގޭމް ވަނީ ކުޅެފަވެ. އަދި އެންމެ ގިނައިން ރާޅު ބިސް ހޮވި މީހާއަށް ވަނީ ޕީއެސް4 ޕްރޯއެއް ހަދިޔާ ކޮށްފައެވެ.

comment ކޮމެންޓް