އަހަރެންގެ ހިތް އަނބުރާދީ

ހައިކަލް ކޮންސަލްޓިންރޫމަށް ވަނީ މާއިޒްގެ އެންމެ ފަހު ޕޭޝަންޓް ނިކުތީމައެވެ. މާއިޒް އޭރު އިނީ ސްޓެތޮސްކޯޕް ކަރުގައި އަޅުވާލައިގެން ބޮޑު ގޮނޑީގައި ލެގިލައިގެންނެވެ. ވިސްނުމެއްގައި އިންފަދައެވެ. ހައިކަލް ފެނުމުން މާއިޒް ކަންބޮޑުވެފައި ތެދުވެގެން އައެވެ.

"ހައި މާޒް.........އާ ޔޫ އެންގްރީ ވިތް މީ؟ " ހައިކަލް ހީލިއެވެ.

"ނޫން ޑޭޑް. އެކަމަކު....." މާއިޒްއަށް މިހާރު ބައްޕަ ކިޔައިގެން ވާހަކަދައްކާކަށް ފަސޭހައެއްވެސް ނޫނެވެ. ހަގީގީ ބައްޕަ ނޫންކަން އެނގުމުން ހިތަށް ކުރިއަސަރާއިއެކު ކަންތައް ހިގާ ދިޔަގޮތުން އޭނަވަނީ އިންތިހާއަށް ލަދުވެތިވެފައެވެ. ހައިކަލްގެ ކުރިމައްޗަށް ދާންވެސް ޖެހިލުންވެފައެވެ.

"މާޒް ކަމް ހޯމް....މާޒްގެ ތަނެއް ރޯޒް މެހެލްއަކީވެސް....." ހައިކަލް ބުނެލީ މާއިޒްގެ ކޮނޑުގައި އަތް ބާއްވާލަމުންނެވެ.

"އައި ނޯ ހައު ޔޫ ފީލް ޑޭޑް އެކަމަކު އެހެން މީހުން ދެކޭގޮތް ތަފާތުވާނެ......." މާއިޒް ހުރީ ރަކިވެފައެވެ. އެރޭ އެގޮތަށް އޭނަ އާއިލާ ދޫކޮށްފައި އައުމަށްފަހު އެއްވެސް މީހެއްގެ ކައިރިއަށް ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ އޭނަދެކެ ލޯބިވި އެންމެވެސް ދެން ދެކޭނީ އޭނައަކީ އާއިލާ ނޭގޭ ޔަތީމެއްގެ ގޮތުގައިއެވެ.

"ކީއްވެ އެހެންމީހުން ތަފާތުވާންވީ. މާޒްދެކެ މާމައާއި ކާފަވެސް ހަމައެވަރަށް ލޯބިވާންޖެހޭނެ. އެހެންނޫނަސް އެއީ އެހެންމީހެއްގެ ގެއެއްނޫން ބައްޕަގެ ގެ. މާޒްއަށްވެސް ލިބޭނެ......" ހައިކަލް ހިނިތުންވެލަމުން ގޮނޑީގައި އިށީނެވެ. މާއިޒް ދެންވެސް ހުރީ ކޮޅަށެވެ.

"އަޅުގަނޑަށް އެނގޭ ބައްޕަގެ އިހުސާންތެރިކަމުގެ ސަބަބުންކަން މިހިސާބަށް އައީ. ގިޔާމަތާއި ހަމަޔަށްވެސް އެކަން ހަދާން ނައްތައެއްނުލާނަން....އެކަމަކު މެހެރީނާ ދައްތަ ދުވަހަކުވެސް ހެޔޮހިތުން ވާހަކައެއް ނުދައްކާ. އަދި ހަގީގަތް އެގުމަށްފަހު އެކަން ވަރަށް ބޮޑަށް ބަދަލުވެގެންދާނެ. މާމައާއި ކާފަވެސް މިހާރު ބޭނުމެއްނުވާނެ ހިލޭ މީހަކު އެގޭގައި ހުންނާކަށް. ސަލްވާވެސް މިހާރު ނުވާނެ އަސްލު ދޮންމަންމައަކަށް. ފޮރުވިގެން ހުންނަ ކުއްޖަކަށް ހިލޭމީހަކު ހުރުން ފަސޭހައެއްނުވާނެ......." މާއިޒް ނުދާންވެގެން އެތައް ބަހަނާއެއްދެއްކިއެވެ.

"އައި ވިލް އޯލްވޭސް ލަވް ޔޫ ޑޭޑް. އެކަމަކު އެގެއަށް ގެންދަން މަޖުބޫރުނުކުރޭ ޕްލިޒް. މިހާރު މަންމައެއްވެސް ލިބިއްޖެ. ޑޭޑްއަށް އެނގިލައްވާނެ ރައުދާ އަދި ކެމީލާ މަމްވެސް އަޅުގަނޑާއިމެދު ދެކުނުގޮތް. ދުވަހަކު މަންމައެއްގެ ލޯތްބެއް ނުލިބޭ. އަޅުގަނޑުގެ މަންމަވެސް އަންވޯންޓެޑް ދަރިއަކަށްވީމަ އެއްލާލީ. އަމިއްލަ އުފަން މަންމައާއި ބައްޕަ ބޭނުންނުވެ އެއްލާލުމުން ބައްޕަ ދިން ލޯތްބަކީ ދުވަހަކު ހިތަކުން ފިލާނެއެއްޗެއް ނޫން. އެކަން އިހުސާސްނުކުރެވޭހާ ބޮޑަށް ލޯބިދިނީ..........." ވާހަކަދައްކަމުންގޮސް މާއިޒް ފެންކަޅިވާގޮތްވިއެވެ. އޭނައެކޭ ވިޝާމްއެކޭ އެއްވެސް ތަފާތެއް މިއަދަކުނެތެވެ. މަންމައަކީ ކާކުކަމެއްވެސް ނޭގުނެވެ.

"މާޒްދެކެ އެހާ ލޯބިވެ އަމިއްލަ ދަރިއެއްހެން ގެންގުޅުނީ އެޑޮޕްޓްކުރީމައެއްނޫން. އެހެން ރީޒަނެއްވެސް އޮތީމަ....." ހައިކަލް ބުނެލިއެވެ.

މާއިޒް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ.

"މާޒް. މިއީ އަދި ދުވަހަކު އެއްވެސް މީހަކަށް ހާމަކޮށްފައިވާ ސިއްރެއްނޫން. ފުރަތަމަ ފަހަރަށް މާޒްގެ ކައިރީގައި ބުނަން މިނިންމީ. މާޒްމެން ދުވަހަކު އަޑުއަހާފައިވާނެ ކަމެއްނޭގޭ. ރޯޒްއަކީ ބައްޕަގެ އެންމެ ކްލޯޒް އެއް ސިސް. ސިސް ފެމިލީ މީހަކާއި މެރީކުރުވަން އުޅެނިކޮށް ގޭގެ ސިކިއުރިޓީއަކަށް ހުރި މީހާއާއި ރައްޓެހިވީ. އެކަން ހުއްޓުވަން މަންމަމެން މަސައްކަތްކޮށް ނުހުއްޓުނީމަ ގެއިން ބޭރުކޮށްލީ. މަންމަމެން ހީކުރީ ރޯޒް އެނބުރި އަންނާނެކަމަށް. ނަމަވެސް ރޯޒް ފުރައިގެން ދިޔައީ އޭނައާއިއެކީ. މަންމަމެން އާއިލާ އެންމެނަށް އެންގީ ރޯޒްއާއި ހުރިހާ ގުޅުމެއް ކަނޑާލަން. ވާހަކަދެއްކިކަން އެނގުނަސް މަންމަ ދުވަހަކުވެސް ހިތްހެޔޮ ނުކުރާނެކަމަށް ބުނުމުން އެދުވަހު ވަރަށް ދެރަވި. މަންމައަށްޓަކާ ރޯޒްއާއި ވަކިވާން ޖެހުނީ. އެއްބަނޑު އެއްބަފާ ދައްތައިންގެ ތެރެއިން އެންމެ ގާތްކޮށް އުޅުނު ފަރާތާއި ވަކިވާން ޖެހުމުން ވަރަށް ދުވަސްވާންދެން ހަދާންވި. ފުރައިގެން ބޭރަށް ދިޔަސް އެހަދާންތަކާއި ވަތްކެއް ނުވެވުނު. ޗުއްޓީއަކަށް މާލެއައިތާ ހަފްތާއެއް ނުވަނީސް ރޯޒް އެއްދުވަހު ގެއަށް އައީ. ތަފާތު އިހުސާސްތަކެއް ކުރެވުނު. ރޯޒް ގެނެސްދިނީ އަދި ވިހޭތާ ދެތިން ދުވަސްވެފައިވާ ތުއްތު ކުއްޖަކު. ރޯޒް ބުނީ ހައިކަލްގެ ދަރިއެއްގެ ގޮތުގައި ބަލާދޭށޭ. އޭރުންނޯ ދަރިފުޅަށް މުސްތަގުބަލެއް ލިބޭނީ. މާމައާއި އާއިލާގެ އެންމެންގެ ލޯބި ލިބިގެން ބޮޑުވާނީވެސް އޭރުންނޯ. ރޯޒް އުޅޭ އާއިލާގެތެރޭގައި ވަރަށް ހަމަނުޖެހުން ބޮޑުކަމަށާއި އެފަދަ ތަނެއްގައި ކުއްޖަކު ގެންގުޅުމަކީ ފަސޭހަކަމަކަށް ނުވާނެޔޯ ބުނީ. އައި ޕްރޮމިސްޑް ޓު ހާ. މާޒް އަމިއްލަ ކުއްޖެއްގެ ގޮތުގައި ބަލާނަމޭ. އަސްލު އަހަރެއްވާންދެން އެހެން ގައުމެއްގައި ތިބުމަށްފަހު މަންމަމެންނާއި ދިމާވެސް ނުވެ މާލެއައީ. މާޒް ފެނުމުން އެންމެން ހީކުރީ ރައުދާއަށް ދަރިއަކު ލިބުނީމަކަށް ހީކުރީ..........."

މާއިޒް އިނީ ހައިރާންވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. މިކަހަލަ ހާދިސާތައް ހިނގާހެއްޔެވެ؟

"ރޯޒްއަށް ޚާއްސަކަމެއް މަންމަމެންވެސް ބަހައްޓާތީ ގެއަށް ނަންދިންއިރު ރޯޒްމެހެލް ކިޔާފައި އެވަނީ. އެހާ ލޯބިވި ޕްރިންސެސްއެއްފަދަ ކުއްޖާވެސް އާއިލާގެ ގަދަރު ވައްޓާލީމަ ގެއިން ނެރުނީ. އެފަހުން އެގޭތެރޭގައި ރޯޒްގެ ނަން ކިޔުން މަނާކުރި. ރޯޒްގެ ހުރިހާ ފޮޓޯއެއްވެސް ނެގި. އެއީ މަންމައާއި ބައްޕައަށް ނުލިބުނު ކުއްޖެއްފަދަ. އެހެންވެ މާޒްމެންނަށްވެސް ރޯޒްއަކީ ކާކުކަން ނޭގިފައި ހުރީ. މާޒްގެ ބައްޕައަކަށް ނުވިޔަސް އައިމް ލަކީ ޓު ހޭވް އެ ނެފިއު ލައިކް ޔޫ. އަމިއްލަ ދަރިންނެކޭ ދައްތަގެ ދަރިންނެކޭ ހުންނާނީ ކޮންތަފާތެއްތަ؟ މާޒް އެހެންކުދިންނަށްވުރެ ސްޕެޝަލްވެސް ވި. އަމިއްލައަށް ބަލާބޮޑުކުރީމަ އައި ތަފާތު އެއީ.......މާޒް ތީ ހިލޭ މީހެއްނޫން. ހަމަ އަބުދުލްއަޒީޒުގެ ކާފަދަރިއެއް. ޒައިތޫންއަކީ މާމަ. މާޒް އެރޭ މާމަގެ ބާތްޑޭ ފާހަގަކުރިއިރު ލަވައެއް ކީމެއްނު. ރޯޒްވެސް ހަމަ އެގޮތަށް ލަވަކިޔާއުޅުނު. އަދި ޚާއްސަކޮށް އެލަވަ. އެހެންވެ މާމަ ހުރީ ވަރަށް ސަކަރާތްވެފައި. މާމަ ހަރުކަށިކަން ދައްކައިގެން ހުއްޓަސް ދެރަވާނެ..........." ހައިކަލްގެ ވާހަކަ އަޑުއަހަން އިންއިރު އުފާކުރަންވީކަމެއް ރޯންވީކަމެއް މާއިޒްއަކަށް ނޭގުނެވެ. ތިމާއަކީ ކާކުކަން ނޭގޭ ހާލުގައި ގެ ދޫކޮށްފައި އައުމުން އަނެއްކާ މިއެގުނީ އޭނަގެ އާއިލާއަކީ އެއީކަމެވެ. ބައްޕަކަމަށް މިހުރިހާ ދުވަހު ދެކެމުން އައި ހައިކަލްއަކީ އަސްލު ބޮޑުބޭބެއެވެ.

ތަފާތަކީ އޭނަގެ މަންމަ ބްލެކްލިސްޓް ކުރެވިފައިވާ ކަމެވެ. ކާފަމެންގެ ހިތުން އޭނައަށްވެސް ޖާގައެއް ނީންނާނެތީއެވެ.

ނަމަވެސް އޭނައަށް މިވީގޮތުން ހައިކަލްގެ އެދުމާއި ދެކޮޅުހަދާކަށް ނުކެރޭނެއެވެ. އޭނަ އެނބުރި އެގެއަށްދާނީއެވެ. އެހެންމީހުންނަށް ސިއްރުވެފައިއޮތަސް އެއީ އޭނަގެ ލޯބިވާ މަންމަގެ އާއިލާއެވެ. މަންމަދެކެ ނަފްރަތުކުރިޔަސް ކުށެއްނެތް މީހަކަށް ރުޅިބާލައިގެން ނުވެސްވާނެއެވެ. ނަމަވެސް އެކަން ފާޅުކުރެވޭކަށްވެސް ނެތެވެ.

"މާޒް. މާޒްގެ މަންމައަށް ވައުދުވިން. އަބަދަށް ޕްރޮޓެކްޓްކޮށްދީ އަޅާލާނެކަމަށް ބުނިން. ދުވަހަކުވެސް މާޒްއަށް ދެރަގޮތެއް ނަހަދާނެކަމުގެ ޔަގީންކަން ދިނިން. މާޒްގެވަނީ އަހަރެންގެ ވެސް ލޭ......" ހައިކަލްގެ އެ ޖުމްލައާއިއެކު މާއިޒްއަށް ގޮސް ހައިކަލްގެ ގައިގާ އޮޅުލައިގަނެވުނެވެ. ހައިކަލްގެ ލޯބި އިހުސާސްކުރެވުނެވެ. އެއީ ތެދެކެވެ. އޭނަގެ މަންމައަށްވީ ވައުދު ބޮޑުބޭބެ ފުއްދާދީފިއެވެ. އެމަންމަ މިހާރު ދުނިޔޭގައިވީ ކަމެއްވެސް ނޭގެއެވެ.

މާއިޒްއަށް އެވަގުތު ވިސްނުނެވެ. އޭނަގެ އާއިލާއިން ރާއްޖެތެރޭމީހުންނާއި ދޭތެރޭ ދެކެނީ ވަރަށް ދަށްކޮށެވެ. އަމިއްލަ ދަރިފުޅު ދުރުކޮށްލި ބަޔަކު ސަލްވާއާއި ވިޝާމް ގަބޫލުކުރާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މާއިޒްގެ ހިތުގައި ސަލްވާއާއި ވިޝާމްއަށްވެސް ރަހުމް އުފެދުނެވެ. ލޯތްބަކީ ވަކި ފެންވަރަކަށް ބަލައިގެންވާނެ އެއްޗެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ލޯބިވުމުގެ ހައްގު ލިބިގެންވެއެވެ. ހައިކަލްއާއި މެދު ބޮޑުބޭބެއެއްގެ ނަޒަރުން ދެކެން ފެށުމުން ސަލްވާއާއި ދޭތެރޭގައި ހިތް މުޅިން ސާފުވެ އެދެމީހުންގެ ގުޅުމަށް މަރުހަބާ ކިޔުނެވެ. ރައުދާއާއި ކެމީލާއަށްވުރެ ހުރިހާ ގޮތަކުންވެސް ބޮޑުބޭބެއާއި އެކަށީގެންވާ ބައިވެރިޔަކީ ސަލްވާއެވެ.

މެހެރީނާ ހަދާފައި ހުރި ޕޭންކޭކުތައް މީރުކަމުންގޮސް އާޒީންވެސް ބަނޑުފުރާކެއެވެ. ސަލްވާ ސައިބޯން ނާންނާތީ މެހެރީނާ އެވާހަކަ އެހިއެވެ. އާޒީން ކައިރީ ބުނީ އަދި ރުޅިއައިސްގެން ތިބެގެން އޭނައަށް ޝައްކުވެދާނެ ކަމުގައެވެ. އާޒީން ހައްލާލާފައި ޕޭންކޭކަކާއި ސައިތަށްޓެއް ތަބަކެއްގައި ބަހައްޓާފައި އާޒީން ކައިރީ އެދުނީ ސަލްވާއަށް ގެންގޮސްދޭށެވެ. އޭނަ ހެދި ކޭކުތައްކަން އެނގިއްޖެއްޔާ ނުކާނެ ކަމުގައި ބުނެލީވެސް ހީފައެވެ. މެހެރީނާ އުޅުނުގޮތުން އާޒީންއަށް ޝައްކެއްނުވެސް ވިއެވެ. އެހެންވެ ތަބައް ހިފައިގެން ކޮޓަރިއަށް ދިޔައިރު ސަލްވާ ހުރީވެސް ބެލްކަނީގައި މާގަސްތަކަށް ފެންދޭށެވެ. އާޒީން ސައިގެނެސްދިނުމުން ސަލްވާ ވަރަށް އުފާވެފައި ޝުކުރު އަދާކުރިއެވެ. އަދި ސައިބޯންފެށިއެވެ.

"އާޒްތަ ކޭކުހެދީ؟ ހާދަ މީރޭ. ގަސްތަކަށް ފެންދީ ނިމިގެން ތިރިއަށް ދާންކަމަށް މިހިރީ....." ސަލްވާ ބުނެލިއެވެ.

"އަދި ގެންނަންތަ؟ ހީކުރީ ޕްރެގްވީމަ ނުވެސް ކެވޭނެކަމަށް..." އާޒީން ގަދަކަމުން ހީލިއެވެ. އާޒީން އެހާ އަވަހަށްގޮސް ދެކޭކު އިތުރަށް ގެނެސްދިނެވެ.

"ޑޭޑް ވީ ތިއޭޓަރުގައި ދޯ. މިދުވަސްކޮޅު މާ ގިނަ އެކްސިޑެންޓްތައް ވެގެން ހެޑް އިންޖަރީތައްވެސް އަބަދުހެން އަންނަނީ..އަދި ނަމާދުވެސް ނުކޮށް މިއުޅެނީ. އަންނާނަން...." އާޒީން ވާހަކަދައްކާ ހިތް ނުވާތީ ބަހަނާއެއް ދައްކާފައި ނުކުމެ ފުންނޭވައެއް ދޫކޮށްލިއެވެ. އޭނަ ސައިގެނެސްދިނީ ހިތާއި ދެކޮޅަށެވެ. ސަލްވާއަށް މިގެއިން ފެންފޮދެއް ދޭކަށްވެސް އާޒީން މިހާރު ބޭނުމެއްނޫނެވެ. އެއީ ކެހިވެރި އަންހެނެކެވެ. އުމުރުން ކުޑަވިޔަސް ނުލަފާ މަންޖެއެކެވެ. އެރޭވެސް ސަލްވާ ކެއުމުގެ ބަދަލުގައި ސައިބޯން ގަސްތުކުރިއެވެ. އޭނަ އަންނަންވާއިރަށް ފާރަލާ ބަލަން ހުރެފައި މެހެރީނާ ގޮސް ޕޭންކޭކެއް މޭޒުމަތީގައި ބެހެއްޓިއެވެ. ސަލްވާއަށް ޕޭންކޭކު ފެނުމުން ނުކައި ނުހުރެވިގެން ކާލައިފިއެވެ.

ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް ސަލްވާ މާ ބޮޑަށް ހޮޑުލައި ވަރުބަލިވެ ހިތުގެ ވިންދު އަވަސްވިއެވެ. ބަލިވެގެން ދެފަރާތަށް ފުރޮޅި އޮތުމުން ހައިކަލްއަކަށްވެސް ނުނިދުނެވެ. އެކައްޗެއް ބޯލާއިރަށްވެސް ހޮޑުލެވެނީއެވެ. އެންމެފަހުން ޖެހުނީ ޑޮކްސިނޭޓް ގުޅައަކާއި އެމްސެޓެއްވެސް ދޭށެވެ. ބޭސް ކެއުމުން އަދި ބޮލުގަޔާއި ބަނޑުގައި ރިއްސަންފެށިއެވެ. އެދަންވަރުވެސް ހައިކަލްއަށް ސަލްވާއަށް ވާ އުދަގޫތައް ދެކެން ކެތްނުކުރެވިގެން އަންހެނުންގެ ޑޮކްޓަރކަށް ދައްކާން ގެންދިޔައެވެ. ޑޮކްޓަރު ބުނީ ހުރިހާކަމެއް ރަގަޅުކަމުގައެވެ. ބައެއް އަންހެންކުދިންނަށް ބަލިވެއިނުމުން ވާ އުދަގޫތައް ބޮޑުވާނެ ކަމުގައްޔާއި ހޯމޯންތައް ރަގަޅަށް މަސައްކަތްކުރަންޏާ ހޮޑުލައި ވަރުބަލިވެ ކަންތައްވާނެ ކަމަށާއި ޕްރެގްނެންސީ ރަގަޅުކަމުގެ ހެއްކެއް ކަމުގައެވެ. ނަމަވެސް ސަލްވާއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ހިމޭނުން އިނަސް ސަލްވާއަށް އިހުސާސްކުރެވުނީ ކުއްލިއަކަށް އޭނައަށް ބޮޑުކަމެއް ވެއްޖެކަމެވެ. ނަމަވެސް ހައިކަލް ފިކުރުބޮޑުވެދާނެތީ ސަލްވާ ހުރީ އެއްޗެކޭ ނުބުނަން ހިތްވަރުކޮށްލައިގެންނެވެ.

ސަލްވާ ބަލިވީމަ ހައިކަލް އެދުވަހު ވަޒީފާއަކަށް ނުދެއެވެ. ބަނޑުގައި ރިއްސާވަރުން ބޭސްދިނުމުންވެސް ލުއިވާގޮތެއް ނުވިއެވެ. ހައިކަލް ގަސްތުކުރީ ސަލްވާ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނުމަށެވެ. ސަލްވާ ކުއްލިއަކަށް މިގޮތަށް ހާލު ދެރަވާން ފެށުމުން ގޭގައި ހުންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. ސަލްވާއާއި ދަރިފުޅުގެ ހާލު ރަގަޅު ކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރިތަނާ ހެން އިތުރު މައްސަލައެއް ދިމާވިއެވެ. ސަލްވާ ބިރުންގޮސް ރޯންފެށިއެވެ.

"އައިމް ސްކެއާޑް. ކީއްވެ ބްލީޑްވާންވީ؟ "

"އިޓްސް އޯކޭ ބޭބީ. ނުރޮއި. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ. މިހާރު ސްކޭނަށް ގެންދަން މިއުޅެނީ. އޭރުން އެނގޭނެ ދޯ ......" ހައިކަލް ސަލްވާގެ ކޯތާފަތް ފޮހެލަދިނެވެ. ހައިކަލް ހުރީ ހިތްވަރުކޮށްލައިގެންނެވެ. އޭނަ ސަލްވާ ކައިރީ ނުރޯން ކޮންމެފަހަރަކު ބުނާއިރު ހިތަށްވާ ތަދު އެނގެނީ އޭނައަށެވެ. ފިރިހެނެއްކަމުން ހިތްވަރުގަދައީއެވެ. ދެލޮލުން ކަރުނަ ނައިކަމުގައިވިޔަސް ހިތާހިތުން އޭނަވެސް ކަރުނަ އޮއްސިއެވެ. ޑޮކްޓަރު ސްކޭން ހަދަން ގެންގޮސްފައި ބޯ ހޫރާލިއެވެ. ޑޮކްޓަރު ނުބުނިކަމުގައި ވިޔަސް ހައިކަލްއަށްވެސް ސްކޭނުން ހުރިހާކަމެއް ހާމަވިއެވެ. ސަލްވާގެ އަތުގައި ހިފާލެވުނުއިރު ސަލްވާވެސް އެއަތަށް ބާރުކޮށްލިއެވެ. އަދި ހައިކަލްގެ މޫނަށް ބަލަންއޮތީ އުއްމީދާއިއެކުގައެވެ.

"ޑޮކްޓަރ ހައިކަލް. އައިމް ސޮރީ. ކުއްލިއަކަށް މިހެންވާންވީ ސަބަބެއް އަޅުގަނޑަކަށްވެސް ނުވިސްނުނު. ހުރިހާކަމެއް ރަގަޅަށް ގޮސްފައި........."

"ކީއްވެ ޑޮކްޓަރ ތިހެން ބުނީ. އިޒް ދަ ބޭބީ އޯކޭ؟" ސަލްވާ ކުއްލިއަކަށް ތެދުވާން އުޅުނެވެ.

ޑޮކްޓަރު ލަފާދެއްވީ މެޑިކަލް އެބޯޝަނެއް ހެއްދުމަށެވެ. ކޮޓަރިއަށްގޮސް ވެސް ސަލްވާގެ ރުއިން ހުއްޓުނީ އެތައް ވަރުންނެވެ. ހައިކަލް ވަރަށް ވާހަކަ ދައްކައިގެންނެވެ. ސަލްވާ އެހާ ބިރުވެސް ގަތެވެ. ސިޒޭރިންއަކަށް ކުރި އުއްމީދުވެސް ދިޔައީއެވެ. ވިހެއުމުގެ ތަދަށްވުރެ ވަކި ތަދުކުޑަވާނެހެނެއް އޭނައަކަށް ހިޔެއްނުވެއެވެ. މިހާރުވެސް އުނަގަނޑުވެސް ފަޅައިގެން ގޮސްދާނެހެން ހީއެބަވެއެވެ. ހައިކަލް އޭނަގެ އާއިލާއަށްވެސް އެ ޚަބަރުދިނީ އެހެން ގޮތެއް ނެތިގެންނެވެ. އެންމެނަށްވެސް އެކަން އެނގެން ޖެހޭނެ ނޫންހެއްޔެވެ؟ އުފާކުރާ މީހަކު އުފާކުރަންވީއެވެ. އެހެނޭ ކިޔާފައި ސިއްރުކުރުމުގެ މާނައެއް ހައިކަލްއަކަށް ނުފެނުނެވެ.

އަޒަލްއާއި އާޒީން ސަލްވާ ދެކެން އައެވެ. އެކުދިންގެ ހިމޭންކަން ހައިކަލްއަށް މާނަކުރެވުނީ ދެރަވެފައި ތިބީކަމުގައެވެ. ހިނގައިގެން އުޅޭ ކަންތައްގަނޑު ހައިކަލްއަށްވަނީ ވަންހަނާކުރެވިފައެވެ.

މެހެރީނާއާއި ރައުދާ ގްރީން ޓީ ބޯން އުނދޯލި ގޭގައި ތިބިއިރު ދެމީހުންވެސް ތިބީ ނިކަން ހަމަޖެހިފައެވެ.

"އެބޯޝަނެއް ވުމަށްފަހު އަލުން ކޮންސީވް ވާން ކިހާ ދުވަހެއް ނަގާފާނެ؟ " މެހެރީނާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"ޓޫ ވީކްސް ތެރޭގައިވެސް އަލުން ޕްރެގްވެދާނެ. އިޓް ޑިޕެންޑްސް. ހަމަ ބްލީޑްވަނިކޮށްވެސް އޮވިއުލޭޓްވެދާނެ......" ރައުދާގެ ތުންފަތްމަތިންވެސް ހިނިތުންވުން ގެއްލުނެވެ.

"އޯ އެމް ޖީ. އެކަމަކު ވިހެއީމަ ސާޅީސް ދުވަހުން ދޯ ހިނައިގަނެވޭނީ. ސޯ ނޯ ވޮރީސް. ދީނީ މީހުންވީމަ ހަޒްބެންޑަށް ކައިރިވިޔަކަ ނުދޭނެ ދޯ. އަހަރެން ހިތަށް އަރާ އެކަހަލަ ވައްހާބީއަކާއި ދޮންބެ ކަހަލަ މޮޑަން މީހަކާއި އެކު ބެޑްރޫމްގައި އުޅޭނީ ކިހިނެއްބާވައޭ. ރޮމެންސްގެ ކަންފުޅެއްވެސް ނަހައްދަވާނެ. ވަރަށް ފޫހި ކުއްޖާގަނޑެއް. ނޭގޭ ކޮންކަހަލަ ސިހުރެއް ކަމެއް ދޮންބެއަށް ޖައްސައިގެން އުޅެނީ.........." މެހެރީނާއަށް ރަގަޅަށް އޮޅުން ނުފިލާ އޮތުމުން އެކަމާއި އެވަރަށް ވިސްނާލުމެއްނެތި ހިތަށް ފެނުނުގޮތަކަށް ވާހަކަދެއްކިއެވެ. ރައުދާއަށްވެސް ވީ އެވަރެވެ. ދީނުގައި އެކަން އޮތްގޮތް ސާފުނުވުމުން އެމީހުނަށް ހަމަޖެހުމެއްލިބި ސަލްވާއަށް ލިބުނު ދެރައަށް އުފާކޮށް އެކަމާއި ވާހަކަދައްކަން އެތައް އިރެއްވާންދެން ތިއްބެވެ.

އަޒަލްއާއި އާޒީން ކުޑަކޮށް ޝޮޕިން ހަދާލުމަށްފަހު ޖޫގޯބޯން އާޓިފިޝަލް ބީޗްގެ ދިގު ގޮނޑިއެއްގައި އިށީދެލައިގެން ތިބިއިރު ދެކުދިންވެސް ސިއްރު ވާހަކައެއްދެއްކިއެވެ.

"ވަރަށް ހީވޭ ޕޭންކޭކާއި ގުޅުމެއް ހުރިހެން. މެހެރްދައްތަ ހެދުނުވެސް އޭނައަށް ޕޭންކޭކު ކާންދިނޭ........" އާޒީންއިނީ ބިރުގެންފައެވެ. އޭނައަށް އޮޅިގެންވެސް އެކަމާއި ބައިވެރިވެވުނު ކަމަށްޓަކައެވެ. ދުޝްމިނަކަށްވެސް އެފަދަ ދެރައެއްދޭން އާޒީންއަކަށް ލާހިކެއްނޫނެވެ. މެހެރީނާ އުޅުނުގޮތުން އާޒީންއަށް ޝައްކުވާން ފެށުމުން އަޒަލްއާއި އެވާހަކަ ހިއްސާ ނުކޮށް ނުހުރެވުނީއެވެ. އެ ޕޭންކޭކަށް ބޭހެއް އަޅާފައި ސަލްވާއަށް ކާންދިނުމުން ދަރިފުޅު ބައިގެން ދިޔައީ ބާވައެވެ.

"ގޯޑް ނޯސް، ވެދާނެ ދެން ނަހަލާލު ކުއްޖެއްވީމަ ބޭބީއަށް އެންމެ ރަގަޅީވެސް އެގޮތަށް ވީމަކަމަށް. އެކަމަކު ވަރަށް ހިތް އެބަތެޅޭ. ޑޭޑްއަކީ ޑޮކްޓަރެއް. ވަޓް އިފް ދޭ ފައުންޑް އައުޓް ސަމް ހައު. ވަޓް އިފް ހީ އާސްކް މީ. ޑޭޑް ކައިރީ ދޮގުހަދާކަށް ނުކެރޭނެ. އެކަމަކު ކޭކު ހެދީ މެހެރްދައްތައޭ ބުނެފިއްޔާ ބައްޕަ ކިހާ ރުޅިދުރުވާނެ........."އާޒީން އަހާލިއެވެ.

"ރިލެކްސް އާޒް. އާޒްގެ ފޯލްޓެއްނޫން އެއީ. އަމިއްލަ ނަފުސް ކުށްވެރިކުރާކަށް ނުވާނެ. އަހަރެމެންނަށް ނޭގެއޭ ބުނީމަ އެވީ. ސީރިޔަސްލީ އާޒްއަކަށް ނޭގުނެއްނު...." އަޒަލްގެ ހިތްވެސްވަނީ މިލާފައެވެ. ބައްޕަގެ ނޫނީ ވިޝާމްގެ ބޭބީއަކަށްވިޔަސް އަޒަލް އެ ބޭބީ ދެކެން ބޭނުމެވެ. ކޮންމެ މީހެއްގެ ވިޔަސް ތުއްތު ދަރިފުޅު މައުސޫމްވާނެ ނޫން ހެއްޔެވެ؟ އެކުއްޖާގެ އޮންނާނީ ކޮން ކުށެއްހެއްޔެވެ؟ އެދަރިފުޅު ނައްތާލަން އެއްވެސް މީހަކު މަސައްކަތްކުރަންވީ ކީއްވެބާވައެވެ. ބޮޑުދައިތަ މެހެރީނާ އެހާ ހިތްހަރުވާނެ ބާވައެވެ. އެފަދަ ކަމެއްކުރާނީ ރަހުމްގެ ކަންފުޅެއްވެސް ނެތް މީހެކެވެ.

މާއިޒް ރޯޒްމެހެލްއިން ދިޔުމުން އެގޭގެ އެންމެނަށްވެސް ފުން ހިތާމައެއް ލިބުނެވެ. އަބުދުލްއަޒީޒު ގަދަޔަށް ހުން އައިސް އޮތްވާ ހައިކަލް ހާލު ބަލައިލަން ވަނުމާއިއެކު އެންމެ ކުރިން އެހީ މާއިޒްގެ ވާހަކައެވެ. މާއިޒް ގެނެސްދޭން އެދުނެވެ. މާއިޒްއަކީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްކަން އެމީހުނަށް އެނގޭއިރު ހައިކަލްއަށް ނޭގުނީ މާ ކުރިންވެސް އަބުދުލްއަޒީޒުއަށް މާއިޒްގެ ހަގީގަތް އެނގޭކަމެވެ. އެއީ ރޯޒްލީންގެ ދަރިފުޅުކަން އަބުދުލްއަޒީޒުއާއި ޒައިތޫނަށްވެސް އެނގެއެވެ. ޒައިތޫން ރޯޒްލީންއަށް ހަރުކަށިކަން ދެއްކިކަމުގައި ވިޔަސް މާއިޒްގެ ތުއްތު ސޫރަ ފެނުނުއިރުއްސުރެން އެހިތުގައި ނިމުމެއްނެތް ލޯތްބެއް އުފެދުނެވެ. ރޯޒްލީން ކުރި ކުށް އެދަރިފުޅުގެ ބޮލުގައި އަޅުވަން ޒައިތޫންވެސް ފަސްޖެހުނެވެ. މައުސޫމްކުދިންނަކީ ސާފު ތާހިރުގޮތެއްގައި ދުނިޔެއަށް އައިސްފައިވާ ބަޔެކެވެ. އެދަރިފުޅު ހައިކަލް ދަރިއަކަށް ހަދައިގެން ބަލަން ފެށުމުން ހުރިހާ ބޮޑުދައިތަމެންގެ ފަރާތުންވެސް އެހާ ލޯބި ލިބުނެވެ. މެހެރީނާ ފިޔަވައެވެ. މެހެރީނާ މާއިޒްއާއި ޖައްސާލާފައި ހުންނަގޮތުން ހަސަދައެއް ފިލުވަން އުޅޭފަދައެވެ.

"ކޮންމެ މީހެއްގެ ދަރިއަކަށްވިޔަސް ބައްޕަމެން މާޒް ބަލާބޮޑުކުރީ ކާފަދަރިއެއްފަދައިން. އެހެންވީމަ ދުވަހަކުވެސް އެކަމެއް ބަދަލެއްނުވާނެ......" އަބުދުލްއަޒީޒު ބުނުއްވިއެވެ.

ހައިކަލް ވަގުތުން މާއިޒްއަށް ގުޅިއެވެ. ބައްޕަ ބަލިކަމަށާއި މާއިޒް ދެކެން ބޭނުންވާ ކަމުގައި ބުނެލިއެވެ. ދިހަވަރަކަށް މިނިޓްތެރޭގައި މާއިޒް ހުރީ އޭނަގެ ކާފަކައިރީގައެވެ. މިއަދު މާއިޒް މިގެއަށްވަނީ އަނެއްކާވެސް އަމިއްލަ ގެއެއްކަމުގައި ދެކެގެންނެވެ. ކުރިން ކުރެވުނު ބީރައްޓެހި އިހުސާސްތައްވެސް ފިލާ އަނެއްކާވެސް އަމިއްލަވަންތަކަން އިހުސާސްކުރެވިއްޖެއެވެ. މާއިޒް ލޯބިވާ ކާފަގެ ގައިގާ ބައްދައިލީ ލޯތްބާއިއެކުގައެވެ.

މާއިޒް އާއި ވިޝާމް އެކީގައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައީ ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ހެމުންނެވެ. ދެޒުވާނުން ސޯޓާއިއެކު ޓީޝާޓުލައިގެން ނުރަސްމީކޮށް ތިއްބަސް ޓޭންވެފައިވާ ރީތި ހަށިގަނޑުން އަންހެންކުދިންގެ ހިތްތަކުގެ ވިންދު އަވަސްކުރުވާނެކަން ގައިމެވެ. އާޒީން ރެއިލިންއަށް ލެނގިލައިގެން އެއްޗެއް ކާން ހުރެފައި މާއިޒް ފެނުމުން ސިހުނެވެ. އަތުން ސަމުސާވެސް ދޫވިއެވެ.

"އަނގަ ލައްޕާލަ. މެއްސެއް ވަދެދާނެ..." ވިޝާމް އަރާ ހަމަވެފައި އާޒީންއާއި ދިމާކޮށްލަން ކިޔައިލިއެވެ. އާޒީން ލަދުން މަރުވާވަރުވިއެވެ. އެކަން ފޮރުވަން ހީގަތެވެ.

"ގޭތެރެއިން ސްޓްރޭންޖަރއެއް ފެނުނީމަ ޝޮކެއްގައި މިހިރީ........" އާޒީން ގުދުވެ ސަމުސާނެގިއެވެ. އޭރުވެސް އޭނަގެ ހިތް ހީވީ މެރެތަން ރޭހެއްގައި ދުވެ ނިންމާލާފައި އައިހެންނެވެ. އެހާވެސް ބާރަށް ތެޅުނެވެ. މާއިޒް ގެއަށް އައުމުން ހިތަށް ލިބުނު އުފާ ބުނެދޭކަށްވެސް ނޭގެއެވެ. އެއް ފުރާޅެއްގެ ދަށުގައި ހުރެވޭކަމީ އޭނަގެ ނަސީބެވެ. އާޒީން ހީކުރީ ދުވަހެއްގެ ކޮޅުންވެސް މާއިޒް ރޯޒްމެހެލްއާއި ކައިރިނުވާނެ ކަމުގައެވެ.

މިސޮޕްރޮސްޓް ބޭނުންކުރުމުން ލޭފޭބިލެއް ގިނަކަމުން ސަލްވާ ބިރުވެސް ގަތެވެ. އަލަށް އެފަދަ ކަމެއް ދިމާވުމުން ހާސްވުމުގެ އިތުރުން އެހާ ބޮޑަށް ހިތަށް އަސަރުކުރިއެވެ. އަޒަލްއާއި އާޒީން ތިބީ އެހާ މޫޑީވެފައެވެ. ހިނިތުންވުމެއްވެސް ނެތެވެ. އެކުދިންނަށްވެސް އެކަމާ ހާދަ ވަރެއްވެއްޖެއޭ ސަލްވާގެ ހިތަށް އެރިއެވެ. އަޒަލްވެސް އެހާ ވަރުން ކޮއްކޮއެއްގެ އުއްމީދުގައި ހުއްޓާ އެކުދިން ދެރަކޮށްލެވުނީއެވެ. ކޮންމެގޮތެއް ވިޔަސް ބަލިވުމުން ހައިކަލްގެ އަޅާލުމާއި އޯގާތެރިކަން ލިބުނީ ހީނުކުރާހާ ބޮޑަށެވެ. ސަލްވާ ހެއްދެވިފަރާތަށް ވަކީލުކުރިއެވެ. އޭނައާއި ހައިކަލްއަށް ދަރިން ލިބުމަށް އެދި ދުޢާކުރެވުނެވެ. ޒިކުރުކުރުމުން ހިތާމަތައް ލުއިވިއެވެ. އޭގެ އިތުރުން ހައިކަލްގެ ރީތި ހިނިތުންވުމާއި އޯގާތެރި ފިރުމުންތައް ވެސް ފަރުވާއަކަށްވިއެވެ.

ވިޝާމް ދަނޑިވަޅު ބަލާފައި ކޮޓަރިއަށްވަދެ މަލާއިއެކު ކާޑެއް ގެނެސްދިނެވެ. ވާސްގައި ޖަހާލަދިނެވެ. އެފަދަ ހަނިދޭތެރެއަކުން ވަދެ އެގޮތަށް ކަންތައްކުރުމުން ސަލްވާއޮތީ ބިރުންނެވެ. އެކާޑުގައި ލިޔެފައިވާ އެއްޗަކާއިމެދުވެސް އޭނަ ހާސްވިއެވެ. ނަރުސް އަންހެންކުއްޖާ ހުރީ ފާޑަކަށެވެ. އެހާ ރީތި މާތަކެއް ގެނެސްދިނުމުން އެކުއްޖާ ގެ ހިތް ހަސަދައިން ފުރުނެވެ. ސަލްވާ ހާދަ ނަސީބުރަގަޅޭ ހިތަށް އެރިއެވެ. ވިޝާމް ނުކުތްތަނާ ފަސްމިނިޓް ނުވަނީސް ހައިކަލް ވަނެވެ. ގަދަ މުށިކުލައިގެ އަތްދިގުގަމީހާއި ކަޅުފަޓުލޫނުގައި ހުރިއިރު ހިތްގައިމުކަމުން ސަލްވާ އޮތީ ދުރު ބަލައިލާ ހިތްނުވެފައެވެ. ހައިކަލްގެ ލޮލުގައިވެސް މާބޮނޑި އަޅައިގަތެވެ. މާތައް ރީތިވެގެން އަތްލިއެވެ. ކާޑު ބަލާލާފާނެތީ ސަލްވާ އޮތީ ނޭވާ ހިފަހައްޓައިގެންނެވެ.

"ހުރިހާ ވާހަކައެއް ކިޔާދޭންވީ. ހީޒް މައި ހަޒްބެންޑް. އެއްވެސް ކަމެއް ސިއްރުކޮށްފައި ބާއްވައިގެން ނުވާނެ. ފިރިމީހާއަށް ކަންތައް ސިއްރުކޮށްގެން ހުރުމުން ފާފަވެރިވެދާނެ. އެއް އިރެއްގައި ވިޝާމް އަކީ އެންމެ ކްލޯޒްކޮށް އުޅުނު ފަރާތް. ހުރިހާ ސިއްރުތައް ހިއްސާކުރި އެންމެ ގާތް އެކުވެރިޔާ. ނަމަވެސް އެއީ މާޒީކަން ހައިކަލްއަށް އޮޅުން ފިލުވާދޭން އަހަންނަށް މަޖުބޫރުވާނެ. ނޫނީ ހައިކަލްގެ ހިތުގައި ސުވާލުތައް އުފެދޭނެ. ވިޝާމް އުޅެނީ އަހަރެމެން ދޭތެރެއަށްވަންނަން ބާވައޭ ހިތަށް އަރާ. ޑައިރީ ކިޔާލާފައި ރަގަޅަށް އެނގޭނެ ހައިކަލްދެކެ ލޯބި މިވާ ވަރާއި ހައިކަލްއާއި ނުލާ މިހާރު އުޅުމަކީ އަހަންނަށް ކުރެވޭނެކަމެއް ނޫންކަން. އަބަދަށްޓަކާ އުޅެން ބޭނުންވާ ފަރާތަކީ އެކަނި އެއީ......" ސަލްވާ ވިސްނާލާފައި ހައިކަލްއަށް ގޮވާލީ ހަގީގަތް ހާމަކޮށްދިނުމަށެވެ. ވިޝާމްގެ ހަގީގަތް ކިޔާދީގެން ނޫނީ އޭނަގެ ބޮލުގައި މިވާ ރިހުން ކެނޑޭނެ އެހެންގޮތެއްނެތެވެ. އޭނަގެ ކުށެއްނެތި އޭނަ ދޫކޮށްލުމަކީ ހައިކަލްފަދަ ހަރުދަނާ މީހަކު ކުރާނެކަމެއް ނޫނެވެ. އަދި އަޒަލް ވިޝާމްއާއިއެކު އުޅެން ހުރެއްޖެއްޔާ އެ ފުރުސަތު ވިޝާމްއަށް ދޭނެއެވެ. ނަމަވެސް އޭނަ މިހާރު ބޭނުމީ ރޯޒްމެހެލް ނޫން އެހެން ގެއަކަށް ބަދަލުވާށެވެ. ވަކިން ދިރިއުޅެގެން ނޫނީ މި ކައިވެނި ސަލާމަތެއް ނުކުރެވޭނެކަން ހައިކަލްއަށް އަންގަން ސަލްވާ މިހާރު ބޭނުމެވެ.

"އައި ހޭވް ޓު ކޮންފެސް......" ސަލްވާގެ ހިތް އޭރު މުޅިން ފިނިވެއްޖެއެވެ. ރަޖާ އަތުތެރޭގައި ބޮނޑިކޮށްލައިގެން އޮތްއިރު އެ ވިދާ ދެލޯވަނީ ސީލިންއަށް ހުއްޓިފައެވެ.

(ނުނިމޭ)

comment ކޮމެންޓް