މެންބަރު އައްސަދާއި މަހްލޫފް މާރާމާރީ ހިންގި ވީޑިއޯ އާންމުކޮށްލައިފި

މެމްބަރު މަހްލޫފު އާންމު ކުރި ވީޑިއޯގެ ސްކްރީން ޝޯޓެއް

ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މާރާމާރީ ހިންގި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.

މެމްބަރެއްފެ ފޯނުން ނަގާފައިވާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ މަހުލޫފެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި މަހުލޫފު ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިންޓަވިއުއެއް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާށެވެ. އަދި ފަހަތުން ކުއްލިއަކަށް އައިސް އައްސަދު ވަނީ މަހުލޫފްގެ އަތް މަތީ ޖަހާ ފޯނު ވައްޓާލުމަށްފަހު ފޯނު މައްޗަށް އެރުމަށް މަސަތްކަތްކޮށްފަ އެވެ. އެވަގުތު މަހްލޫފް ލައިވް ކުރަމުންދިޔަ ވީޑީއޯ ވެސް ވަނީ ކެނޑިފައެވެ.

މަހްލޫފް ފޯނު ނެގުމުން އައްސަދު އޭނާ ކައިރިއަށް އަންނަން ފެށުމުން މަހްލޫފް ވަނީ އޭނާ ކޮށްޕާލާފަ އެވެ. އެވަގުތު ކެލާ ދާއިރާގެ ޕީޕީއެމް މެންބަރު އަލީ އާރިފް އައިސް މަހްލޫފު ގައިގަ ބައްދައިގަނެ އޭނާ ދުރުކުރެއެވެ. އައްސަދު ދުރުކުރުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވަޑައިގަތުމުން އޭނާ ވެސް ކޮށްޕާލާ މަންޒަރު ފެނެއެވެ.

އެހު ރިހާ ކަމެއް ހިނގިއިރު މަޖިލީހުގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިން ވެސް ތިއްބެވެ. ނަމަވެސް އެ ސިފައިން ތިބީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ހިމާޔަތުގައި ރިޔާސަތު ވަށާލައިގެންކަން ވެސް ފާހަގަކޮށްލެވެއެވެ.

މަހްލޫފް އެ ވީޑިއޯ ޓުވީޓާގައި ޕޯސްޓް ކުރަމުން ލިޔެފައި ވަނީ އައްސަދު އޭނާއަށް ހަމަލާދިނުމަށްފަހު އެވަރުން ވެސް ހިތް ހަމަނުޖެހިގެން ގޮސް މުބީނަށް ވެސް ހަމަލާދިނީ ކަމަށެވެ.

މަހްލޫފްގެ ތުހުމަތުތައް ދޮގު ކުރައްވައި އައްސަދަ ވިދާޅުވީ އޭނާ މަޖިލީހަށް ދަނީ މެންބަރުންނާ މާރާމާރީ ހިންގަން ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އޭނާ އަށް ހަމަލާދީގެން އޭނަ އަތުގައި އޮތް ފޯނެއް ވައްޓާލުމަށް މަސަތްކަތެއް ނުކުރަން. އަޅުގަނޑުމެންގެ މީހެއްގެ އަތުން ޖެހިފައި ފޯނެއް ނުވެއްޓޭ ކަމެއް ނޭންގެ. އަޅުގަނޑަށް އެނގިފައެއް ވެސް ނެތް ތިފަދަ ކަމެއް ވީ ކަމެއް ވެސް،" އައްސަދު ވިދާޅުވިއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އައްސަދަށް ގޮވައި ގަޔަށް އަތް ނުލުމަށް ނަސޭހަތްތެރިވާ އަޑުވެސް އިވެއެވެ.

މަޖިލީހުގައި އިހްތިޖާޖު ކުރަމުންދާއިރު އިއްޔެ ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަށް ހަމަލާ ދޭ ވިޑީއޯ އެއްވެސް އާންމުކޮށްފައެވެ.

މަޖިލިސް ތެރޭގައި ހަމަނުޖެހުން ބޮޑުވެ މާރާމާރީ ހިންގަމުންދާއިރު ސަރުކާރަށް ތާއިދުކުރާ މެންބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ފުލުހުންނަށް އެ މައްސަލަތައް ތަހްގީގު ކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް