ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް އެމެރިކާއިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކޭޝަޕް، ވީޑިއޯ މެދުވެރިކުރައްވައި ވިދާޅުވީ މި ދެތިން ދުވަހު މަޖިލީހުގެ ތެރެއިން ފެނިގެންގޮސްފައި ވަނީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި މަޖިލީހުގެ މަސަތްކަތް މިނިވަންކަމާ އެކު ކުރިއަށް ގެންދެވޭނެ މާހައުލެއް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
"އަހަރެން ގޮވާލަން ދިވެހި ސަރުކާރަށް މަޖިލިސް މިނިވަންކަމާ އެކު ދިވެހި ރާއްޖޭގެ ހެދިފައި ހުރި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް،" އަތުލް ވިދާޅުވިއެވެ.
ޑިމޮކްރެސީއެއް ފުރިހަމަވުމަށް މަޖިލީހަކީ މުހިންމު މުއައްސަސާއެއްކަން ފާހަގަ ކުރައްވައި އަތުލް ވިދާޅުވީ އެމެރިކާ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާ އެކު ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސަތްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އިހްތިޖާޖު ކުރަން ފެށީ 45 މެންބަރުންގެ ސޮއާ އެކު ހުށަހެޅި އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ކުރުމުންނެވެ.