ބީއެމްއެލްގެ އޭޓީއެމްތައް 70 ޕަސެންޓު އިތުރުކޮށް، ބްރާންޗުތަކުގެ އަދަދު 30 ޕަސެންޓް އިތުރުކޮށްފި

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ޑޮލަރު އޭޓީއެމް އަކުން ޑޮލަރު ނަންގަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފާއިތުވި ތިން އަހަރު ދުވަސްތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގެ އަދަދު 70 ޕަސެންޓު އިތުރުކޮށް، ބްރާންޗުތަކުގެ އަދަދު 30 ޕަސެންޓު އިތުރުކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިވީ ތިން އަހަރު ދުވަސްތެރޭ އާ 36 އޭޓީއެމް ބެހެއްޓި، ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެއީ އޭރު ހުރި އޭޓީއެމްތަކުގެ 70 ޕަސެންޓު އިތުރުވުމެއް ކަމަށެވެ. އަދި އާ ބްރާންޗުތަކުގެ އަދަދު 30 ޕަސެންޓަށް އިތުރުވެ ޖުމްލަ އަށް ބްރާންޗު ހުޅުވާފައިވާ ކަމަށެވެ.

"ތިޔަ ބޭފުޅުންގެ ބޭންކުން މިހާރު މިދަނީ އިތުރު ބްރާންޗުތަކާއި އޭޓީއެމްތައް އަދި ކޮމިއުނިޓީ ޕްރޮޖެޓުތައް ކުރިއަށްގެންދިއުމަށް އިންވެސްޓު ކުރަމުން. އެގޮތުން މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ބޭންކުގެ އޭޓީއެމްތަކުގެ އަދަދު ވަނީ 70 ޕަސެންޓު އިތުރުވެ އާ 36 އޭޓިއެމް ހުޅުވާފައި. އާ ބްރާންޗުތަކުގެ އަދަދު ވަނީ 30 ޕަސެންޓު އިތުރުވެ އާ އަށް ބްރާންޗު ހުޅުވާފައި،" ހިއްސާދާރުންނާ ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވި އެވެ.

އިތުރުކޮށްފައިވާ އަށް ބްރާންޗުގެ އިތުރުން ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޖެންޓުން ގާއިމްކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފާއިތުވި އަހަރު ދުވަސްތެރޭ ކްރެޑިޓް މެނޭޖްމެންޓް ހަރުދަނާކޮށް ލެންޑު ކުރި ފައިސާގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި އާ ލޯނުތަކުގެ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އަދި ނޮން ޕާފޮމެންސް ލޯނުގެ މިންވަރު މިދިޔަ ތިން އަހަރު ތެރޭ މަދު ކުރުމަށް ކުރި މަސައްކަތުން އެބާވަތުގެ ލޯނުގެ މިންވަރު 50 ޕަސެންޓު މަދު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް އާންމު ވިޔަފާރިތަކަށް އެއްބާރުލުން ނުދޭ ވަރަށް މިހާރު އެބޭންކުން އެއްބާރުލުން ދޭ ކަމަށެވެ. އެގޮތުން ން މިދިޔަ އަހަރު ތެރޭ ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަހުނަކާ ނުލައި ދޫކުރާ ބީއެމްއެލް ރީޓެއިލާސް ލޯނު ސްކީމުގެ ދަށުން ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް މި ބޭންކުން ސަރުކާރުގެ 29 ގިންތީއެއްގެ ލޯނު އެބަ ދޫކުރަން. އެއީ އެއް ބިލިއަން ރުފިޔާއާ ހަމަކުރާލޯނުތަކެއް. މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ އެމްއެމްއޭގެ ކްރެޑިޑް ގެރެންޓީ ސްކީމުގައި ބައިވެރިވެފައި. އެ ސްކީމުގެ ދަށުން މެދު އަދި ކުދި ވިޔަފާރިތަކަށް ސެކިއުރިޓީއާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރޭ. އަޅުގަނޑުމެން ވެފައި ވަނީ އެ ސްކީމުގައި ބައިވެރިވި ފުރަތަމަ އަދި ހިއްސާގެ ގޮތުން އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ ބޭންކަށް،" އެންޑްރޫ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި މިއަހަރު ތެރޭ ފެށި "ދިވެހިންގެ ބޭންކް، އަހަރެންގެ ބޭންކް" ކޮމިއުނިޓީ ކެމްޕެއިންގެ ދަށުން އެކި ރަށްތަކުގައި 30 ޕްރޮޖެކްޓަކަށް ބޭންކުން ދަނީ އިންވެސްޓު ކުރަމުންނެވެ.

"މިހާރު މި ބޭންކުން މި ދޫކުރާ ލޯނުތަކަކީ މީގެ ކުރިން މި ބޭންކުން ދުވަހަކު ވެސް ދޫނުކުރާހާ ބޮޑެތި އަދި އަގުގެ ގޮތުން ބަރުދަން ހުރި ލޯނުތަކެއް. އެގޮތުން ގެދޮރުވެރިކަމާއި ވިޔަފާރިތަކަށް ޚާއްސަ ލޯނުތައް މިދަނީ ދޫކުރަމުން. އަޅުގަނޑުމެން މިވަނީ 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ބޭންކުގައި ހުޅުވާފައި. އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ އަދަދު 150 އަށްވުރެ އިތުރު ކުރުން." އެންޑްރޫ ވިދާޅުވި އެވެ.

comment ކޮމެންޓް