ބިސް ކަމަށް ޝައްކު ކުރެވޭ އެއްޗެއް މެންބަރު އައްސަދު ގެންގުޅޭ ވީޑިއޯއެއް އާންމުވެއްޖެ

މިއަދުގެ މަޖިލީހުގައި ބައެއް މެންބަރުންނާއި ދޮރަށް ބިސް ޖަހާފައި ---

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ދެމެދުގައި ބިހުގެ ހަމަލާ ބަދަލުކުރުންތަކެއް ހިނގާފައިވާ އިރު ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު ބިސްކޮތަޅެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ގެންގުޅޭ ވީޑީއޯއެއް އާންމުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާ އިރު ޖަލްސާގަ އާއި ޖަލްސާއަށް ފަހުގައި ވެސް އެތާންގެ ތެރޭގައި އޮތީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާ ދެމެދު ޒުވާބާއި މާރާމާރީ ހިންގުމުގެ އިތުރުން ބިސް ޖެހުމެވެ.

މަޖިލިސް ފެށުމުގެ ކުރިން ރިޔާސަތު ހިމެނޭ ސަރަހައްދަށް ވަނީ ބިސްޖަހައިފަ އެވެ. ސަރުކާރާށް ތާއިދުކުރާ މެންބަރުން ބުންމުން ދަނީ މަޖިލިސް ރައީސް އަބްދުﷲ މަސީހް އިންނަވާ މޭޒުމައްޗަށް ބިސްޖަހާފައި ވަނީ އިދިކޮޅު މެންބަރުން ކަމަށެވެ. އަދި ބިސްޖަހާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލީފް ކަމަށް ވެސް އެ މެންބަރުން ތުހުމަތު ކުރައްވަ އެވެ. ނަމަވެސް މަހްލޫފް އެތުހުމަތުތައް ދޮގުކުރެއެ އެވެ.

މިއަދުގެ މަޖިލިސް ފުށުނީވެސް މިދިޔަ ތިން ޖަލްސާއެކޭ އެއްގޮތަށް ރިޔާސަތު ވަށައިގެން ސިފައިންގެ ހިމާޔަތުގަ އެވެ. އިދިކޮޅު މެންބަރުން ދިޔައީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަށް އެ ގޮޑީގައި އިނުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ "ފޭބުމަށް" ގޮވަމުންނެވެ. އެ ގޮވެލިފަތީގެ ތެރޭގައި ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ އެކަކު އަނެކަކުގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފަ އެވެ. އަދި އެ މަންޒަރުތައް ވަނީ އާންމުވެފަ އެވެ.

ޖަލްސާ ނިމުނު ފަހުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހުމް މުހައްމަދު ސޯލިހު(އިބޫ) އިންނަވާ ކޮޓެރިކޮޅަށް ވަނީ ބިސް ޖަހައިފަ އެވެ. އެ މަންޒަރު ފޭސްބުކު ލައިވްކުރަމުންދިޔަ ހުޅުމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިބޫގެ ކޮޓެރިކޮޅަށް ބިސްޖަހާފައި ވަނީ ނައިބް ރައީސް ރީކޯ މޫސާ މަނުކު ކަމަށެވެ. ނަމަވެސް ރީކޯ ވެސް ވަނީ އެތުހުމަތުތައް ދޮގުކޮށް އޭނޭގެ ގައިކޮޅަށް ގަމު ދާއިރާގެ ،މެންބަރު ފައްޔާޒް އިސްމާއިލް ބިސް ޖަހާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑެއް ނުޖަހަން އެއްވެސް ތަނަކަށް ބިހެއް. ފައްޔާޒު އިސްމާއިލް އެދިޔައީ އަޅުގަނޑުގެ ގަޔަށް ބިސްޖަހައި ކަންފަތްމަތީގައި ޖަހާފައި،" މޫސާ މަނިކު ވިދާޅުވި އެވެ.

އެއްވެސް ވީޑީއޯ އަކުން އަދި ފޮޓޯ އަކުން ވެސް ބިސްޖަހާ މަންޒަރު ފެނިފައި ނުވި ނަމަވެސް މަހްލޫފް އާންމުކުރި ވީޑިއޯ އަކުން ވަނީ ބިސްކޮތަޅެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފަ އެވެ.

އެ ވޯޑިއޯ އިން ފެންނަ ގޮތުގައި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު ގޮޑިކޮޅުގައި އިށީދެ އިންނެވި އިރު ނޫކުލައިގެ ކޮތަޅެއްގައި ހުދު ކުލައިގެ ވަށް އެއްޗިިހިތަކެއް ހުއްޓެވެ. އަދި މަހްލޫފް އެއެއްޗެތި ދެއްކުމަށް އެދުމުން ވެސް އައްސަދު އިންނެވީ ވަރަށް ހަމަޖެހިލައިގެން އަގައިނެ ވެސް ނުބުނު އެވެ. އެކަމާ ގުޅިގެން އައްސަދުގެ ބަހެއް ހޯދާލުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް